Close
ޚަބަރު

ކުރީންވެސް ގެއްލިގެން ހޯދި ކުއްޖަކު އަނެއްކާވެސް ހޯދަން އިއުލާނުކޮށްފި

ރިފާ ހަލީލު

މާލެއިން ކުޑަ އަންހެން ކުއްޖެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާއިން "ވަން" އަށް މިއަދު ބުނީ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން މިމަހުގެ 18 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި ރިޕޯޓާއި ގުޅިގެން ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

ގެއްލިގެން ހޯދަމުން އަންނަނީ މާލޭގައި ދިރިއުޅޭ ތ. ދިޔަމިގިލި، އާގިސާމަންޒިލް، ޒީކް ބިންތި މުހައްމަދު ރިޔާޒު (15އ) އެވެ. އޭނާ މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައިވެސް ގެއްލިގެން ވަނީ ހޯދާފައެވެ. އޭރު އަޑު ފެތުރުނު ގޮތުގައި އޭނާ ފިލީއެވެ.

ޒީކްގެ ބައްޕަ މުހައްމަދު ރިޔާޒު "ވަން" އަށް މިއަދު ބުނީ، ޒީކް ފިލީ ކަމަށެވެ. ފުރަތަމަ ފަހަރު ޒީކް ފިލައިގެން ދިޔައީ ރައްޓެހި ކުއްޖަކާއެކު ބޭރަށް ގޮސްލަނީ ކަމަށްބުނުމަށްފަހުގައި ކަމަށެވެ. އެފަހަރު ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ހޯދައި ވަރަށް ނަސޭހަތްދިން ކަމަށާއި ދިމާވެގެން އުޅޭ މައްސަލަ ކިޔައިދިނުމަށްވެސް އެދުނު ކަމަށް ބުންޏެވެ.

ރިޔާޒް ބުނީ ޒީކް ގެންދިޔަ ފޯނުން އާއިލާ އާއި ދަންނަ އެންމެންގެ ނަންބަރު ބްލޮކް ކޮށްފައިވާ ކަމަށެވެ. އެހެންވެ ރައްޓެހިންތަކެއް ލައްވައި އެ ނަންބަރަށް ގުޅި ކަމަށާއި ފޯނު ނެގިނަމަވެސް ހުރި ތަނެއް ނުބުނާ ކަމަށް ބުންޏެވެ. އެހެންކަމުން އަދިވެސް އޭނާ ނުފެންނަ ކަމަށް ބުންޏެވެ.

ޒީކް ފިލައިގެން ދިޔުމަށްފަހު، އެކި މީހުން ގާތު އޭނާގެ މަންމަ އާއި ބައްޕަ އަދި އާއިލާގެ މީހުން އޭނާ ގޭބަންދުކޮށް، ކާން ނުދީ އަނިޔާކުރާ ކަމަށް ބުނާ ކަމަށްވެސް ރިޔާޒު ބުންޏެވެ. އެހެން ނަމަވެސް ހަފުތާއަކު ދެ ފަހަރު އޭނާއާއެކު ގޭ އެންމެން ބޭރަށް ގޮސް ކައި ހަދާ ކަމަށާއި އޭނާ ހިތްހަމަޖައްސަން ކުރެވެން އޮތް ހުރިހާ ކަމެއްވެސް ކުރާ ކަމަށް ބުންޏެވެ.

"ކުރިން ފިލައިގެން ދިޔައިމަ ވަރަށް ބޮޑަށް އޭނާ ހިތްހަމަ ޖައްސައިގެން ގެންގުޅެވޭތޯ މަސައްކަތްކުރަން. ފިލީ މިދިޔަ ހޮނިހިރު ދުވަހު، ހުކުރު ދުވަހުގެރޭވެސް ފެމިލީ މީހުންނާއެކީ ޕިއްޒާ ކާންގޮސް ފިލްމު ބަލައި ހަދާފަ އޭނަ ހިތްހަމަ ޖެހޭ ހުރިހާ ކަމެއް ކޮށްފަ އަޅުގަނޑުމެން ގެއަށް އައިރުވެސް އެރޭ 1 ޖަހާ ބޮޑުވެދާނެ. އެކަމަކު މި ބުނަނީ ކާން ނުދެޔޭ، އަނިޔާ ކުރަނީއޭ. ގޭބަންދުގައޭ. މީހުން ހީކުރަނީ ތެދު ކަމަށް. އެކަމަކު އެއީ ދުވަހަކުވެސް އަޅުގަނޑުމެން ކުރި ކަމެއް ނޫން." އޭނާ ބުންޏެވެ.

ޒީކް ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރަމުން އަންނަ ކަމަށްވެސް އޭނާ ބުންޏެވެ. އަދި ޒީކަކީ ވަރަށް ސިކުނޑި ރަނގަޅު ކުއްޖެއް ކަމަށާއި ކިޔެވުމަށްވެސް މޮޅު ކުއްޖެއް ކަމަށް އޭނާ ބުންޏެވެ. ޒީކަކީ އެ ދެމެފިރިންގެ ތިން ވަނަ ދަރިއެވެ. ޒީކަށްވުރެ ކުޑަކޮށް ނުކުޅެދޭ ކުއްޖެއް ހުންނަ ކަމަށްވެސް ބުންޏެވެ.