އަގުބޮޑު ޕްރައިވެޓް ޖެޓެއްގައި އަންނަ ވީއައިޕީއެއް ނުވަތަ ފްލައިޓެއްގެ ފަސްޓް ކުލާހުގައި އަންނަ ފަތުރުވެރިއެއް މިސާލަކަށް ނަގާށެވެ. އެއީ މަޝްހޫރު ސެލެބްރިޓީއެއް ނުވަތަ ފައިސާވެރި މަހުޖަނެކެވެ. އޭނާ ރާއްޖެ އެ އަންނަނީ ގާތްގަނޑަކަށް ރެއަކަށް 30،000 ޑޮލަރު ހޭދަކުރަން ކަމަށްވެސް ހިޔާލަށް ގެންނާށެވެ.
ރާއްޖެ ފޭބުމަށްފަހު އޭނާ ރިސޯޓަށް ދާން ކުރަންޖެހޭ ދަތުރު ދިގެވެ. ފްލައިޓުން ފައިބައިގެން އެއާޕޯޓުގެ ވީއައިޕީ ލައުންޖުގައި މަޑުކުރުމަށްފަހު ރިސޯޓަށް ދާން އޭނާ ދެން އަރަނީ ލޯންޗަކަށެވެ. ނުވަތަ ސީޕްލޭނަކަށެވެ.
މިއީ ގަލްފް ކްރާފްޓްގެ ޕްރޮޑަކްޝަން ޖެނެރަލް މެނޭޖަރު ކޮސްޓަސް އޭނާ މިދިޔަ މެއި މަހުގެ ތެރޭގައި ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ކުރެއްވުނު ތަޖުރިބާއެވެ. ނަމަވެސް އޭނާއަށް އެ ތަޖުރިބާ ފުރިހަމައެއް ނޫނެވެ. މާލެ އަތޮޅު ރިސޯޓެއްގެ ދައުވަތަކަށް އޭނާ ކުރެއްވި އެ ދަތުރުގައި ރިސޯޓުން ފޮނުވި ލޯންޗު އޭނާއަކަށް އަރާމެއް ނޫނެވެ. ކޮސްޓަސް ވިދާޅުވި ގޮތުގައި، ވީއައިޕީ ފަތުރުވެރިންނަށް އެ ތަޖުރިބާ "ހޮރިބަލް" އެވެ.
ގަޑިއެއްހާއިރުގެ އެ ދަތުރު ނިމުނުއިރު، ރާއްޖޭގެ ފަތުރުވެރިކަމަށް އުނިވާ ބައެއް އޭނާއަށް ފާހަގަކުރެއްވުނެވެ. އެއީ ވީއައިޕީ ދަތުރުތަކަށް ހާއްސަ އުޅަނދުތަކެއް ނެތުމެވެ. އޭނާ ވިދާޅުވާ ގޮތުން، ރާއްޖޭގައި އެތައް ފަންތިއެއްގެ އަދި ދުނިޔޭގެ އެންމެ އަގުބޮޑު އަދި ލަގްޒަރީ ރިސޯޓްތައް ހުރި އިރު، އެ ރިސޯޓްތަކުން ގެންގުޅެން ޖެހޭނީ މިލިއަނަރެއްގެ ވިސްނުމެވެ.
އެ ވިސްނުން މޭޒަށް ތިރިކޮށް، ކުރަހައި، ގަލްފް ކްރާފްޓުން އުފައްދަން ނިންމީ "ޓުއަރިން 48 ވީއައިޕީ" އެވެ. މިއީ ތިލަފުށީގައި ހުންނަ ގަލްފް ކްރާފްޓްގެ ސައިޓުން އުފައްދައި ބާޒާރަށް ނެރޭ ލޯންޗެކެވެ. ސީދާ ރާއްޖޭގެ ޕްރޮޑަކްޓެކެވެ.
ޓުއަރިން 48 އަކީ ގަލްފް ކްރާފްޓުން 2016 ވަނަ އަހަރު ބާޒާރަށް ނެރެ އޭގެ ދެ އަހަރު ފަހުން ރާއްޖެއަށް ތައާރަފުކުރި ސެމީ ލަގްޒަރީ ލޯންޗެކެވެ. އޭގެ 51 ލޯންޗު ރާއްޖޭގައި މިހާރުވެސް ބޭނުންކުރެއެވެ. އަގުހެޔޮވެފައި، ހިތްގައިމު ނަމަވެސް އެއީ ރާއްޖޭގެ ކުރިއަރަމުން އަންނަ ރިސޯޓް މާކެޓަށް އެންމެ އެކަށީގެންވާ ޕްރޮޑަކްޓު ކަމަކަށް ގަލްފް ކްރާފްޓަކުން މިހާރު ގަބޫލެއް ނުކުރެއެވެ.
އެހެންވެ އެ ކުންފުނިން ނިންމީ ޓުއަރިން 48ގެ އާ ތަސައްވުރެ ގެނެސްދޭށެވެ. ޔޫއޭއީގައި ހުންނަ ގަލްފް ކްރާފްޓުގެ މައި އޮފީހުން ކަމުގެ މާހިރުންނާއި ޓެކްނޮލޮޖީ ރާއްޖެ ގެނެސް އުފެއްދި ފުރަތަމަ ޓުއަރިން 48 ވީއައިޕީ ލޯންޗަށް އަރަން ލިބުނު ފުރުސަތުގައި، އެ ގެނެސްދިން ތަސައްވުރު ވަރަށް ރަނގަޅަށް ސިފަވިއެވެ. މިދައްކަނީ އާދައިގެ ލޯންޗެއްގެ ވާހަކައެއް ނޫނެވެ.
ޖުމުލަ 22 މީހުންގެ ޖާގައިގެ އެ ލޯންޗުގެ ބޭރުން އެއީ އާދައިގެ ބޮޑު ލޯންޗެކެވެ. ބޭރުގައި 300 ނުވަތަ 350 ހޯސްޕަވަރުގެ ހަތަރު އިންޖީނު އެޅޭނެއެވެ. އައުޓްޑޯގައި ފަސް މީހުންނަށް ތިބެވޭ ގޮތަށް ކުޝަން ގޮނޑި ޖަހާފައި ހުރި އިރު، ހުރިހާ ޖާދުލެއް ފެންނަން ހުރީ އެތެރޭގައެވެ.
އެތެރޭގައި ދެ ބައެއް ހިމެނެއެވެ. އެންމެ އެތެރޭގައި ޖަހާފައި ހުރި 8 ގޮނޑިއަކީ ޕްރައިވެޓް ޖެޓްތަކުގައި ޖަހާފައި ހުންނަ ކަހަލަ އަރާމު ބޮޑު ގޮނޑިތަކެކެވެ. ގޮނޑީގައި އޮށޯވެލަން ބޭނުންނަމަ އެކަންވެސް ކުރެވޭނެއެވެ. ފައިވެސް ދަމާލެވޭނެއެވެ. ކަނޑުގަދަ ދުވަސްތަކުގައި ވައިބްރޭޝަނެއް ނާންނާނެއެވެ. ލޯންޗުގެ ފަހަތު ސެގްމަންޓުގައިވެސް 8 ގޮނޑި ޖަހާފައިވާއިރު، އެއީ ބޮޑަށް މީޓިން ސަޓައިލަށް ހަދާފައިވާ ސެގްމަންޓެކެވެ.
ޓުއަރިން 48 ވީއައިޕީ ލޯންޗުގެ ގޮނޑިތަކުގެ ފުރިހަމަކަމާ ހިސާބުން ވާހަކަ ނިންމާލެވޭކަށް ނެތެވެ. ލޯންޗުގެ ފާހާނާވެސް ބޮޑުވެފައި، އެތެރެޔަށް ވަންނަ މީހަކު ބޭރަށް ނުނިކުންނަހާ ރީއްޗެވެ. ފާހާނާގައި ހަރުކޮށްފައި ހުރި ބުލޫޓޫތު ސްޕީކަރުން ލަވަ ޖަހާލެވެއެވެ. އަނެއްކޮޅުން ލޯންޗުގެ ޕޭންޓްރީއެއް ހުރެއެވެ. ރިސޯޓްތަކުން ބޭނުންނަމަ ކޮފީ މެޝިން ފަދަ އެއްޗެހި ބެހެއްޓޭ ގޮތަށް ސޮކެޓް ހަރުކޮށް، 130 ދަޅު ޖަހާލެވޭ ވަރުގެ ފްރިޖެއް ބެހެއްޓޭނެއެވެ. ކުރީގެ މޮޑެލްގައި ނަމަ ފްރިޖަށް ލެވެނީ 65 ދަޅެވެ.
ކޮސްޓަސް ވިދާޅުވި ގޮތުގައި، ލޯންޗެއްގެ ކުރޫން ދުވާލަކު 10 ގަޑިއިރު މަސައްކަތް ކުރަންޖެހޭއިރު، ފަސިންޖަރުންނާ އެއްވަރަށް ލޯންޗުގައި އެ މީހުންނަށްވެސް ކަންތައްތަކެއް ފަހިވާން ޖެހެއެވެ. މުވައްޒަފުން މަސައްކަތް ކުރަން ޖެހޭނީ ހިތްހަމަޖެހިގެން އަރާމުގައެވެ.
އެގޮތުން ޓުއަރިން 48 ލޯންޗުގައި ކައްޕި އިންނަ ގޮނޑީގައިވެސް ހުންނަނީ ސަސްޕެންޝަން ލާފައެވެ. ފުޓްރެސްޓެއްވެސް ހުރެއެވެ. ބޭނުން ގޮތަކަށް ގޮނޑި އެޖެސްޓް ކުރެވެއެވެ. ކުރޫން ބޭނުންކުރާ ފާހާނާވެސް ގެސްޓް ފާހަނާއެކޭ އެއްވަރަށް ޖާގަ ބޮޑުވެފައި ރީއްޗެވެ. ފާހާނަކޮށްލައި ފެންވަރާލެވޭނެ ޖާގަ އޮވެއެވެ.
ލޯންޗުގެ ހުރިހާ ފީޗާސްއަކާއެކު ޓުއަރިން 48 އާ ހިލާފަށް ޓުއަރިން 48 ވީއައިޕީ ދެ ޓަނު ލުއިވެފައި 6 ނޮޓް ބާރަށް ދުވާނެއެވެ. ތެލަށް ކުރާ ހަރަދު 15 ޕަސެންޓް މަދުވާނެއެވެ.
ހުޅުމާލޭގައި ބޭއްވި މެރިން އެކްސްޕޯގައި މި ލޯންޗު ފުރަތަމަ ފަހަރަށް ދައްކާލި ނަމަވެސް، ކޮސްޓަސް ވިދާޅުވި ގޮތުގައި ލޯންޗު އިފްތިތާހުކުރުމުގެ ކުރިންވެސް 12 ލޯންޗު ވަނީ ވިކިފަ އެވެ. އޭގެ ތެރެއިން ތިން ލޯންޗު ވަނީ ރާއްޖެއިން ބޭރަށް އެކްސްޕޯޓްކޮށްފައެވެ. އެއީ ޕެސިފިކް އައިލެންޑް، ތައިލެންޑް އަދި ސިންގަޕޫރަށެވެ.
"ލޯންޗު ފެނިފައި ރާއްޖޭގެ މާކެޓް ވަނީ މޮޔެވެފަ،" ލޯންޗަށް ރާއްޖޭގެ މާކެޓުގައި އޮތް ތަރުހީބު ބޮޑުކަން ސިފަކޮށްދެއްވަމުން ކޮސްޓަސް ވިދާޅުވިއެވެ.