އެކުގައި އުޅޭ ރައްޓެހިންނާއި އާއިލާގެ މީހުން އަދި އެނޫންވެސް ވަށައިގެންވާ މާހައުލުގައި އުޅޭ މީހުންނަކީ އެމީހެއްގެ ހަޔާތުގައި އެކި މިންވަރުގެ ރޯލުތައް އަދާ ކުރާ މީހުންނެވެ. އެ މީހުންނަކީ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ދިމާވާ ކަންކަން ފަސޭހަ ކޮށްދޭ މީހުންނެވެ. ލޯތްބާއި އަޅައިލުން ބޭނުންވީ ދުވަހު މައިންބަފައިން އެ ލޯބި ދިނެވެ. އެކަނިވެރިވީ ދުވަހު ރައްޓެހިން އެކަނިވެރިކަން ފިލުވައިދިނެވެ. އެހެން މީހުނާ އެކު މަސައްކަތް ކުރަން އުނދަގޫވި ދުވަހު މަސައްކަތު މާހައުލުން އެކަންވެސް ފަސޭހަ ކޮށްދިނެވެ.
ކަން އޮތީ މިހެންނަމަވެސް އެމީހުންގެ އަގު ވަޒަންކުރަނީ ކިތައް މީހުން ހެއްޔެވެ؟ އެމީހުންގެ އަގު ވަޒަން ކުރުން މުހިއްމު ވަނީ ކީއްވެ ހެއްޔެވެ؟
އެކުގައި އުޅޭ މީހުންގެ އަގު ވަޒަން ކުރުމަކީ އެކަކު އަނެކަކާ އޮންނަ ގުޅުންތައް އިތުރަށް ބަދަހިވެ އުފާވެރި މާހައުލެއް އުފެދިގެންދާނެ ކަމެކެވެ. މީހުންގެ އަގުވަޒަން ކުރަން ބޭނުންވެ އެކަން ކުރާނެ ގޮތެއް ނޭނގިފައި ވެސް ބައެއް މީހުން ތިބެއެވެ. މި ލިޔުމުގައި ބަލައިލާނީ އެކުގައި އުޅޭ މީހުންގެ އަގު ވަޒަން ކުރެވިދާނެ ބައެއް ގޮތްތަކަށެވެ.
ކަމެއް ކޮށްދޭ މީހާއަށް އެންމެ ކުޑަމިނުން 'ޝުކުރިއްޔާ' ބުނެލަން ވާނެއެވެ. ކަމެއް ކޮށްދިނުމުން އެކަމަށްޓަކައި ޝުކުރުވެރިވާކަން އަންގައިލުމަކީވެސް އެކަމެއް ކޮށްދިން މީހާ އުފާވާނެ ކަމެކެވެ.
މިކަން ކުރެވިދާ އިތުރު ގޮތްތައްވެސް އެބަ ހުއްޓެވެ. މިސާލަކަށް ޝުކުރުވެރިވާ ކަންތަކާއި ސަބަބުތައް ހިމަނައިގެން ނޯޓެއް ލިޔެވިދާނެއެވެ. ހަދިޔާއެއް ދިނުމަކީވެސް ކުރެވިދާނެ ކަމެކެވެ. ދޭ ހަދިޔާއަކީ ކޮންމެހެން މާ އަގުބޮޑު ނުވަތަ މާ މޮޅު އެއްޗަކަށް ވާކަށްވެސް ނުޖެހެއެވެ. އެމީހަކަށް އެންމެ ކަމުދާ ކާއެއްޗެއް ނުވަތަ އެންމެ ރީތި މަލެއް ފަދަ އެއްޗެއްނަމަވެސް ހަދިޔާއެއްގެ ގޮތުގައި ދިނުމަކީ ދެމީހުންގެ ދެމެދުގައި އޮތް ގުޅުމަށް އިހުތިރާމުކޮށް ގަދަރުކުރާކަން އެމީހަކަށް އެނގިގެންދާނެ ކަމެކެވެ.
އެކުގައި ސަކަރާތް ޖަހައި މަޖާކުރާ ފަދައިން އެކުގައި އުޅޭ މީހުންގެ ހިތާމަތަކުގައިވެސް ބައިވެރިވާން ވާނެއެވެ. ދަތި އުނދަގޫ ކަމެއް ޖެހިއްޖެ ނަމަ އެހީ ވެވެން އޮތް ގޮތަކަށް އެހީ ވާންވާނެއެވެ. އަދި އެމީހެއްގެ ހާލުއަހުވާލު ބަލަންވާނެއެވެ.
އެކުގައި ވަގުތު ހޭދަކުރުމަކީ އެންމެންވެސް ހިތްހަމަޖެހޭ ކަމެކެވެ. އެންމެނަކީ ވެސް ބިޒީކޮށް އުޅޭ މީހުންކަން އެނގި އެހާ ބިޒީކޮށް އުޅެމުންވެސް އެކުގައި ހޭދަ ކޮށްލުމަށްޓަކައި ވަގުތުކޮޅެއް ހުސްކޮށްލުމުން ދައްކައިދެނީ އެމީހުންގެ އަގު ވަޒަންކުރާ ކަމެވެ.
ސަޕްރައިޒްތަކަށް ލޯބި ނުކުރާ މީހަކު މަދުވާނެއެވެ. އެހެންކަމުން ރައްޓެހިންނާއި އާއިލާ މީހުންގެ އަގުވަޒަންކޮށްލުމަށް ސަޕްރައިޒެއް ވެސް ދެވިދާނެއެވެ. އެގޮތުން އެމީހުންގެ ބުރަ ދުވަސްތަކަށް ލުޔެއް ހޯދައިދީ ހާސްވެފައިވާ މޫނު ތަކަށް ހިނިތުންވުމެއް ގެނެސްދެވިދާނެއެވެ.
މިނޫނަސް އެތައް ކަމެކެވެ. މިފަދަ ގޮތްތަކުން މީހުންގެ އަގު ވަޒަން ކުރުމަކީ އެމީހުންގެ ހަނދާނުން ދުވަހަކުވެސް އެކަން ފިލައިގެން ނުދާނެ ކަންކަމެވެ. ކޮށްދޭ ހެޔޮ ކަންތަކަކީ ހިތުން ފިލައިގެން ނުދާނޭ ކަންތައްތަކެވެ. ކަންކަން ބަލައިގަނެ ޝުކުރުވެރި ވުމަކީ މީހުން އުފާވާ ހިތްހަމަޖެހޭ ކަމެކެވެ. ކުދިކުދި ކަންކަމުންވެސް އެހެންމީހުން އުފާކޮށްދީ އެމީހުން ކޮށްދޭ ކަންކަން ބަލައިގަންނަ ކަމުގެ އިހުސާސްވެސް ކޮށްދެވޭނެއެވެ. ޝުކުރިއްޔާ އަކީ ވެސް ހިތްތައް އުފަލުން ފުރޭ ލަފުޒެކެވެ. ހުރިހާ މާނައެއްގައިވެސް މިދެއްކެނީ ޝުކުރިއްޔާއެއްގެ އަގުބޮޑު ވާހަކައެވެ. އެންމެންވެސް ޝުކުރިއްޔާއޭ ބުނަމާ ހިނގާށެވެ. އޭރުން އަމިއްލައަށްވެސް އުފާވާނެއެވެ.