ދިރާގާއި މަމްސް އެއިޑު ގުޅިގެން މިއަހަރުގެ ރޯދަ މަހު 100 އާއިލާއަކަށް އެހީވާން ނިންމައިފިއެވެ.
ދިރާގުން މިއަދު ބުނީ އެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވަނީ މަމްސް އެއިޑުގެ "ރަމަލާން އެއިޑް" ކެމްޕޭންގެ ދަށުން ކަމަށެވެ.
ދިރާގުގެ މެނޭޖާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަން ބޭނުންވެފައި ތިބި މައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މަމްސް އެއިޑަށް އެއްބާރުލުން ދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އަންހެނުން ބާރުވެރިކުރުވައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ސީއެސްއާރު ޕްރޮގްރާމްގައި ހާއްސަ އަހަންމިއްޔަތު ކަމެއް ދޭ ދާއިރާއެއް. މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަން ބޭނުންވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑުން މި ކުރަމުންދާ އަގުހުރި މަސައްކަތުގެ އަގު ވަޒަންކޮށް ޝުކުރު އަދާކުރަން،" ބިޝާރާ ވިދާޅުވިއެވެ.
މަމްސް އެއިޑުގެ ޕްރޮގްރާމް ޑިރެކްޓަރު ފާތިމަތު އުމްރާ ވިދާޅުވީ "ރަމަލާން އެއިޑް" ކެމްޕޭނަށް ދިރާގުގެ އެހީތެރިކަން ލިބެމުންދާތީ އެ ކުންފުންޏަށް ޝުކުރުއަދާ ކުރައްވާ ކަމަށެވެ.
ދިރާގުގެ އެހީތެރިކަމުގެ ސަބަބުން މި ރޯދަ މަހަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ހިމެނޭ ކެއާ ޕެކޭޖުތައް އެކަނިވެރި މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާލައި މައިންނަށް ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރަމަލާން އެއިޑް" ކެމްޕެއިނަކީ އެހީތެރިކަން ބޭނުންވެފައިވާ އާއިލާތަކަށް އެހީވުމުގެ ގޮތުން މަމްސް އެއިޑުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެއް ކަމަށާއި ރޯދަ މަހު ކުރިއަށް ގެންދާ އެ ކެމްޕެއިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު އާންމުންނަށްވެސް ހުޅުވާލާފައިވާ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ވަނީ އަންހެނުން ބާރުވެރިކުރުވުމަށާއި މުޖުތަމައަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެފަދަ ވަރަށް ގިނަ ޕްރޮގްރާމްތަކަށް އެއްބާރުލުން ދީފައެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި