މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ރޯދަ އިނާޔަތުގެ އިތުރުން ސްޕެޝަލް އެލެވެންސްގެ ގޮތުގައި 2000 ރުފިޔާ ކޮންމެ މުވައްޒަފަކަށް ދޭން ނިންމައިފިއެވެ.
އެމްއޭސީއެލްއިން މިއަދު އެކުންފުނީގެ މުވައްޒަފުންނަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ރޯދަމަހު އެ ކުންފުނީގެ މުވައްޒަފުން ކުރަމުން ބުރަ މަސައްކަތް ފާހަގަކޮށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަދިޔާގެ ގޮތުގައި 2000 ރުފިޔާ ދޭން ނިންމާފައިވާ ކަމަށެވެ.
ގާނޫނުގައިވާ ގޮތުން ރޯދަ މަހު މަސައްކަތްކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް 3000 ރުފިޔާގެ އިނާޔަތެއް ދޭން ޖެހެއެވެ.
އެމްއޭސީއެލްއިން ބުނީ ރޯދަ އިނާޔަތުގެ 3000 ރުފިޔާ އާއި އެކުންފުނިން ހަދިޔާ ކުރަން ނިންމާފައިވާ 2000 ރުފިޔާގެ އިނާޔަތް އެއްކޮށް ޖަމާކުރާނެ ކަމަށެވެ.
ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 23 ވަނަ ދުވަހެވެ. އެހެންކަމުން ސަރުކާރު މުވައްޒަފުންނަށް މިއަދު ރޯދަ އިނާޔަތް ދިނުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފައެވެ.