ޚަބަރު

ރައީސް ސޯލިހާއި ރައީސް މައުމޫން މިއަދު ބައްދަލުކުރައްވަނީ

ކޯލިޝަން ހަދަން ދެއްވި ދައުވަތާ ގުޅިގެން އެމްއެމްއާރުއެމްގެ މުސްތަޝާރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ، މިއަދު ބައްދަލުކުރައްވާން ނިންމަވައިފިއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްގެ ބާނީ މައުމޫނާއި ރައީސް ސޯލިހު މިއަދު ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ "ވަން" އަށް މިއަދު ކަށަވަރުކޮށްދެއްވައިފައެވެ.

އެނގިފައިވާ ގޮތުގައި އެ ބައްދަލުވުން އިރުކޮޅެއްގެ ތެރޭގައި ފަށަން ހަމަޖައްސާފައިވާއިރު، އެ ބައްދަލުވުން އޮންނާނީ ރައީސް އޮފީހުގައެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން އެމްއާރްއެމްގެ ސްޕޯކްސްޕާސަން އިސްމާއިލް ނާއިލް މިއަދު ވިދާޅުވީ، ރައީސް ސޯލިހާއި ރައީސް މައުމޫން ބައްދަލުކުރައްވަނީ މިހާރު އޮތް ކޯލިޝަންގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކަމަށާއި އާ ކޯލިޝަނެއް ހެދުމުގެ މަޝްވަރާއަކަށް ނޫން ކަމަށެވެ.

ރައީސް ސޯލިހު ވަނީ، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައިވެސް އެކުގައި ތިބުމަށް ދައުވަތު ދެއްވައިފައެވެ. މިހާތަނަށް އެ ދައުވަތު ގަބޫލު ކުރެއްވީ، އަދާލަތު ޕާޓީންނެވެ. ސަރުކާރު ކޯލިޝަންގައި ނުހިމެނޭ އެމްޑީއޭއިންވެސް ވަނީ ރައީސް ސޯލިހަށް ތާއީދުކުރަން ނިންމައިފައެވެ.

ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީން ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިފައެވެ.