ޚަބަރު

ހިއުމަން ޓްރެފިކިން ނެޓްވޯކެއްގައި ހިމެނޭ މީހަކު ރާއްޖެއިން ހައްޔަރުކޮށްފި

ރިފާ ހަލީލު

ގިނަ ބަޔަކު ޝާމިލުވާގޮތަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިއުމަން ޓްރެފިކް ކުރުމުގައި ހަރަކާތްތެރިވާ އިންޑިއާ މީހަކު ރާއްޖެއިން ހައްޔަރުކޮށްފިއެވެ.

ވެންކަޓަރަމަނާ ޕައްލާ (20އ) ކިޔާ އެ މީހާ ހައްޔަރުކޮށްފައިވަނީ މާލޭގައި ހިންގާ ހ. ސަލީމް ގެސްޓުހައުސްއިން މިމަހުގެ 17 ވަނަ ދުވަހުއެވެ.

ޕައްލާ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަސް ބަންދަށް ޖަހާފައެވެ.

ޕައްލާ ބަންދުކުރުމަށް ނެރުނު އަމުރުގައި ބުނެފައިވަނީ، އޭނާއަކީ ސްޕޮންސަރަށް ފިލައިގެން އުޅޭ މީހެއް ކަމަށެވެ. އޭނާއަށް ހިއުމަން ޓްރެފިކް ކުރަން އުޅުން ނުވަތަ ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކިހުށަހަޅާފައިވާ ކަމަށް އެ އަމުރުގައި ވަނީ ބުނެފައެވެ.

އޭގެ އިތުރުން އެއީ ގިނަ ބަޔަކު ޝާމިލުވެގެން އިންތިޒާމުވެގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކުށުގެ އަމަލުތައް ހިމެނޭގޮތަށް ހިންގަމުންދާ ކުށެއް ކަމަށް ބެލެވޭ ކަމަށްވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

ޕައްލާ ބަންދުކުރުމަށް ނިންމާފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށްވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.