ދުބާއީގެ ދަމަކް ޕްރޮޕަޓީސްއިން ކ. ބޮލިދުއްފަރު ފަރުގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް 148 މިލިއަން ޑޮލަރު (2.28 ބިލިއަން ރުފިޔާ) އަށް އައިމާ ކޮންސްޓަރްކްޝަންއާ ހަވާލުކޮށްފިއެވެ.
ރާއްޖޭގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި، އައިމާ ކޮންސްޓަރްކްޝަންއާ ދަމަކާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ހަފުތާގައެވެ.
ދަމަކުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ތިން ރިސޯޓަކަށް ތަރައްގީ ކުރާ އެ މަޝްރޫއުގެ ދަށުން 120 ކޮޓަރި ތަރައްގީ ކުރާނެ ކަމަށެވެ. އެގޮތުން 64 މޫދު ކޮޓަރި އާއި 56 ބީޗުފްރޮންޓް ކޮޓަރި ހުންނާނެއެވެ. އަދި ކޮންމެ ކޮޓަރިއެއްގައި ޕޫލެއް އޮންނާނެ ކަމަށްވެސް ދަމަކުން ބުންޏެވެ.
ދަމަކް ޕްރޮޕަޓީސްގެ ޕްރޮޖެކްޓް ޖެނެރަލް މެނޭޖަރު މުހައްމަދު ތަހައިނޭހް ވިދާޅުވީ އައިމާ ކޮންސްޓަރްކްޝަނަކީ މި މަސައްކަތަށް ވަރަށް ގާބިލު ކުންފުންޏެއް ކަމަށާއި އެ މަސައްކަތް އެކުންފުނިން ބޭނުންވާ ގޮތަށް ފުރިހަމަ ކުރާނެ ކަމުގެ އެއްވެސް ޝައްކެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
ބޮލިދުއްފަރު ފަޅުގައި ތަރައްގީކުރާ މި ތިން ރިސޯޓަކީ ޖުމުލަ 34 ހެކްޓަރުގެ ބިން ހިއްކައިގެން ހަދާ ރިސޯޓްތަކެކެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމައި 2025 ވަނަ އަހަރު ހުޅުވާ އިރު، އެ ތިން ރިސޯޓް ހުޅުވާނީ މެންޑަރިން އޮރިއެންޓަލް ބްރޭންޑުގެ ދަށުން ކަމަށްވެސް ދަމަކް އިން ބުންޏެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 30 މިނެޓުން ލޯންޗެއްގައި ދެވޭ އެ ރިސޯޓްތަކުގައި މޫދު ކުޅިވަރު ކުޅެވޭނެ ވަސީލަތްތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން އަށް ރެސްޓޯރަންޓް ހުންނާނެ ކަމަށްވެސް ދަމަކް އިން ބުންޏެވެ.