ފުލުހުންނާ މެދު ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ ފުލުހުންނަކީ، ރައްޔިތުންނަށް ހިދުމަތް ކުރުމަށް، ރައްޔިތުންގެ ތެރެއިން އުފެދިފައިވާ މުޖުތަމައުގެ އެއްބައިކަން އެންމެން ގަބޫލުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ މި ކޮންފަރެންސަކީ، ފުލުހުންގެ ހިދުމަތާ ގުޅޭގޮތުން، ރާއްޖޭގެ ތާރީހުގައިވެސް އަދި ފުލުހުންގެ ހިދުމަތުގެ ތާރީހުގައިވެސް މިހާތަނަށް ބާއްވާ ފުރަތަމަ ކޮންފަރެންސް ކަމަށެވެ. އެންމެންގެ އަމާޒު ހުއްޓި ސީދާވެފައި މިހުރީ އެއް މިސްރާބަކަށް ކަމަށާއި އެއީ ދިވެހި ފުލުހުންގެ ހިދުމަތް ޒަމާނީކޮށް ފެންވަރު ރަނގަޅުކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގައި ފުލުހުންގެ ހިދުމަތާ ބެހޭގޮތުން، ދިރާސީ ކަރުދާސްތައް ހުށަހަޅައި، އިލްމީ ގޮތެއްގައި މަޝްވަރާކޮށް ހިޔާލު ބަދަލުކުރެވޭނެ ކަމަށެވެ. އެހެންކަމުން، މިއީ ވަރަށް މުހިންމު އަދި ވަރަށް ބިނާކުރަނިވި މަސައްކަތަކަށް ވާނެކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ތަޖުރިބާކާރުންގެ އިރުޝާދާއި، އިލްމީ ހަގީގަތްތަކުގެ އަލީގައި ކަންކަމާ މަޝްވަރާކުރުމުން، ނެރެވޭ ނަތީޖާ މާބޮޑަށް ވެސް ރަނގަޅުވާނެ. ދިވެހި ފުލުހުންގެ 90 ވަނަ އަހަރީ ދުވަސް، މި މަހުގެ 29 ވަނަ ފާހަގަކުރާނެ. މިދިޔަ 90 އަހަރުގެ ތެރޭގައި، ދިވެހި ފުލުހުންގެ ހިދުމަތަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ. ފުލުހުންގެ އަދަދާއި، ހިދުމަތުގެ ވައްޓަފާޅިއާއި، ބޭނުންކުރާ ވަސީލަތްތަކަށްވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ. މިހާރުވެސް އަންނަނީ ބަދަލުތައް އަންނަމުން. އަދި އިތުރު ބަދަލުތަކަށް އަދިވެސް ބޭނުންވޭ." އެމަނިކުފާނު ވިދާޅުވިއެވެ.
ރައިސް ސޯލިހު ވިދާޅުވީ ފުލުހުންގެ ހިދުމަތާ ގުޅޭގޮތުން މިހާރު ގެންގުޅޭ ސިޔާސަތަކީ، މުޖުތަމައާ ގުޅިގެން ހިދުމަތް ދިނުން، ނުވަތަ ކޮމިޔުނިޓީ ޕޮލިސިން ދެމެހެއްޓުން ކަމަށެވެ. ފުލުހުންނާ މެދު ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ ފުލުހުންނަކީ، ރައްޔިތުންނަށް ހިދުމަތް ކުރުމަށް، ރައްޔިތުންގެ ތެރެއިން އުފެދިފައިވާ މުޖްތަމައުގެ އެއްބައިކަން އެންމެން ގަބޫލުކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެ ސިޔާސަތު ތަންފީޒުކުރުމުގައި މިހާތަނަށް ކުރެވުނު ކަންތަކާއި، ދެން ކުރަންވީ ކަންތަކާއި، އަމާޒު ހިފަންވީ މިސްރާބަށް، މި ކޮންފަރެންސުން މަގު ދައްކާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ފުލުހުންގެ ހިދުމަތަކީ ގޮންޖެހުން ބޮޑު ހިދުމަތެއް ކަމަށެވެ. އެ ގޮންޖެހުންތައް ކަޑައްތުކޮށް، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި، ވަގުތާއި ހާލަތާ އެކަށޭނަ ގޮތަށް އަމަލުކުރާނީ ކިހިނެއްކަން ދެނެގަތުން، އެއީވެސް މިފަދަ ކޮންފަރެންސެއްގެ ވަރަށް މުހިންމު ބޭނުމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ކޮންފަރެންސްގައި ހުށަހަޅާ އިލްމީ ދިރާސާތަކުން، އެކަންކަމަށް ޖަވާބެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މުޖުތަމައާއި ފަރުދުންގެ ސަލާމަތަށް ނުރައްކާކުރާ ކަންތައް ތަފާތުވަމުން، ބަދަލުވަމުން އަންނަ ކަމަށާއި އެފަދަ ކަންކަން ކުރުމުގައި ބޭނުންކުރާ އުކުޅުތަކާއި ވައްޓަފާޅިވެސް ބަދަލުވަމުން އަންނަ ކަމަށެވެ. އެފަދަ ކުށްތައް ކުރުމުގައި ބޭނުންކުރާ ވަސީލަތްތަކާއި، އެފަދަ ކުށްތަކަށް އަރައިގަތުމަށް ފަހު، ގާނޫނުގެ އަތްދަށުނުވުމަށް ރާވާ ރޭވުންތައް ވެސް ބަދަލުވަމުން، ތަފާތުވަމުންދާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
"މިއީވެސް ފުލުހުންގެ ތައްޔާރީ ހާލަތަށް ބަދަލު ގެންނަން މަޖުބޫރު ކުރުވާ ސަބަބު. އެ ބަދަލުތަކާ އެކަށޭނަ ގޮތަށް ފުލުހުންގެ ހިދުމަތް ތަރައްގީ ކުރުމަށް، އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަމެއް ދޭން އެބަޖެހޭ. ފުލުހުންގެ ހިދުމަތަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް އަޅުގަނޑުމެން އެބަ ހޯދަން. އެކަމުގައި، މިދިޔަ ފަސް އަހަރުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ ކަމަށް އަޅުގަނޑު ގަބޫލުކުރަން." އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވަނީ ކުރީ ސަފުގައި ހިދުމަތް ކުރާ ފުލުހުންގެ އޮފިސަރުން، ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމަކީ، އޭގެ ތެރެއިން ފާހަގަކޮށްލެވޭ ހެޔޮ ބަދަލެއް ކަމަށް ފާހަގަކުރައްވައިފައެވެ. ރައްޔިތުންގެ ދިފާއުގައި ކިތަންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލިޔަސް، ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީވެސް ކުރަންޖެހޭ ކަމެއް ކަމަށާއި ގާނޫނީ ރައްކާތެރިކަން ވެސް އަދި ޖިސްމާނީ ރައްކާތެރިކަން ވެސް ކަށަވަރުކުރަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ފުލުހުން މި އަހަރުގެ ތެރޭގައި ދެން ބޭނުންކުރަން ފަށާނެ އަނެއް ވަސީލަތަކީ، ޓޭޒާ ގަން ކަމަށް ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މިއީވެސް ނުރައްކާތެރި ކުށްވެރިންނާ ކުރިމަތިލާއިރު، އެ ކުށްވެރިޔާގެވެސް އަދި ފުލުސް މީހާގެވެސް ރައްކަލަކަށްޓަކައި ބޭނުންކުރާ ވަސީލަތެއް ކަމަށެވެ. އަދި ފަހަރެއްގައިވެސް މިއީ، ކުށްވެރިންނަށް ހަމަލާދޭން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ނުދެކޭކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.