ސިނގިރޭޓަކުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ދިވެހި ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު އިސްލާހު ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހަށް ބަަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ، ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިބްރާހިމްއެވެ.
މިއަދުގެ ޖަލްސާގައި ބިލުގެ އިބުތިދާއީ ބަހުސް ނިންމައި ބިލް ބަލައިގަންނަން ވޯޓަށް އެހުމުން، މަޖިލީހަށް ބިލް ބަލައިގަތީ، ޖަލްސާގައި ތިއްބެވި 50 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 49 މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހަށް ބިލު ބަލައިގަތުމުން އިތުރަށް ދިރާސާކުރުމުން މުޅި މަޖިލީހުގެ ކޮމިޓީއަށް ބިލް ފޮނުވިކަން މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވަން ރިޔާސަތުން، މަޖިލިސް ރައީސް އަބްދުއްރަހީމްއަބްދުﷲ އިއުލާން ކުރެއްވިއެވެ.
މި ބިލުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ، އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ދަށުން ސިނގިރޭޓަކުން ނަގާ ޑިއުޓީއަކީ، ހަތަރު ރުފިޔާކަމުގައި ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަަދަދަކީ 30 ޕަސެންޓް ކަމަށް ހަމަޖެއްސުން ކަމަށެވެ.
އޭގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށް ހާއްސަކޮށް ތައްޔާރު ކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖެއްސުމަށްޓަކައި ގާނޫނަށް ގެންނާން ޖެހޭ ބަދަލު ގެނައުން ވެސް މި ބިލު ހުށަހެޅުމުގެ ބޭނުމުގެ ގޮތުގައި ވަނީ ފާހަގަ ކޮށްފައެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުގައި ސިގިރޭޓަކުންނާއި ބިޑިއަކުން ނަގާ ޑިއުޓީއަކީ 8 ރުފިޔާއެވެ. އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަަދަދަކީ 50 ޕަސެންޓެވެ.
މި ހުށަހެޅި އިސްލާހުގައި ވަނީ، ސިނގިރޭޓްގެ އިތުރުން ބިޑިއަކުން ނަގާ ޑިއުޓީވެސް ހަތަރު ރުފިޔާއަށް ކުޑަކުރަން ހުށަހަޅައިފައެވެ.
އޭގެ އިތުރުން ހީޓް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގަމުން އައި 50 ޕަސެންޓް، 30 ޕަސެންޓަށް އަދި ސްޓިކަކުން ނަގާ 8 ރުފިޔާ 4 ރުފިޔާއަށް ކުޑަކުރަން ވެސް ބިލުގައި ވަނީ ހުށަހަޅައިފައެވެ.
މި ބިލު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާއެކު ގާނޫނަށް އަމަލުކުރަން ފަށާނެ ކަމަށް ބިލުގައިވެއެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ގަވާއިދުތަކާއި އުސޫލުތައް އިސްލާހުކޮށް، އާންމުކުރަން ޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް