ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި އިދިކޮޅުން ކުރަމުންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ހައްޔަރުކުރި އަވަސް ނޫހުގެ ވީޑިއޯ ޖާނަލިސްޓް ހުސެއިން ޖުމާނު ހައްޔަރު ކުރީ ފުލުހުންނަށް ހުރަސް އަޅައި ފުލުހެއްގެ ގައިގައި ޖެހުމުން ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
ޖުމާނު ހައްޔަރު ކުރުމާ ގުޅިގެން މޯލްޑިވްސް ޖާނަލްިސްޓް އެސޯސިއޭޝަން (އެމްޖޭއޭއިން) ވަނީ އެކަން ކުށްވެރިކޮށްފައެވެ.
ނަމަވެސް އެކަމާ ގުޅިގެން ފުލުހުންގެ އިދާރާއިން މިއަދު ބުނީ، އެއްވުމެއްގައި ނޫސްވެރިޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ، މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތްކުރި ވަގުތު ނޫސްވެރިޔާ އެކަމަށް ހުރަސް އަޅައި ފުލުހެއްގެ ގައިގައި ޖަހާފައިވާ މައްސަލައާ ގުޅިގެން، ކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ނޫސްވެރިޔާ ހައްޔަރު ކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގައި އެމްޖޭއޭއިން ބުނީ ބުނީ މުޒާހަރާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވަމުން އަންނަ ނޫސްވެރިންނަށް އާންމު ގޮތެއްގައި ފުލުހުންގެ ފަރާތުން އަނިޔާއާއި ފުރައްސާރަ ލިބެމުންދިއުމަކީ އެ ޖަމިއްޔާއިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެހެންވެ، އެ ޖަމިއްޔާއިން ވަނީ އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުންނާއި ސަރުކާރަށް ގޮވާލައިފައެވެ.
އެ މުޒާހަރާ ރޫޅާލަން ނިކުތް އެސްއޯ ފުލުހުން، "އަވަސް" ނޫހުގެ އެ ނޫސްވެރިޔާ ހައްޔަރުކޮށްފައިވަނީ ނޫސްވެރިއެއްކަން އަންގައިދޭ ކާޑު އަޅައިގެން ހުއްޓަ އެވެ.