ދިރާގުން އެ ކުންފުންޏަށް ދިގު މުއްދަތަށް ހިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑްދީފިއެވެ.
ދިރާގުގެ މުވައްޒަފުން އެ ކުންފުންޏަށް ހޯދާދީފައިވާ ކާމިޔާބީތަކާއި ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމަށް ރޭ ވަނީ ހާއްސަ ހަފުލާއެއް ބާއްވައިފައެވެ. އެ ހަފުލާގައި ދިރާގުގެ ޗެއާމަން އިސްމާއިލް ވަހީދާއި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދުގެ އިތުރުން ދިރާގުގެ ލީޑާޝިޕް ޓީމުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ހަފުލާގައި ދިރާގަށް ހިދުމަތް ކުރަމުންދާތާ 10 އަހަރު، 15 އަހަރު އަދި 25 އަހަރުވީ 29 މުވައްޒަފެއްގެ އަގުވަޒަންކޮށް ހާއްސަ އެވޯޑް ދިންއިރު، ދިރާގުގެ ކާމިޔާބީގައި އެކި ގޮތްގޮތުން ހިއްސާވެފައިވާ މުވައްޒަފުންނަށްވެސް އެވޯޑް ދީފައިވެއެވެ.
އެގޮތުން 14 ޑިވިޝަނަލް މެރިޓް، 10 ސްޕެޝަލް މެރިޓް އެވޯޑް، ދެ އިނޮވޭޝަން އެވޯޑް އަދި ދެ އައުޓްސްޓޭންޑިން ލީޑާސް އެވޯޑް ދީފައިވެއެވެ.
ދިރާގުން ބުނީ އެ ކުންފުނިން ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ޗެއާމަންގެ އެވޯޑާ ލިބިފައިވަނީ އެޑްމިނިސްޓްރޭޝަންގެ އެސިސްޓަންޓް މެނޭޖާ ސިވިލް، ސިނާޒްއަށް ކަމަށެވެ. މިދިޔަ ހަ އަހަރު ދިރާގަށް ހިދުމަތްކޮށްފައިވާ ސިނާޒަކީ ކުންފުނީގެ އެކި ކަންކޮޅުތަކުގައި ހިންގާ ހުރިހާ ސިވިލް ޕްރޮޖެކްޓެއް މެނޭޖްކުރާ ގާބިލު، ހީވާގި ލީޑަރެއް ކަމަށް ދިރާގުން ބުންޏެވެ.
މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ބޭއްވި ހަފުލާގައި ދިރާގުގެ ޗެއާމަން އިސްމާއީލް ވަހީދު ވަނީ އެވޯޑް ލިބުނު ހުރިހާ މުވައްޒަފުންނަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި ގައުމު މުވާސަލާތީ ގޮތުން ގުޅާލުމުގައި ދިރާގުގެ ހުރިހާ މުވައްޒަފުން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައި އެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.