މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ޔަންމާ މެރިންގެ އާ އިންޖީނާއި ސްޕޯޓްސް ފިޝިން ބޯޓު ތައާރަފުކޮށްފިއެވެ.
އެމްޓީސީސީން އެ ދެ ޕްރޮޑަކްޓް ތައާރަފުކުރީ ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގައެވެ. އެކްސްޕޯގައި ޔަންމާ އިންޖީން ތައާރަފުކޮށްދެއްވީ އެމްޓީސީސީގެ ސީއޯއޯ ޝާހިދު ހުސެއިން މޫސާއެވެ. ފިޝިން ބޯޓު ތައާރަފުކޮށްދެއްވީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހްމަދު ސާލިހު އެވެ.
އެމްޓީސީސީގެ ޓްރޭޑް ޑިވިޝަންގެ ސީނިއާ މެނޭޖަރު އަހުމަދު ޖިނާހު ވިދާޅުވީ އެމްޓީސީސީން އަލަށް ތައާރަފުކުރި ޔަންމާ މެރިން އިންޖީނަކީ މިހާތަނަށް ރާއްޖޭގައި ބޭނުން ކުރާނެ އެންމެ މަތީ ހޯސްޕަވާ އިންޖީނު ކަމަށެވެ.
"ރާއްޖޭގެ އެންމެ ހަޔަސްޓް ހޯސްޕަވާ އިންޖީނަކަށް 1،400 ހޯސްޕަވަރ އަޅުގަނޑުމެން މި ލޯންޗުކުރަނީ. މީ ވަރަށް ބޮޑު އިންގިލާބީ ބަދަލެއް ގެންނާނެ އެއްޗެއް" ޖިނާހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދޯނިފަހަރުގައި އިންޖީނު އަޅުވައިދީ އަދި އިންޖީނަށް ދިމާވާ މައްސަލަތައް ވެސް އެމްޓީސީސީން ސާވިސް ކޮށްދޭނެ ކަމަށެވެ.
އެމްޓީސީސީން އަލަށް ތައާރަފުކުރި ފިޝިން ބޯޓާ ގުޅިގެން ޖިނާހު ވިދާޅުވީ އެމްޓީސީސީން އަލަށް ތައާރަފުކުރި ފިޝިން ބޯޓަކީ ޖަޕަނީސް ޓެކްނޮލޮޖީ ހިމެނޭ ބޯޓެއް ކަމަށެވެ. އެ ބޯޓަކީ ގިނައިން މަސް ބާނާ މީހުންނަށް ހާއްސަ ކޮށްގެން ރާއްޖޭގެ މަސްވެރިކަން ކުރާގޮތް ބަލައިގެން ވިއެޓްނާމުގައި އުފައްދާފައިވާ ބޯޓެއް ކަމަށެވެ. އެ ބޯޓު މިހާރު ރާއްޖޭގައި މަސްވެރިކަމަށް ކުރާ ބޯޓުތަކާ ތަފާތުވާނެ ކަމަށެވެ.
"މި ބޯޓު ޑިޒައިން ކޮށްފައިމިވަނީ ޖަޕަނީޒް އިންޖިނިއާސް. ބިލްޑު ކުރެވިފައިމިވަނީ ވިއެޓްނާމްގަ. ދެން މި ބޯޓުގެ މައިގަނޑު އެއް ފީޗާއަކީ މީގަ ހަރުކުރެވި ހުންނަ ރިޔާ ނުވަތަ ސެއިލް. މި ސެއިލްއަކީ ދުއްވާފަ ދާއިރު ބޭނުންކުރާ ސެއިލްއެއް ނޫން. ދުއްވާފަ ގޮސް މަސް ޕޮއިންޓް، ފިޝް ފައިންޑާ ފެންނަ ހިސާބުން ސެއިލް ނަގާނީ. އާންމުކޮށް މިދުއްވާ ވެސެލްތަކުގަ ހުންނަ މައްސަލައަކީ ވައިގެ ސަބަބުން ޑްރިފްޓް ކުރަނީ. ޑްރިފްޓް ކުރަންޏާ އަނެއްކާވެސް މަސް ހުންނަ ޕޮއިންޓާ ހަމަޔަށް އަނެއްކާ ގޮސް މަސް ބާނަން ފަށަނީ. އެހެންނަމަވެސް މި ރިޔާ ނެގުމަށްފަހު ބޯޓު މި އޮންނަނީ ވަޔާ އެއްކޮޅަށް ހިފަހައްޓާފަ. މާނައަކީ މާ ބޮޑަކަށް ނުވެސް ތަޅުވާނޭ، އޮންނަ ތަނުގަ މިއޮންނަނީ. އެހެންވީމާ މަސް ބާނަން އެއްކަލަ މަސް ޕޮއިންޓުގަ ބޯޓު މި އޮންނަނާނީ ބާއްވާފަ" ޖިނާހު ވިދާޅުވިއެވެ.
ޖިނާހު ވިދާޅުވީ މަސް އާންމުކޮށް އުޅެނީ ފަރު މަތީގައި ކަމަށްވުމުން ވަރަށް ގިނަ ބަޔަކު ފަރު މަތީގައި މަސް ބާނަން ބޭނުންވާ ކަމަށެވެ. ނަމަވެސް ފަރު މައްޗަށް ނަގިލި ލުން މަނާވާތީ ފަރު މަތީގައި މަސްވެރިކަން ނުކުރެވޭ ކަމަށެވެ.
ނަމަވެސް އެމްޓީސީސީން އަލަށް ތައާރަފުކުރި އެ ބޯޓުގައި ނަގިލި ލާން ނުޖެހޭނެ ކަމަށާއި ރިޔާ ނެގުމުން ބޯޓު އޮޔާ ނުދާނެ ކަމަށާއި އެހެންކަމުން ފަރު މަތީގައިވެސް މަސްވެރިކަން ކުރެވޭނެކަމަށް ޖިނާހު ވިދާޅުވިއެވެ.
އެ ބޯޓަށް އޯޑަރުކުރާތާ އެއް މަސް ތެރޭގައި ކަސްޓަމަރަށް ޑެލިވާ ކުރާނެކަމަށް ޖިނާހު ވިދާޅުވިއެވެ. ބޯޓުގައި ސަލާމަތީ ހުރިހާ ކަންކަން ފުރިހަމަވާނެ ކަމަށާއި ބޯޓު 26 ނޮޓުގެ ބާރުމިނުގައި ދުވާނެކަމަށް އޭނާ ވިދާޅުވިއެވެ.