ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަޖިސްޓްރީ ނުކޮށް ހިންގާ އިންވެސްޓްމެންޓެއްގައި ބައިވެރިވެގެން ގެއްލުންވެފައިވާ ނަމަ އެ މައްސަލައެއްގެ ޝަކުވާ ހުށަހަޅަން ސީއެމްޑީއޭއިން އެދިއްޖެއެވެ.
ސީއެމްޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އިދާރާގެ ހުއްދަނެތި ފައިނޭންޝިއަލް ސެކިއުރެޓީޒްގެ މުއާމަލާތުގެ ތެރޭގައި ހިމެނޭ ކަމެއް ނުކުރެވޭނެކަން ކުރިން އަންގާފައިވާނެ ކަމަށެވެ. އެފަދަ ސްކީމެއްގައި ބައިވެރިވުމުގެ ސަބަބުން ގެއްލުން ލިބިފައިވާ ނަމަ މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ޝަކުވާ ހުށަހަޅަން ސީއެމްޑީއޭއިން ވަނީ އެދިފައެވެ.
ރަޖިސްޓްރީ ނުކޮށް ހިންގި ސްކީމްތަކުގައި ބައިވެރިވުމުގެ ސަބަބުން ގެއްލުން ލިބިގެން ހުށަހަޅާފައިވާ މައްސަލަތަކެއް މިހާރުވެސް ބަލަމުން އަންނަ ކަމަށް ސީއެމްޑީއޭއިން ބުނެއެވެ.
ފައިނޭންޝިއަލް ސެކިއުރިޓީޒްގެ މާނައިގެ ތެރޭގައި ފައިސާއިން ފައިދާ ހޯދުމަށްޓަކައި އިންވެސްޓް ކުރުމާއި އެފަދަ ހުރިހާ މުއާމަލާތްތަކެއް ހިމެނޭނެ ކަމަށާއި އަދި އެފަދަ މުއާމަލާތްތަކުގެ ތެރޭގައި އިތުބާރު ގެއްލޭ އަދި ނޭދެވޭ ކަންކަން ހުއްޓުވުމަކީ ސީއެމްޑީއޭގެ ޒިންމާއެއްކަމަށް އެ އިދާރާއިން ބުންޏެވެ.
ސީއެމްޑީއޭއިން އެފަދަ ބަޔާނެއް ނެރެފައި މިވަނީ ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އަނެއްކާވެސް ސްކީމެއް ފަށައިގެން އުޅޭ ދުވަސް ވަރެއްގައެވެ.
އޭނާ ކުރިން ހިންގި ސްކީމެއްގައި ބައިވެރިވި މީހުންނަށް ފައިސާ ނުދިން މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުން އަންނައިރު ފުލުހުން އަލްހާންގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ކުށުގެ ތުހުމަތެވެ.
ޚަބަރު
ޚަބަރު
ޚަބަރު