ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފައިވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޑެޕިއުޓީ ލީޑަރު އަދި ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ރޭ ތައުރީފުކުރައްވައިފި އެވެ.

ގދ. ފަރެސްމާތޮޑާގައި ތަރައްގީކޮށްފައިވާ އެއާޕޯޓު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ނަހުލާ ވިދާޅުވީ، މިއަދު ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް މިވަނީ އިންގިލާބީ ބަދަލެއް އައިސްފައި ކަމަށެވެ.

"ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، އާ އުސްމިންތަކަކަށް ގެންދެވުމަށް ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުން ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދީ ވައިގެ ބަނދަރުތަކުން ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ލިބިއްޖެ،" ނަހުލާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވީ، ސަރަހައްހީ ބަނދަރުތަކުގެ ސަބަބުން ވަޒީފާތައް އުފެދި އަމިއްލަ ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ މަގު ގިނަ ޒުވާނުންނަށް ފަހިވެފައިވާ ކަމަށެވެ.

ރޭގެ ޖަލްސާގައި ނަހުލާ ވަނީ، ރާއްޖޭގެ ރައްޔިތުންނަށް ފަހި ދިރިއުޅުމެއް ހޯއްދަވައިދެއްވައި ގައުމު ބިނާކުރެއްވުމުގައި ރައީސް ސޯލިހު ދައްކަވަމުންގެންދަވާ ސާބިތުކަމާއި ކެބިނެޓްގެ ވަޒީރުންނަށް ދެއްވާ ހިތްވަރަށް އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފައެވެ.

ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ ކެބިނެޓުގައި ހިމެނިވަޑައިގަންނަވަނީ ޖުމްްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ.