ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)ގެ ޕީޕަލްސް ޗޮއިސް ހައިޕާމާކެޓް ކޮންސެޕްޓަށް ބަދަލުކޮށް ހުޅުވިތާ އެއް އަހަރު ފުރުން ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ފަށައިފިއެވެ.

އެސްޓީއޯއިން އިއްޔެ ބުނީ ހައިޕާމެކެޓްއިން މިއަދު 500 ރުފިޔާއަށްވުރެ މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވާ ހަތަރު ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓު ވައުޗާއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވިޔަފާރި ކުރާ ކަސްޓަމަރުންގެ ތެރެއިން ކޮންމެވެސް 10 ކަސްޓަމަރަކަށް ސައިޕްރައިޒެއްގެ ގޮތުގައި އަގުހުރި އިނާމުތަކެއް ދިނުމަށް ހަމަޖެހެފައިވުމުގެ އިތުރުން ހައިޕާމާކެޓުން ވިއްކާ އެކި ބްރޭންޑުތަކުގެ "ޓޭސްޓް ޓެސްޓު" ކުރުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ލިބޭނެކަމަށް އެސްޓީއޯއިން ބުންޏެވެ.

މީގެ އިތުރުން އެސްޓީއޯއިން ބުނީ ހައިޕާމާކެޓަށް އެއް އަހަރު ފުރުމާ ގުޅިގެން ގިވްއަވޭއެއް ފަށާފައިވާ ކަމަށެވެ. އެ ގިވްއަވޭގައި މި މަހުގެ 18ގެ ނިޔަލަށް ބައިވެރިވެވޭނެކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން ބުނީ މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭ ޕްރޮމޯޝަނެއް ހައިޕާމެކެޓުގައި ކުރިއަށް ދާނެ ކަމަށާއި އެ ޕްރޮމޯޝަނުގައި ލިބޭ ޑިސްކައުންޓަކީ މިހާރު ކުރިއަށްދާ ރަމަޒާން ބާޒާރު ޕްރޮމޯޝަންގެ އިތުރުން ލިބޭ ޑިސްކައުންޓެއް ކަމަށެވެ.

އެސްޓީއޯގެ ޓްރޭޑް ސެންޓަރު މަރަމާތުކުރުމަށްފަހު އަމިއްލަ ފަރާތްތަކަށް އެތަނުގެ އެތެރޭގައި ވިޔަފާރި ކުރެވޭގޮތަށް ފުރުސަތު ދީގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަލުން ހުޅުވާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހުއެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނިން އަލަށްފެށި ހައިޕާމެކްޓް ކޮންސެޕަޓަކީ ކާމިޔާބު ކޮންސެޕްޓެއް ކަމަށެވެ.

"އެސްޓީއޯގެ މި ކާމިޔާބު ކޮންސެޕްޓާއެކު ޕީޕަލްސް ޗޮއިސްގައި އާންމު ފަރާތްތަކުން ވިޔަފާރި ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް ރެކް ހޯދުމުގެ ވާދަވެރިކަން ބޮޑުވުމާއެކު އެސްޓީއޯއިން މިހާރު ގެންދަނީ ޓްރޭޑް ސެންޓަރުގެ ފުރަތަމަ ފަންގިފިލާވެސް އާންމު ވިޔަފާރިތަކަށް ހުޅުވާލުމަށްޓަކައި މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންނެވެ." އޭސްޓީއޯއިން ބުންޏެވެ.

ކެއުންބުއިމަށް ބޭނުންކުރާ ދިވެހި އުފެއްދުންތަކަށް ހާއްސަ ރެކެއް ކުއްޔައް ދޫކުރުމަށްޓަކައި ތައްޔާރުކުރެވި އާންމުންނަށް ވަރަށް އަވަހަށް ހުޅުވިގެންދާނެކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން ބުނީ އަމިއްލަ އުފެއްދުންތައް ޕްރޮމޯޓް ކުރުމަށް ޕީޕަލްސް ޗޮއިސްގެ ތެރޭގައި ހިލޭ ފުރުސަތު ދިނުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.