މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކަވަރުކުރުމުގެ ފުރުސަތު ނޫސްވެރިންނަށް ހަނިކުރާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިންތިހާބު ކަވަރުކުރުމަށް ހަރަކާތްތެރިވެވޭނީ ހަމައެކަނި ރަޖިސްޓާޑް ނޫސްވެރިންނަށް ކަމަށް ބަޔާންކޮށް އާންމު އިންތިހާބުތަކާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު ވަނީ އިސްލާހު ހުށަހަޅުއްވައިފައެވެ. އެ އިސްލާހުގައިވާ ގޮތުން އިންތިހާބުގެ ވޯޓު ނަގާ ދުވަހު ވޯޓުލުމުގެ ކަންކަން މޮނިޓާކުރުމަށް ވޯޓުލާ ސަރަހައްދުގައި ހަރަކާތްތެރިވެވޭނީ ހަމައެކަނި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުއްދަ ދޫކޮށްފައިވާ ނޫސްވެރިންނަށެވެ.
އެ އިސްލާހަށް ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭއާއި ޓްރާންސްޕޭރެންސީ ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މުހިންމު އިންތިހާބެއް ބޯމަތިވެފައިވާ މި ދަނޑިވަޅުގައި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެންނަ މި ބަދަލަކީ އިންތިހާބު ހާމަކަން ބޮޑުކޮށް ކުރިއަށް ގެންދިއުމަށް އޮތް ފުރުސަތު ހަނިކުރަން ކުރާ މަސައްކަތެއް ކަމަށެވެ.
އިންތިހާބުތައް ކުރިއަށްދާނީ އިންސާފުވެރިކަމާއެކުތޯ ބަލަން ފާރަވެރިވާ އެއް ފަރާތަކީ މީޑިއާތައް ކަމަށާއި އެހެންކަމުން އިންތިހާބު މޮނިޓާކުރަން މީޑިއަށް ލިބިދީފައިވާ ފުރުސަތު ހަނިކުރުމުން އިންތިހާބުގެ ނަޒާހަތްތެރިކަމާއި ސައްހަ ކަމާމެދު ސުވާލު އުފެދި އިންތިހާބާމެދު ރައްޔިތުންގެ އިތުބާރު ކުޑަވެގެންދާނެ ކަމަށްވެސް ބުންޏެވެ.
"އިސްލާހުތައް ފާސްވެއްޖެނަމަ މި އަހަރުގެ ރިޔާސީ އިންތިހާބާއި ދެންވެސް ހުރި އިންތިހާބުތައް ކަވަރުކުރުމަށް ޝައުގުވެރިވާ ރާއްޖެއިން ބޭރުގެ މީޑިއާ އައުޓްލެޓްތަކާއި ނޫސްވެރިންނަށް އެ ފުރުސަތު ގެއްލޭނެއެވެ. އަދި މީގެ އިތުރަށް ރާއްޖޭގައި ހަރަކާތްތެރިވާ ފްރީލޭންސް ނޫސްވެރިންނަށްވެސް އެ ފުރުސަތު ގެއްލިގެންދާނެއެވެ" ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި އެމްޖޭއޭއާއި ޓްރާންސްޕޭރަންސީން ވަނީ، ގާނޫނަށް އިސްލާހު ގެނައުމަށް ކުރާ މަސައްކަތްތަކަކީ އިންތިހާބުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތްކުރާ ހުރިހާ ޖަމިއްޔާތަކާއި މީޑިއާތަކުގެ ކަމާގުޅޭ އެހެން ފަރާތްތަކާ މަޝްވަރާކޮށްގެން ގެންނަ އިސްލާހުތަކަކަށް ހެދުމަށް ގޮވާލައިފައެވެ. އަދި ގާނޫނަށް ގެންނަ އިސްލާހުތަކަކީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެވޭ އެންމެ ރަނގަޅު އުސޫލުތަކާއި މިންގަނޑުތަކަށް ފެތޭ އިސްލާހުތަކެއްކަން ކަށަވަރު ކުރުމަށާއި ބޭރުގެ މީޑިއާތަކަށް އަދި ފްރީލޭންސް ނޫސްވެރިންނަށްވެސް އިންތިހާބު މޮނިޓާކުރުމުގެ ފުރުސަތު މިހާރު މިއޮންނަ ގޮތަށް ދެމެހެއްޓުމަށްވެސް ގޮވާލާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު