ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާ އެކު އިތުރު ދެ ބޭފުޅަކު އައްޔަންކޮށްފިއެވެ.

މ. ކުނީޒުގައި އިއްޔެ ހަވީރު ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ވަނީ އެކި މަގާމުތަކަށް ބޭފުޅުން ހަމަޖައްސައިފައެވެ. އެގޮތުން ޑރ. ހުސައިން ރަޝީދާއި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާމާލް އަލީގެ އިތުރުން ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝާމް އަލީ ވަނީ ގާސިމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ހަމަޖައްސައިފައެވެ.

ޖޭޕީން އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ސްޕެޝަން އެޑްވައިޒަރުގެ މަގާމަށް މި ތިން ބޭފުޅުން އައްޔަންކޮށްފައިވާ އިރު، ޖޭޕީގެ ހަތަރުވަނަ ކޮންފަރެންސްގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުވެސް ވަނީ ގާސިމްގެ ސްޕެޝަން އެޑްވައިޒަރުގެ މަގާމަށް އައްޔަންކޮށްފައެވެ.

މީގެ އިތުރުން ގާސިމްގެ ތަރުޖަމާނަކަށް މި ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ އައްޔަންކޮށްފައެވެ. އަދި އިސް ތަރުޖަމާނަކަށް މިހާރުވެސް އެ މަގާމުގައި ހުންނެވި އަލީ ސޯލިހު ވަނީ އައްޔަންކޮށްފައެވެ.

ޖޭޕީގެ އެހެނިހެން މަގާމުތަކަށްވެސް އިއްޔެ ވަނީ މީހުން އައްޔަންކޮށްފައެވެ. އެގޮތުން ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް އައްޔަންކޮށްފައިވާ އިރު، ރެޖިސްޓްރާއަކަށް މުހައްމަދު ޒަހީން ވަނީ އައްޔަންކޮށްފައެވެ. އަދި ޓްރެޝަރާއަކަށް މަހްމޫދު ރަމީޒު އަބްދުލްރަހުމާން ވަނީ އައްޔަންކޮށްފައެވެ.

ޖޭޕީގެ ކައުންސިލުން އިއްޔެ ވަނީ ޖުމްހޫރީ ޕާޓީ އިސްވެ އޮވެ، ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރުމަށްވެސް ފާސްކޮށްފައެވެ.