އައްޑޫ ސިޓީގެ ގަން އެއާޕޯޓާއި އައްޑޫ ރީޖަނަލް ސީޕޯޓު ޕްރައިވަޓައިޒް ކުރުމަށާއި ދައުލަތުގެ ދަރަނި މަޖިލީހުން ނިންމާފައިވާގޮތަށް ރީސްޓްރަކްޗާ ކުރުމަށް ގޮވާލައި، ސަރުކާރާ ދެކޮޅު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ހުށެހެޅި ދެ ގަރާރު މިއަދު ރައްޔިތުންގެ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.

މީގެ ތެރެއިން ގަން އެއާޕޯޓާ ބެހޭ ގަރާރު ހުށަހެޅުއްވީ، ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ރަޝީދެވެ. ދަރަނި ރީސްޓްރަކްޗާ ކުރަން ގޯވާލައި ގަރާރު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއުރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ އެވެ.

އަހުމަދު ރަޝީދު ހުށަހެޅުއްވި ގަރާރުގައި ވަނީ، އައްޑޫ ސިޓީ ހިމެނޭ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީ ކުރުމަށާއި ހަބެއްގެ ގޮތުގައި އެ ޒޯންގައިވާ އެހެން އަތޮޅުތައް ތަރައްގީ ކުރެވޭނީ، އައްޑޫ އެއާޕޯޓާއި ސީޕޯޓު ތަރައްގީކޮށް، ޓޫރިޒަމާ ގުޅާލައިގެން ކަމަށެވެ.

އެހެންކަމުން އައްޑޫ އެއާޕޯޓާއި ސީޕޯޓް ތަރައްގީ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އައްޑޫ އެއާޕޯޓް ތަރައްގީ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި ފަޔާ ސްޓޭޝަން ބިލްޑިންގާއި ޑޮމެސްޓިކް ޓާމިނަލް އާއި އިންޓަނޭޝަނަލް ޓާމިނަލް ހެދުމާއި އެއާޕޯޓް އެކްސެސް ރޯޑް ހެދުންވެސް ހިމެނޭ ކަމާއި، މީގެ އިތުރުން އައްޑޫ އެއާޕޯޓާއި ސީޕޯޓުގެ ހިންގުން ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ހިނދު، އެކަމަށް ގިނަގުނަ ހަރަދުތަކެއް ހިނގާނެ،" ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

އައްޑޫ އެއާޕޯޓާއި ސީޕޯޓް ސްޓްރެޓީޖިކް ޕާޓްނާޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ޕްރައިވަޓައިޒް ކޮށްފިނަމަ، އައްޑޫ ރައްޔިތުން އެދެމުން އަންނަ ތަރައްގީ އެ ސަރަހައްދަށް ގެނެވި، އައްޑޫ ސަރަހައްދަށް ގެންނަން ސަރުކާރުން ތަސައްވުރު ކުރާ ތަރައްގީ ގެނެވި، އެތަންތަނުން ސަރުކާރަށް ފައިސާ ވަނުން އިތުރުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އީވާ ހުށަހެޅުއްވި ގަރާރަކީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެމަނިކުފާނުގެ ވެރިކަމުގެ މުއްދަތު ފިޔަވައި، ދެން ހިނގާފައިވާ މުއްދަތުތަކުގައި ދޭދޭ ގައުމުތަކުންނާއި ބައިނަލް އަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން، ސަރުކާރަށް ނަގާފައިވާ ދަރަނި ފިޔަވައި އެހެން ދަރަނިތައް ރީސްޓްރަކްޗާ ކުރުން ނުވަތަ ރީ ޕްރޮގްރާމްކުރުމުގެ މަސައްކަތް ލަސްނުކޮށް ފެއްޓުމަށް ސަރުކާރަށް އެންގުމަށް އެމަނިކުފާނު ހުށަހަޅުއްވައިގެން 27 އޮކްޓޫބަރު 2020 ގައި ފާސްކުރި، ގަރާރާ ގުޅުވައިގެން ހުށަހެޅުއްވި ގަރާރެކެވެ.

އެ ގަރާރުގައި ވަނީ، އެ އަހަރު މަޖިލީހުން ފާސްކޮށްފައިވާ ގޮތަށް، ދައުލަތުގެ ދަރަނި ރީ ސްތްރަކްޗާ ކުރުމަށް ގޮވާލައިފައެވެ.

އީނާ ހުށަހަޅުއްވާފައި ވަނީ "2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ދައުލަތުން ނަގާފައިވާ ދަރަނިތަކާއި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ދައުލަތުން ނަގާފައިވާ ދަރަނިތައް ރީސްޓްރަކްޗާކޮށް ދަރަނި އަނބުރާ ދެއްކުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ހުށަހެޅުންތަކުގައިވާ ކަންކަން ކުރުމަށް ސަރުކާރަށް ގޮވާލާ،" ކަމަށެވެ.

މި ގަރާރު މަޖިލީހަށް ބަލައިގަންނަން ފެނޭތޯ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި، އެވަގުތު ޖަލްސާގައި ތިއްބެވި 59 މެމްބަރުންގެ ތެރެއިން އީވާގެ ގަރާރު ބަލައި ގަތުމަށް ވޯޓު ދެއްވީ 23 މެމްބަރުންނެވެ. އެ ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށް 32 މެމްބަރުން ވޯޓު ދެއްވިއެވެ. ގަރާރު ބަލައިގަންނަން ބޭނުންވަނީ 28 ވޯޓެވެ.

ރަޝީދުގެ ގަރާރު ބަލައި ގަންނަން ވޯޓު ދެއްވީ 18 މެމްބަރުންނެވެ. ބަލައިގަންނަން ނުފެންނަ ކަމަށް 37 މެމްބަރުން ވޯޓު ދެއްވިއެވެ. އެ ގަރާރު ބަލައިގަންނަން 27 ވޯޓު ބޭނުންވެއެވެ.

ރައީސް ނަޝީދުގެ ފެކްޝަނުން ސަރުކާރާ ދެކޮޅަށް ގިނަ އަދަދެއްގެ ގަރާރު ވަނީ ހުށަހަޅައިފައެވެ. ބައެއް ގަރާރުތައް މަޖިލީހަށް ހުށަހެޅުމުގެ މައުހަލާގައިވާ އިރު، އަނެއްބައި ގަރާރުތަކަށް މަޖިލިސް ތަޅުމުގައި ދަނީ ބަހުސް ކުރަމުންނެވެ.