ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވަން ތައްޔާރުވަމުންދާ ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެވޯޑު ހަފުލާ، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023 އަށް ރާއްޖޭ އަންނަ ހާއްސަ މެހެމާނުންގެ ތެރޭގައި އިޓަލީ ގައުމީ ޓީމާއެކު 2006 ވަނަ އަހަރު ވޯލްޑް ކަޕް އުފުލާލި ކެޕްޓަން ފަބިއޯ ކަނަވާރޯ ހިމެނިއްޖެއެވެ.
މިފަހަރުވެސް އެވޯޑު ހަފުލާ ބާއްވަން ހަމަޖައްސާފައި ވަނީ އެކުވެނީ ދުވާ ޓްރެކް ސަރަހައްދުގައެވެ. ހަފުލާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގައެވެ. ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ސްޕޯޓްސް އެވޯޑަށް ހާއްސަ ގިނަ މެހެމާނުންތަކެއް ގެންނަކަން މިނިސްޓްރީން އިއުލާނު ކުރަމުންދާ އިރު، މިހާތަނަށް ވަނީ ކަނަވާރޯގެ އިތުރުންވެސް ބައެއް އެތުލީޓުން އިއުލާން ކޮށްފައެވެ.
އޭގެ ތެރޭގައި ކުރިން އިންގްލެންޑް ގައުމީ ޓީމުގެ ގޯލް ބެލެހެއްޓި ލެޖެންޑަރީ ގޯލްކީޕަރު ޑޭވިޑް ޖޭމްސް އާއި އޮލިމްޕިކްސް ރަން މެޑަލް ހޯދައި، ވޯލްޑް ރެކޯޑުވެސް ހަދާފައިވާ ޕެރަ އެތުލީޓް މާލޫ ވެން ރައިން އަދި ކްރިކެޓް ލެޖެންޑް ބްރައިން ޗާލްސް ލާރާ ހިމެނެއެވެ. އަދި ޗެސް ގްރޭންޑް މާސްޓާ ނިގެލް ޝޯޓްވެސް މިފަހަރުގެ އެވޯޑު ނައިޓްގައި ބައިވެރިވާނެ ކަމަށް މިނިސްޓްރީން ވަނީ އިއުލާނު ކޮށްފައެވެ.
މިއަދު މިނިސްޓްރީން އިއުލާނުކުރި ކަނަވާރޯއަކީ އިޓަލީ ގައުމީ ޓީމަށް 136 މެޗު ކުޅެ، ވޯލްޑް ކަޕް ކާމިޔާބުކުރި ކެޕްޓަނެކެވެ. އަދި 2006 ވަނަ އަހަރު ފްރާންސް ފުޓުބޯޅައިން ދޭ ޝަރަފުވެރި ބެލޮންޑިއޯ ކާމިޔާބުކުރީވެސް ކަނަވާރޯއެވެ. ކަނަވާރޯ ވަނީ ނަޕޯލީ އާއި ޕާމާގެ އިތުރުން އިންޓަ މިލާން، ޔުވެންޓަސް އަދި ރެއާލް މެޑްރިޑާއި ޔުވެންޓަސްއަށް ކްލަބު ކެރިއަރުގައި ކުޅެފައެވެ.
ޕާމާއާއެކު ޔޫއެފާ ކަޕް ހޯދުމުގެ އިތުރުން ކަނަވާރޯ ވަނީ ރެއާލްއާއެކު ދެ ފަހަރަށް ލީގު ނަގައިފައެވެ.
ކުޅުންތެރިއެއްގެ ކެރިއަރު ނިންމާލައި، ކަނަވާރޯ ފަހުން ކޯޗެއްގެ ގޮތުގައި ފެނިގެން ގޮސްފައިވާ އިރު، އޭނާ ވަނީ ސައުދީގެ އަލް ނަސްރާއި ޗައިނާގެ ގުއާންޒޯ އަދި ޓިއާންޖިން ގުއާންޖިއާނަށްވެސް ކޯޗުކަން ކޮށްދީފައެވެ. އަދި 2019 ވަނަ އަހަރު ޗައިނާ ގައުމީ ޓީމަށްވެސް ކަނަވާރޯ ކޯޗުކަން ކޮށްދިނެވެ.
މިހާތަނަށް ސްޕޯޓްސް އެވޯޑުގެ ބައެއް ކުޅިވަރުތަކުގެ ނޮމިނޭޝަންތައްވެސް މިނިސްޓްރީން އިއުލާނު ކޮށްފައިވާ އިރު، އެ ކުޅިވަރުތަކުގެ ތެރޭގައި ކެރަމް އާއި ބާސްކެޓް ބޯޅައިގެ އިތުރުން ހޭންޑްބޯޅަ، ވޮލީބޯޅަ، އެތުލެޓިކްސް އަދި ޓޭބަލް ޓެނިހާއި ބެޑްމިންޓަން ހިމެނެއެވެ.
މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި މިފަހަރުގެ އެވޯޑު ނައިޓްގެ ހަވާސާގައި ކުޑަކުދިންގެ ހަވީރަކާއި މިއުޒިކް ޝޯއެއްވެސް ކުރިއަށް ގެންދަން ވަނީ ހަމަޖައްސައިފައެވެ.