މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025 ގައި އެންމެ މޮޅު އެތުލީޓުންނަށް ޓީޓީ ތަރިން ކަމަށްވާ ފާތިމަތު ދީމާ އަލީއާއި މޫސާ މުންސިފް އަހުމަދު އަދި ބޮޑީބިލްޑިންގެ އަޒްނީން ރަޝާދާއި އީމާ އަބްދުއްސައްތާރު ހޮވިއްޖެއެވެ.
ދީމާއާއި މުންސިފަށް އެއްވަނަ ލިބުނީ އޮލިމްޕިކް ސްޕޯޓްސް އިންނެވެ. އަދި، އަޒްނީނާއި އީމާއަކީ ނޮން އޮލިމްޕިކް ސްޕޯޓްސްގެ އެންމެ މޮޅު އެތުލީޓުންނެވެ.
ދީމާއަކީ ފާއިތުވީ ތިން އަހަރުވެސް މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު އެތުލީޓަށް ހޮވުނު އެތުލީޓެވެ. އޭނާއަށް 2024 އަކީ ކާމިޔާބުވެސް އަހަރެކެވެ. އެއީ ދީމާ ވެގެން ގޮސްފައި ވަނީ ކޮލިފިކޭޝަން މަރުހަލާއެއްގެ ތެރެއިން ރާއްޖޭން އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ އެތުލީޓަށެވެ.
އޮލިމްޕިކް ސްޕޯޓްސް ކެޓަގަރީން ދެވަނައަށް އެންމެ މޮޅު އަންހެން އެތުލީޓަކަށް އާއިޝަތު މާޖިދާ ހޮވުނުއިރު ތިންވަނަ ލިބުނީ ފާތިމަތު ޖޫޒާން ޒަރީރަށެވެ. އޮލިމްޕިކް ސްޕޯޓްސް ކެޓަގަރީން ދެވަނައަށް އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ. ތިންވަނަ ލިބުނީ ފެތުންތެރިޔާ މުހައްމަދު ރިހާން ޝިހާމަށެވެ.
އޮލިމްޕިކް ނޫން ކުޅިވަރުތަކުގެ ކެޓަގަރީގެ ފިރިހެން އެތުލީޓުންގެ ތެރެއިން ދެވަނަ، ޝާހީން އިބްރާހިމް ދީދީ ހޯދިއިރު ތިންވަނަ ހޯދީ އަހްސަން ރަޝީދެވެ.
އަހަރުގެ އެންމެ މޮޅު ޒުވާން އަންހެން އެތުލީޓަކީވެސް ދީމާއެވެ. ދެވަނައަކީ ޓީޓީ ކުޅުންތެރިޔާ، މިޝްކާ މުހައްމަދު އިބްރާހިމެވެ. އަދި، ތިންވަނައަކީ ފެތުންތެރިޔާ ތަޒްކިޔާ އަމްނާ މިރުސާދެވެ. އެންމެ މޮޅު ޒުވާން ފިރިހެން އެތުލީޓުންނަށް ބަލާ އިރު، އެއްވަނައަށް ރިހާން ހޮވުނުއިރު، ދެވަނަ ހޯދީ ޓީޓީ ކުޅުންތެރިޔާ ޒީކް ހަސަން ލަތީފެވެ. އަދި ތިން ވަނަ ލިބިފައިވަނީ ޓީޓީ ކުޅުންތެރިޔާ އުމޭރު މުހައްމަދު މުއިއްޒަށެވެ.
މިފަހަރުގެ އެވޯޑް ހަފްލާގައި ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ލިބުނީ މޫސާ މަނިކު (ކުޑަ މޫސަ) އާއި މުހައްމަދު ނަދީމް (ނަދީމްބެ) އަށެވެ. ސްޕެޝަލް ރިކޮގޮނިޝަން ކެޓަގަރީން ސްޕެޝަލް އޮލިމްޕިކްސް އެތުލީޓްގެ އެވޯޑު ހޯދީ މުހައްމަދު އައްޝަލް އާދަމާއި މަރްޔަމް ޒިވާ ޒާހިރެވެ. އޭގެ އިތުރުން ކުޅިވަރު ނޫސްވެރިޔާ، ހަސަން ސާއިދުގެ ހިދުމަތުގެ އަގުވަޒަންކުރުމަށް ސްޕެޝަލް އެވޯޑެއް ދީފައިވެއެވެ.
މިޑީއާގެ ދާއިރާއިން ސްޕޯޓްސް ވިޝްއަލް އާޓިސްޓްގެ އެވޯޑް ހޯދީ ނައުޝަމް ވަހީދެވެ. އެންމެ މޮޅު ކުޅިވަރު ނޫސް ވެރިޔާގެ އެވޯޑް ހޯދީ އިސްމާއީލް ޝާހެވެ.
ސްޕޯޓްސް އެވޯޑު 2022 ވަނަ އަހަރުން ފެށިގެން ބާއްވަމުން އައިސް، މިދިޔަ އަހަރު ނުބޭއްވީ ހަރަދު ކުޑަކުރުމުގެ ގޮތުންނެވެ. އެފަހަރު އެވޯޑު ފަސްކޮށް، 2024 ވަނަ އަހަރުގެ ކުޅިވަރު ހަރަކާތްތަކަށް އެވޯޑު ބޭއްވީ ރޭގައެވެ. މިނިސްޓްރީން ބުނީ 2025 ވަނަ އަހަރުގެ އެވޯޑު މިއަހަރު ފަހުކޮޅު ބާއްވާނެ ކަމަށެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް