ރާއްޖޭގެ ގިނަ ކުޅިވަރު އެސޯސިއޭޝަންތަކަކީ އެންމެ އެކަށީގެންވާ ގޮތެއްގައި އެތުލީޓުންނާއި އޮފިޝަލުންގެ ޑޭޓާ ރައްކާ ކުރެވޭނެ ނިޒާމެއް ނެތް އެސޯސިއޭޝަންތަކެއްކަން ފާހަގަވާ ކަމަށާއި، ގިނަ އެސޯސިއޭޝަންތައް ހިންގަމުން ދަނީ އަދިވެސް އެވޭލާ ބޯދާ ވިސްނުމެއްގައި ކަމަށް ސްޕޯޓްސް އެވޯޑްސްގެ ޖަޖް ކޮމިޓީގެ އަބްދުއް ނާފިއު ތައުފީގް (ތައްބެ) ވިދާޅުވެއްޖެއެވެ.

ސްޕޯޓްސް އެވޯޑްސް 2025 ގެ ހާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުން ތައްބެ ވިދާޅުވީ، ސްޕޯޓްސް އެވޯޑަށް ދިމާވާ ގޮންޖެހުތަކުގެ ތެރެއިން އެންމެ ބޮޑު ގޮންޖެހުމަކީ ލިބޭ މައުލޫމާތު ވެރިފައި ކުރުމަށް އެސޯސިއޭޝަންތައް ނުކުޅެދިފައިވުން ކަމަށެވެ.

"އެއްވެސް އެސޯސިއޭޝަނެއްގެ ކޭޕީއައި (ކީ ޕާފޯމަންސް އިންޑިކޭޓާ) އެއް މޮނިޓާއެއް ނުކުރޭ. ޕާފޮމަންސް ރިވިއުއެއް ނަހަދާ. ބެލެންސް ސްކޯކާޑް ސިސްޓަމެއްގައި މެނޭޖު ކުރެވޭތަނެއް ނުފެނޭ. ބަލަނީ ތަމްރީނުތަކަށް ފޮނުވޭތޯއާއި ގައުމުގެ އެތައް މިތާ އިންފްރާސްޓްރަކްޗާ ބިނާ ކުރެވޭތޯ. ހޮލިސްޓިކް ގޮތަކަށް ޕާފޮމަންސް މެނޭޖް ކުރާތަނެއް ނުފެނޭ. އޭގެން ދިމާވާ ދަތިތަކުގެ ތެރޭގައި ކުޅުންތެރިންގެ ވެރިފިކޭޝަން ނުލިބުން ހިމެނޭ،" ތައްބެ ވިދާޅުވިއެވެ.

އެސޯސިއޭޝަންތަކުގެ ކަންތަކަށް ފާޑު ވިދާޅުވަމުން އޭނާ ވިދާޅުވީ އެކަން ހައްލުކުރުމަށް ކޭޕީއައި މޮނިޓާ ކުރުމަށް މިހާރު ފްރޭމްވޯކެއް ހަދައި، އެކަމާ ސްޕޯޓްސް ކައުންސިލާއި މިނިސްޓްރީގެ އިތުރުން ސްޕޯޓްސް ކޮމިޝަނާވެސް ހިއްސާ ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ދައްކަނީ ބިގް ޑޭޓާގެ ވާހަކަ. އޭއައިގެ ވާހަކަ. ބިޒްނަސް ޓްރެކިންގެ ވާހަކަ. ނަމަވެސް ހަގީގަތަކީ ގިނަ އެސޯސިއޭޝަންތައް މިއަދުވެސް ހިނގަނީ ވަރަށް އެވޭލާ ބޯދާ ގޮތަކަށް. މައުލޫމާތު ރައްކާ ކުރަނީ އެކްސެލް ޝީޓެއްގައި. ނުވަތަ ވޯޑް ޑޮކިއުމެންޓެއްގައި. އެސޯސިއޭޝަންތައް ޕާފޮމެންސް މޮނީޓާ ކުރަނީ އަހަރަކު އެއްފަހަރު ބާއްވާ އާންމު ޖަލްސާތަކުން. މިކަންކަން އެބަ ޖެހޭ ބަދަލުވާން. އަޅުގަނޑުމެން މިހާރު ޖެހޭ އަބަދުވެސް ތިބި ހިސާބު ބަލާލެވެން. އެއީ ކުޅިވަރުގައިވެސް އެބަ ޖެހޭ ޑާޓާ މެނޭޖުމަންޓް މިއަށްވުރެ ހަރުދަނާ ކުރަން. އެހެން ނޫނީ ދެން ދާނެ މިސްރާބެއް ނޭނގޭނެ،" ތައްބެ ވިދާޅުވިއެވެ.

ތައްބެ އިތުރަށް ވިދާޅުވީ ސްޕޯޓްސް އެވޯޑުގެ ޖަޖުން މަސައްކަތް ކުރަމުން ދަނީ މިނިވަންކަމާ އެކުގައި ކަމަށާއި، އެއްވެސް ސިޔާސީ ނުފޫޒެއް އެކަމުގައި ނާންނަ ކަމަށެވެ. އަދި ވަކި މީހެއްގެ ކޮއްކޮއަކަށް ބޭބެއަކަށް ދައްތައަކަށް ދަރިއަކަށް ބަލާފައި އެއްވެސް މީހަކަށް އެވޯޑު ދީފައި ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަސައްކަތް ކުރަނީ ސްޕޯޓްސް ކައުންސިލުން އަޅުގަނޑު މަތިކޮށްފައި އޮންނަ އުސޫލެއްގެ ދަށުން، ގަވާއިދެއްގެ ދަށުން ކުރަން. އެއްވެސް ހާލެއްގައި ޖަޖުންގެ ކޮމިޓީން މިއަށް އެވޯޑެއް ހަދައި، އެވޯޑެއް ދިނުމެއް ނޯވޭ. އަޅުގަނޑުމެންނަށް މި އޮންނަނީ އެކިއެކި އެސޯސިއޭޝަންތަކުން ނަންތަކެއް ނޮމިނޭޓް ކުރުމުން، އެ ނަންތައް އެވަލުއޭޝަން ހެދުން. ނަމެއް އުނިވެއްޖެއްޔާ ނުވަ އުނިވެއްޖެއްޔާވެސް އެ ޒިންމާ މި އޮންނަނީ އެސޯސިއޭޝަން އަތްމަތީގައި. އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ އެ ނަންތަކުގެ ތެރެއިން ނަމެއް ހޮވުމަށް ސްކޯ ސިސްޓަމެއް ހެދުން. އެވޯޑުގެ ނޮމިނޭޝަން ހުށަހަޅަން މި އޮންނަނީ ހަމައެކަނި އެސޯސިއޭޝަންތަކަށް. ބައެއް ފަހަރު ޖަޖުންނޭ ކިޔައިގެން، މިވެނި މީހެއްގެ ނަން އެވެނި މީހެއްގެ ނަން މިއަށް ލާ އުނިކުރާ ވާހަކަ. އެއްވެސް ހާލެއްގައި އެއީ އެހެން އޮންނަ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ތައްބެ ފާހަގަކުރެއްވީ މިއަހަރު އެވޯޑަށް ބަދަލުތަކެއްވެސް ގެނައި ކަމަށެވެ. އެގޮތުން މިދިޔަ އަހަރުތަކުގައި އޮތީ ހުރިހާ ކުޅިވަރެއް އެއްކޮށްގެން އެންމެ މޮޅު އެތުލީޓުން ހޮވާ ކަމަށް ނަމަވެސް، މިފަހަރު އޮލިމްޕިކް ސްޕޯޓްސްއާއި ނޮން އޮލިމްޕިކް ސްޕޯޓްސް ވަކިކޮށްފައިވާ ކަމަށް ފާހަގަކޮށް ތައްބެ ވިދާޅުވީ، އެ ބަދަލު ގެނައީ ދިމާވާ ޗެލެންޖްތަކުން އަރައި ގަންނަ ކަމަށެވެ. އަދި އޮލިމްޕިކް ކޮމިޓީއާއެކު އުފެއްދި ސްކޯރިން ސިސްޓަމްގެ ތެރެއިން 77 ރޭންކެއްގައި ސްކޯ ކުރެވޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން އެވޯޑު އިންސާފުވެރިވުމަށް ފުރުސަތު ފަހިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ތައްބެ އިތުރަށް ވިދާޅުވީ ކޮންމެ އެވޯޑަކަށްވެސް 300 އަށްވުރެ ގިނަ ވަގުތު ހޭދަކުރާ ކަމަށެވެ. އެ ހާލަތުގައި އެކަން ކުރާއިރުވެސް އެސޯސިއޭޝަންތަކުން އެވޯޑަށް ނަން ހުށަހެޅުމުގައި ކުށި ކަމެއް ހުންނަކަން ފާހަގަވެފައިވާ ކަމަށް ތައްބެ ފާހަގަކުރެއްވިއެވެ.

"މި އެވޯޑަށް ނަން ހުށަހެޅުއްވުމުގައި އަދިވެސް އެސޯސިއޭޝަންތަކުން ކުށި ކަމެއް އެބަހުރި. މިސާލަކަށް 2020 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، ލިއޮނަލް މެސީ. އެންމެންނަށްވެސް އެނގޭ އެއީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާކަން، ދެން އެ އަހަރު ވޯލްޑް ކަޕް އާޖެންޓީނާއިން މި ނެގީ މިސާލަކަށް، ނެގިއިރު އޭނާ މިހުރީ އުޒުރުވެރިވެގެން ގޭގައި. މުބާރާތަކަށް ނުދެވުނު. ސުވާލަކީ އެ އަހަރު އެންމެ މޮޅު ކުޅުންތެރިޔާ މެސީ ގޭގައި ހުއްޓާ ލިބޭނެތޯ. ނުލިބޭނެ. ހަމަ އެގޮތަށް އެސޯސިއޭޝަންތަކުން ނަން ފޮނުވާއިރު ރާއްޖޭން ބޭރުގައި ތަމްސީލުކޮށް، ރާއްޖޭ އެއްވެސް އެޗީވްމަންޓެއް ނެތް. އަޅުގަނޑުމެންނަކަށް ނޯވޭ އޭގެ އެއްވެސް ސްކޯއެއް ދެވޭކަށް. ވަނަވަރު އަހާލުމުން ބުނެފާނެ ކަން ދިމާކުރި ގޮތުން އެ އެތުލީޓް ހުރީ ރާއްޖޭން ބޭރުގައޭ ތަމްރީނުތަކަށް. އެހެންވެ ރާއްޖޭގައި ނުކުޅޭ ކަމަށް. އެއީ އޭ އެސޯސިއޭޝަންގެ އެންމެ މޮޅު އެތުލީޓަކީ،" ތައްބެ ވިދާޅުވިއެވެ.

ތައްބެ އިތުރަށް ވިދާޅުވީ އެއީ އެންމެ މޮޅު އެތުލީޓް ނަމަވެސް، ބައިވެރިނުވާ މުބާރާތެއްގައި، ނުދުވާ މުބާރާތަކަށް ވަނައެއް ދެވެން ނޯންނާނެ ކަމަށެވެ.

އޭގެ އިިތުރުން ގަސްދުގައި އެސޯސިއޭޝަންތަކުން ނުބައި މައުލޫމާތު ދީފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ. އެގޮތުން ބައެއް އެސޯސިއޭޝަންތަކުން އެކަން ކުރަނީ ވަކި ކުޅުންތެރިއަކަށް ޑައިރެކް ކުރަން ކަމަށް އޭނާ ސިފަކުރިއެވެ. އަދި އެކަމަށް ފިޔަވަޅު އަޅަން މަޝްވަރާ ކޮށްފައިވާ ކަމަށްވެސް ތައްބެ ފާހަގަކުރެއްވިއެވެ.