ސައްހަ ނޫން ލިޔެކިއުންތަކެއް ބޭނުންކޮށްގެން އުފައްދާފައިވާ ރަޖިސްޓްރީގެ ނަކަލުތަކެއް ކަމަށް ބެލެވޭ ލިޔެކިއުންތަކެއްގެ މައްސަލަ ޓްރާންސްޕޯޓު މިނިސްޓްރީން ބަލަން ފަށައިފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދާ ހިލާފަށް ސައްހަ ނޫން ލިޔެކިއުންތަކެއް ބޭނުންކޮށްގެން އުފައްދާފައިވާ ރަޖިސްޓްރީގެ ނަކަލުތަކެއް ކަމަށް ބެލެވޭތީ، އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް ސައްހަ ނޫން ލިޔެކިޔުން ނަކަލުކޮށްފައިވާ ކަމަށް ބެލެވޭ 50 އުޅަނދެއްގެ ރެޖިސްޓްރީ ނަންބަރާއެކު އާންމުކޮށްފައިވާ އެ އިއުލާނުގައި ބުނެފައިވަނީ މި އުޅަނދުތަކުގެ ތެރެއިން ރެޖިސްޓްރީގެ އަސްލު ކަމަށް ބުނެ ލިބިފައިވާ ލިޔެކިޔުންތައް ހިފައިގެން ހަތް ދުވަހުގެ ތެރޭގައި އެ މިނިސްޓްރީ އަށް އައުމަށް އެދޭ ކަމަށެވެ.
މިކަމާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު "ވަން" އަށް ވިދާޅުވީ މި އުޅަނދުތައް ގަވާއިދާ ހިލާފަށް ރެޖިސްޓްރީކޮށްފައިވާކަން ފާހަގަވެފައިވަނީ އެކުންފުނީގެ އިންޓާނަލް އޮޑިޓުގެ ތެރެއިން ކަމަށެވެ. އެހެންކަމުން މި އުޅަނދުތައް ގަވާއިދާ އެއްގޮތަށް ރެޖިސްޓްރީ ކުރުމަށް އުޅަނދުގެ ވެރިފަރާތަށް މިހާރު ފުރުސަތު ދީފައިވާ ކަމަށެވެ.
އަލީ ވިދާޅުވީ މި މުއްދަތުގެ ތެރޭގައި އެ އުޅަނދަކަށް މިހާރު ދީފައިވާ ރެޖިސްޓްރީގެ ސައްހަކަން ކަށަވަރުނުވާ ކަމުގައިވާނަމަ، އެ އުޅަނދެއްގެ ރެޖިސްޓްރީ ބާތިލުކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އިންޓާނަލް އޮޑިޓެއްގެ ތެރެއިން މިކަން ފާހަގަވީ. އެހެންވެ އެ އުޅަނދުތަކުގެ ވެރިންނަށް ގަވާއިދާ އެއްގޮތަށް ރެޖިސްޓްރީކުރުމަށް މިދެނީ ފުރުސަތު. އަދި ކުރިން ދީފައިހުރި ލިޔެކިޔުންތަކުގެ ސައްހަކަންވެސް އަޅުގަނޑުމެން ބަލާނަން. މިގޮތަށް ރެޖިސްޓްރީކުރި 200 އެއްހާ އުޅަނދެއް ގަވާއިދަށް ނުފެއްތީމަ ރެޖިސްޓްރީ މީގެ ކުރިންވެސް ބާތިލްކުރިން،" އޭނާ ވިދާޅުވިއެވެ.
ގަވާއިދާއި ހިލާފަށް ރެޖިސްޓްރީ ކުރި ކަމަށް ބުނެ ރެޖިސްޓްރީ ބާތިލުކުރި އުޅަނދުތަކެއްގެ މައްސަލަ ސިވިލް ކޯޓަށްވެސް ހުސަހެޅިއެވެ. އެގޮތުން ސިވިލް ކޯޓުން ވަނީ އެއީ ރެޖިސްޓްރީ ބާތިލްނުވާ އުޅަނދުތަކެއް ކަމަށް ކަނޑައަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު