ރޯދަމަހަށް ހާއްސަކޮށް އެމްޓީސީސީން ކުރިއަށްގެންދާ "ރޯދަ ޕްރޮމޯ" މިއަދު ފަށައިފިއެވެ.
އެމްޓީސީސީން މިއަދު ބުނީ ކޮންމެ އަހަރެއްގެ ރޯދަ މަހަށް ހާއްސަކޮށް ބާއްވާ ރޯދަ ޕްރޮމޯގެ މަގުސަދަކީ އެމްޓީސީސީން ތަކެތި ގަންނަ ފަރާތްތަކަށް ލުއިގޮތަކެއް ހޯދައިދިނުން ކަމަށެވެ.
މިއަދު ފެށި އެމްޓީސީސީގެ ރޯދަ ޕްރޮމޯ އަންނަ މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެކުންފުނިން ބުންޏެވެ.
މި ޕްރޮމޯޝަންގެ ދަށުން އެމްޓީސީސީ އިން ވިއްކާ އިންޖީނުތަކުން ޑިސްކައުންޓު ލިބޭނެއެވެ. އޭގެ ތެރޭގައި ޔަންމާ އިންޖީނު، ސުޒުކީ އިންޖީނު ސްކޮޓް ބޭޑާ ކޮމްޕޮސައިޓްސް އަދި ފައިބާ ގްލާސް މެޓީރިއަލްސް، ކާސްޓްރޯލް ލުބްރިކަންޓްސް، ސުޒުކީ އަދި ޔަންމާ ސްޕެއާ ޕާޓްސް، މެރޯލް ސްޓީއަރިން ސިސްޓަމް، ޓިއުބާއި ޝެފްޓް އަދި ޕްރޮޕެލާ ހިމެނެއެވެ.
އެމްޓީސީސީގެ ރޯދަ ޕްރޮމޯ ފެށުމުގެ ގޮތުން އެކުންފުނީގެ ކަށަވަރު ޝޯރޫމްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ގަންނަ ކޮންމެ މުދަލަކުން 10 ޕަސެންޓްގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށެވެ.
މި ފްރޮމޯޝަނަށް ވަރަށް ގިނަ ތައްޔާރީތަކެއް ވެފައިވާ ކަމަށާއި އެގޮތުން ހުސްނުވާ ވަރަށް ސްޓޮކްކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން މަސްވެރިންނަށް ލުއި ފަސޭހަކަމާއެކު އިންޖީނު ލިބޭނެ ގޮތް ހަދާފައިވާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީން އިތުރަށް ބުނީ ޕްރޮމޯޝަނާ ބެހޭ މައުލޫމާތު ދިނުމަށް އެކުންފުނީގެ ޓީީމުތަކުން މާލޭ ބަނދަރުމައްޗާއި ހުޅުމާލޭ ކަންނެލި ޖެޓީގެ އިތުރުން ވިލިމާލޭ ބަނދަރުމަތި، ތިލަފުށީ އިންޑަސްޓްރިއަލް ސައިޓްސް އަދި ބޯޓު ޔާޑަށް ޒިޔާރަތް ކުރާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު