ނ. ކެނދިކުޅުދޫ ބަނދަރު ތަރައްގީކުރުމާއި ކުޅުދުއްފުށި ސިޓީގެ ޖެޓީ ބޮޑުކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ޕާތިމަތު ޝާނާ ފާރުގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ.
އެމްޓީސީސީން މިއަދު ބުނީ ކުޅުދުއްފުށި ޖެޓީ ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން 1،531 ކިއުބިކް މީޓަރުގެ ސަރަހާއްދެއްގެ ހާބާ ބޭސިން ފުންކުރުމާއި ޓިމްބާ ޖެޓީތައް ބޮޑުކުރުމާއި ޖެޓީތަކުގެ ދެމެދުގައި ޓިމްބާ ޕްލެޓްފޯމްތައް ހަރުކުރުމާއި އެއްގަމުތޮށި މަރާމާތު ކުރުމާއި ފްލޯޓިންގް ޖެޓީގެ ސްޕަން ޕައިލް ބޮޑުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 12.10 މިލިއަން ރުފިޔާއަށް 250 ދުވަހުން ނިންމާ ގޮތަށެވެ.
ކެނދިކުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 28،393 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބާ ބޭސިން ފުންކުރުމާއި 30،480 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި 12،968 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 12.038 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަހައްދުގެ ބޭސިން ފުންކުރާނެއެވެ.
އަދި 14،220 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަހައްދުގެ ނެރު ފުންކުރުމާއި 368 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 130 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 246 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 249 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލާނެއެވެ. އަދި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި 86 މީޓަރު ދިގު 5.1 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި 1،990 އަކަ މީޓަރުގެ ހާބާ ޕޭވްމަންޓް ހެދުމާއި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން ކުރާނެއެވެ.
ޕްލޭނިން މިނިސްޓްރީން ކެނދިކުޅުދޫ ބަނދަރު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކުރީ 73.16 މިލިއަން ރުފިޔާއަށް 500 ދުވަހުން ނިންމާ ގޮތަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު