ވިޝުއަލް ބްލޮކްސް ބޭނުންކޮށްގެން އެކި އެކި ގޭމްތަކުގެ ކޯޑް ލިޔާނެ ގޮތް އުމުރުން 12 އަހަރާއި 14 އަހަރާ ދެމެދުގެ އަންހެން ކުދީންނަށް ދަސްކޮށްދިނުމަކީ އެކުދިންގެ ވިސްނުން ތަރައްގީވެގެންދިއުމުގެ އިތުރުން ކޯޑް ކުރުމަށް އަދި ހާއްސަކޮން ޓެކްނޮލޮޖީގެ ދާއިރާއަށް ބޮޑު ޝައުގެއް އުފެދިގެން ދާނެ ކަމެކެވެ. މި ޒަމާނުގެ ޓެކްނޮލޮޖީއަށް ކުދީންގެ ލޯ ހުޅުވި ދާއިރާގެ ތަފާތު އެކި އެކި ދިމާތައް އެކުދިން އަމިއްލައަށް ހޯދަން ފަށާނެ މުހިއްމު ފެށުމެކެވެ.
މާލޭގެ އެކި ސްކޫލްތަކުން ޖުމުލަ 30 ކުދީންނަށް ފުރުސަތުދީގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކުރިއަށް ގެންދާ މި ޕްރޮގުރާމްގައި ހިމެނޭ އެންމެ މުއްމު އެއްބަޔަކީ އެޕްލިކޭޝަން ހެދުމަށް މިހާރު އެންމެ ގިނަ މީހުން ކޯޑްކުރާ ޕައިތަން (ޕްރޮގްރާމިން ލެންގުއޭޖް) ދަސްކޮށްދިނުމެވެ. ޕައިތަން (ޕްރޮގްރާމިން ލެންގުއޭޖް) އިން ކޯޑް ކުރަން ދަސްކޮށްދީގެން ތަފާތު އެޕްލިކޭޝަން ހަދާނެއެވެ. މި ފަދަ ކޯޑިން ދަސްކޮށްދޭ ކުރު ކޯސްތައް މީގެ ކުރީންވެސް އެކި އެކި ފަރާތްތަކުން ވަނީ ހިންގާފައެވެ. އެހެން ނަމަވެސް ބީއެމްއެލްގެ މި ޕްރޮގްރާމް ހަމައެކަނި އަންހެން ކުދީންނަށް ހާއްސަކުރުމަކީ އައިޓީ ދާއިރާއަށް އަންހެންކުދީން ވެއްދުމަށް ކޮށައިލަދިން އާ މަގެކެވެ. ރާއްޖޭގެ ނިސްބަތުން އައިޓީ ދާއިރާގައި އަންހެންކުދިން ވަރަށްވެސް މަދުކަން ފާހަގަ ކުރެވެއެވެ. އެހެން ކަމުން މިފަދަ ޕްރޮގްރާމެއްގެ ތެރެއިން ގިނަ ކުދިންތަކެއްގެ ޝައުގު މި ދާއިރާއަށް އުފެއްދޭނެއެވެ.
މި ޕްރޮގްރާމަކީ ފޮލޫޕް އެކަޑަމީއާ ގުޅިގެން ބީއެމްއެލް އިން ހިންގާ ވަރަށް ހާއްސަ ޕްރޮގްރާމެކެވެ. މި ކޯޑިން ޕްރޮގްރާމްގެ ތެރެއިން ދަސްކޮށްދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެންމެ ސައުއުވެރިކަމަކީ ބްލޫޓޫތު ކޮންޓްރޯލްޑް ރޮބޮޓް ހެދުމެވެ. މި އުމުރުފުރާގެ ކުދީންނަށް ހަމައެކަނި ކޯޑްކޮށްގެން އެޕްލިކޭޝަނެއް ހެދުމަކީ ފޫހިކަމަށްވެދާނެތީ އެ ކުދީންގެ ޝައުގުވެރިކަން އިތުރުކޮށް މި ދާއިރާއަށް ލޯބި ޖެއްސުމަށް އެ ކުދީން ކުޅެން ގެންގުޅޭ ބައެއް ސާމާނުގެ ކޮންޓްރޯލް ނުވަތަ ރޮބޮޓް ފަދަ ތަކެތި ބުލޫޓޫތު މެދުވެރިކޮށް ފޯނުން ނުވަތަ ރިމޯޓަކުން ކޮންޓްރޯލް ކުރެވޭނެ ގޮތްވެސް މި ޕްރޮގްރާމްގެ ތެރެއިން ދަސްކޮށްދޭނެއެވެ. މިފަދަ ޝައުގުވެރި ގޮތަކަށް މި ޕްރޮގްރާމް ރާވާފައިވަނީ އައިޓީ ދާއިރާއަށް އަންހެން ކުދީންގެ ޝައުގުވެރިކަން އިތުރުކޮށް ޓެކްނޮލޮޖީއަކީ މިއަދުގެ ދުނިޔޭގައި ހިންގާ ހުރިހާ ކަމެއް، އެއާ ގުޅިލާމެހިފައިވާ އެއްޗެއްކަން ދަސްކޮށްދިނުމަށެވެ.
ބީއެމްއެލްއިން އަންހެން ކުދީންނަށް ހާއްސަކޮށް ތައާރަފުކުރި ކޯޑިން އަދި އިންޖިނިއަރިން ޕްރޮގްރާމްގެ ތެރެއިން މިހުރިހާ ކަމެއް ދަސްކޮށްދިނުމަށް ނިންމިއިރު، މި އަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރަކީ ޑިޖިޓަލް މާހައުލުތަކުގައި އަންހެނުން ބާރުވެރިކުރުވައި، ސްޓެމް ދާއިރާއިން ވަޒީފާގެ ފުރުސަތުތައް މަގުފަހި ކުރުމަށެވެ.