މޯލްޑިވިއަންގެ މަތިންދާ ބޯޓަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެމަޖެންސީގައި އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ޖައްސައިފިއެވެ.

މޯލްޑިވިއަންގެ މީޑިއާ އޮފިސަރު އަހުމަދު މުޝިލް ސޮބާހް "ވަން" އަށް މިއަދު ވިދާޅުވީ، މިއަދު ހެނދުނު މާލެއިން ފުރައިގެން ލ. ކައްދުއަށް ފުރި އެ ބޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވިކަން ޕައިލަޓަށް ފާހަގަވީ ފުރިތާ މާގިނައިރު ނުވަނީސް ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށާއި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މޯލްޑިވިއަންގެ އިންޖިނިއަރުން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"ސީދާ ދިމާވި މައްސަލަ ހާމަކުރެވޭކަށް ނެތް. އަޅުގަނޑުމެންގެ އިންޖިނިއަރިން ޓިމުން ދަނީ ދިމާވި މައްސަލަ ހައްލުކުރަމުން. އެ މީހުން ހުއްދަ ދިންހާ އަވަހަކަށް ފުރޭނެ. މި ބަލަނީ މެންދުރު 1:00ގައި ފުރޭނެ ކަމަށް," މުޝިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބޯޓަށް ދިމާވީ ސީރިއަސް މައްސަލައެއް ނޫން ކަމަށާއި އެހެންކަމުން އެ ފްލައިޓުން ދަތުރުކުރުމަށް ހަމަޖެހިފައިވާ ފަސިންޖަރުން އެހެން ފްލައިޓަކަށް ބަދަލުކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ.