ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުން ޑިއުޓީ ކަނޑާލުމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ޖަރުމަނުން ރާއްޖެއަށް ކަނޑައަޅާފައިވާ ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލް، ކްރިސްޓިއަން ފޮން ސްޓެޓެން އަދި އޮނަރަރީ ކޮންސުލް، އެންޑްރިއާސް ޕީޓާ ވިއްޓެގެ އަރިހުން އެދިވަޑައިގެންފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ދެބޭފުޅުން ރައީސް ސޯލިހުގެ އަރިހަށް މިއަދު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރެއްވުމަށާއި ޖަރުމަނުވިލާތާއި ރާއްޖެއާ ދެމެދު އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.

ރާއްޖެ އާއި ޖަރުމަނާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމަށާއި ދެގައުމުގެ ދެމެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

އަދި ރައީސް ސޯލިހު ވަނީ ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހަށް ނަގާ 24 ޕަސަންޓް ޑިއުޓީ ކަނޑާލުމަށް މަސައްކަތްކޮށްދެއްވުމަށް އެ ދެބޭފުޅުންގެ އަރިހުން އެދިވަޑައިގެންފައެވެ.

ރާއްޖެ އާއި ޖަރުމަނާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ 1966 ވަނަ އަހަރުގެ ޖުލައި މަހުގެ ފަސް ވަނަ ދުވަހުއެވެ.