ޚަބަރު

އިޒްރޭލުގެ އެއާލައިނަކަށް ރާއްޖެއަށް ދަތުރެއް ނުކުރެވޭނެ: ސަރުކާރު

1

ރާއްޖެ އާއި އިޒްރޭލާ ދެމެދު ދަތުރުތައް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ސަރުކާރުން ބުނެފިއެވެ.

އިޒްރޭލުގެ ފްލެގް ކެރިއާ އެއާލައިން "އެލް އަލް އިސްރާއީލް އެއާލައިން" އިން ރާއްޖެއަށް ސީދާ ދަތުރުތައް ކުރަން ވިސްނަމުންދާ ކަމަށް އެ އެއާލައިންގެ ޗީފް އެގްޒެކެޓިވް ވަނީ މިދިޔަ ހަފުތާގައި ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، އިޒްރޭލާއި ރާއްޖެއާ ދެމެދު ދަތުރުކުރުމާ ގުޅޭ އެއްވެސް ވާހަކައެއް ދެކެވިފައިނުވާ ކަމަށެވެ.

"ރާއްޖެ އާއި އިޒްރޭލާ ދެމެދު ވިޔަފާރީގެ ގުޅުމެއް މިހާރު ނޯންނާނެ. އެހެންވީމާ އެފަދަ އެއްބަސްވުމަކަށް ނުވަތަ އެފަދަ ދަތުރުތަކެއް ކުރެވޭނެ އިންތިޒާމުތަކެއް ހަމައެއް ނުޖެހޭނެ،" މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ އިޒްރޭލާއި ރާއްޖެއާ ދެމެދު އެއާ ސާވިސް އެގްރީމެންޓެއްވެސް ނޯންނާނެ ކަމަށާއި އެހެންކަމުން އިޒްރޭލުން ރާއްޖެއަށް ދަތުރުތައް ބޭއްވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ރާއްޖެއިން ވަނީ 1974 ވަނަ އަހަރުން ފެށިގެން އިޒްރޭލާ ގުޅުން ކަނޑާލައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟