ކުރިއަށް އޮތް ރޯދަ މަހު ބާޒާރުގައި ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދީ ހިފެހެއްޓުމަށް އެސްޓީއޯ މެދުވެރިކޮށް ހަ ޝިޕްމަންޓެއް ގެނައުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ އާންމުކޮށް ދިވެހިން ކެއުމުގައި ބޭނުން ކުރާ ކާބޯތަކެތީގެ ބާވަތްތައް ހުސްވިޔަ ނުދީ ބާޒާރުން ލިބެން ހުންނާނެކަން ސަރުކާރުން ޔަގީން ކުރާނެ ކަމަށެވެ.
"ރޯދަ މަހަށް ޑިމާންޑް އެންޑް ސަޕްލައިއަށް ބަލައިގެން ޖުމްލަ 6 ޝިޕްމެންޓެއް ގެނައުމަށް ރޭވިފައިވާ ކަމަށް. އޭގެ ތެރޭގައި ފިޔާ އަލުވި ބިސް ލިބޭނެ ގޮތް އިންތިޒާމުކުރުމަށް،" އެސްޓީއޯއާ ހަވާލާދީ މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ، ރޯދައަށް ގެންނަ ކާބޯތަކެތީގެ ފުރަތަމަ ޝިޕްމަންޓް މިދިޔަ މަހުގެ 27ގައި ގެނެސްފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް ތަކެތި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިހާރު ވެސް ވިއްކަން ފަށާފައިވާ ކަމަށެވެ.
މިއުވާން އިތުރަށް ވިދާޅުވީ ރޯދައަށް ގެންނަ މުދާ ޕޯޓުގައި ތާށިވިޔަ ނުދީ ބާޒާރަށް ނެރެވޭނެ ގޮތް އިންތިޒާމު ކުރުމަށް އެމްޕީއެލާއި ކަސްޓަމްސް އަދި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އާއްމުކޮށް ރޯދަ މަހާ ދިމާކޮށް ބާޒާރުގައި ތަކެތީގެ އަގު އުފުލެއެވެ.