ބައެއް ފިރިހެނުންގެ ވިސްނުން ހުންނަ ގޮތުގެ ސަބަބުން އަންހެނުން އިސް މަގާމުތަކުގައި ތިބީމާ އުނދަގޫވާކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ އަންހެނުން ދުވަސް ފާހަގަކުރުމުގެ މ. ކުނޫޒުގައި ރޭ ބޭއްވި ޖަލްސާއެއްގައި ނަހުލާ ވިދާޅުވީ ފިރިހެނުން ވިސްނުން ބަދަލުކުރުމަށްފަހު އަންހެނުން ކުރިއެރުމަށް ޖާގަ ދެއްވަން ޖެހޭ ކަމަށާއި ސިޔާސީ ދާއިރާއަށް ނުކުތްއިރު އެތަކެއް ގޮންޖެހުންތަކާ ދިމާވެވަޑައިގެންނެވި ކަމަށާއި އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރެއިންވެސް އަންހެނަކަށް ވީތީ އެތައް ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިކަމަށެވެ.

"މިނިސްޓްރީއަށް ޖޮއިންކުރި ފަހުން އެތަނުގަވެސް އަޅުގަނޑަށް ތެދަށް ދަންނަވަންޏާ ކަންތައްތައް ފަސޭހައެއް ނޫން. ބައެއް ބޭފުޅުންގެ، ބައެއް ފިރިހެން ބޭފުޅުންގެ ވިސްނުން ހުންނަ ގޮތުން އަންހެން ބޭފުޅެއް ނޫނީ އަންހެނަކު ތަނެއްގެ އިސްކޮށް ހުރީމަ އުނދަގޫވާ ގޮތްވޭ. އެކަމަކުވެސް އަޅުގަނޑު ދަންނަވާލަން އޮތީ ތި ވިސްނުން ބަދަލުކުރާށޭ، ތި ވިސްނުން ބަދަލުކުރައްވާށޭ، އަޅުގަނޑުމެންގެ މިންތީގެ ހަމަހަމަކަމަށް މަސައްކަތް އެބަ ކުރަންޖެހޭ. ތި ބޭފުޅުންވެސް އެކަން ގަބޫލުކުރައްވައި އެޖާގަ ދެއްވާށޭ" ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ އަންހެނުންގެ ބަސް ޕޮލިސީ ނިންމުމުގައި ހިމަނަންޖެހޭ ކަމަށެވެ. އަންހެނުން ކަމަކަށް ކުރިމަތިލައިގެން ނުކުމެއްޖެނަމަ ގިނަ އުނގޫތަކާއެކު ދުއްތުރާތަކާ ކުރިމަތިވާ ކަމަށާއި އެކަންކަމަށް ކެރިގެން ކުރިމަތިލުމަށް ނަހުލާ ވަނީ އެދިވަޑައިގެންފައެވެ.

އަންހެނުން އަންހެނުންނާއެކު ތިބުމަކީ މުހިންމު ކަމެއް ކަމަށާއި ރާއްޖެއާއި ދުނިޔޭގެ ނިސްބަތުން ބެލިޔަސް އަންހެނުންގެ މާ ގިނަކަމަށް ނަހުލާ ވިދާޅުވިއެވެ. އަންހެނުން އެ މީހުންގެ ނަފުސުތައް ކޮޅަން ޖަހަން ދަސްކުރަންޖެހޭކަމަށް ނަހުލާ ވިދާޅުވިއެވެ.