މުއްދަތު ހަމަވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް މިމަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓުން މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ލައިސަންސްގެ ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ. އެފަހުން މިނިސްޓްރީން ވަނީ މިދިޔަ މަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައެވެ.

މުއްދަތު ހަމަވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އަނެއްކާވެސް އިތުރުކުރަން ނިންމައި މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ ލައިސަންސްގެ ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވާތީ މުއްދަތު ހަމަވެފައިވާ ލައިސަންސް ބޭނުން ކުރުމުގެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީން ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު ކުރި އިއުލާނުގައި ބުނެފައިވަނީ އެ މިނިސްޓްރީން ފޯރުކޮށް ދޭ ހިދުމަތްތައް ލުއިފަސޭހަކޮށް، ފެންވަރުމަތިކުރުމުގެ ގޮތުން އަލަށް ތައްޔާރުކުރި ސޮފްޓްވެއާގެ ބައިތަކުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ޑިޖިޓަލައިޒް ކުރަން ނިންމާފައިވާ ކަމަށެވެ.

ޓްރާންސްޕޯޓުން ވަނީ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހުގެ އެ އިއުލާނާ އެއްގޮތަށް ޑިޖިޓަލް ލައިސަންސް ތައާރަފުކޮށްފައެވެ.

ޑިޖިޓަލް ލައިސަސްތައް ފެންނާނީ "ޕޮލިސް އެމްވީ" އެޕްލިކޭޝަނުންނެވެ. އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސްގެ ގޮތުގައި ޑިޖިޓަލަ ލައިސަންސް ބަލައިގަންނަން ފުލުހުންވެސް ވަނީ ނިންމައިފައެވެ.

ޓްރާންސްޕޯޓުން އަލަށް ތައާރަފުކުރި އެ ސޮފްޓްވެއާ މެދުވެރިކޮށް ލައިސަންސަށް އެދި ހުށަހެޅުމާއި އަދި ޓްރާންސްޕޯޓް މިނިސްޓްރީން ފޯރުކޮށްދޭ އެހެން ހިދުމަތްތަކައްވެސް ހުށަހެޅެން ހުންނާނެއެވެ. އަދި ލައިސަންސް ދޫކުރަން ހަމަޖެހިފައިވަނީވެސް ޑިޖިޓަލައިޒްކޮށެވެ.

ޓްރާންސްޕޯޓުން ބުނެފައިވަނީ ޑިޖިޓަލްކޮށް ލައިސަންސް ދޫކުރާ ގޮތަށް ބަދަލުކުރި ނަމަވެސް ކޮންމެހެން ލައިސަންސް ކާޑު ޕްރިންޓް ކޮށްގެން ގެންގުޅެން ބޭނުންވާ މީހުންނަށް އެފުރުސަތު އޮންނާނެ ކަމަށެވެ.