ތުރުކީވިލާތުގެ ފަހުގެ ތާރީޚުގައި އެގައުމަށް އެންމެ ބޮޑެތި ބަދަލުތައް ގެންނެވި ދެ ލީޑަރުންގެ ތެރެއިން އެއް ލީޑަރަކީ އުމުރުފުޅުން މިހާރު 69 އަހަރުވީ ރަޖަބް ތައްޔިބު އުރުދުގާނެވެ. އަނެއްބޭފުޅަކީ ތުރުކީވިލާތުގެ ޖުމްހޫރީ ނިޒާމުގެ ބާނީ މުސްތަފާ ކަމާލެވެ. މީގެތެރެއިން އުރުދުގާނަކީ މިހާރުވެސް ރައީސެވެ. އޭނާ ވެރިކަން ކުރައްވާތާ ވިހި އަހަރުވެއްޖެއެވެ. އެންމެ ފުރަތަމަ 2003 ވަނަ އަހަރުން ފެށިގެން 2014 އަށް ބޮޑުވަޒީރުގެ ގޮތުގައެވެ. ދެން 2014 އިން ފެށިގެން މިއަދާ ހަމައަށް ރައީސްގެ ގޮތުގައެވެ. އުރުދުގާނާއި އޭނާގެ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީން ގައުމަށް ގެނައި އެންމެ ބޮޑު ބަދަލަކީ އައު ގާނޫނުއަސާސީއެއް ގެނެސް ފުރިހަމަ ރިޔާސީ ނިޒާމެއް ގާއިމްކުރުމެވެ. އައު ގާނޫނުއަސާސީއަށް އަމަލުކުރަން ފެށީ 2018 ގައެވެ.
އައު ގާނޫނުއަސާސީގެ ދަށުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ވަރަށްވެސް ފަސޭހަކަމާއެކު އުރުދުގާން ވަނީ ކާމިޔާބު ކުރައްވައިފައެވެ. މިއަހަރަކީ އޭނާގެ ފަސްއަހަރުގެ ދައުރު ނިމޭ އަހަރެވެ. އައު އިންތިޚާބު ބާއްވަންޖެހޭ އަހަރެވެ. އިންތިޚާބުގެ ވޯޓުލުން އޮންނާނީ މިއަހަރުގެ މެއިމަހުއެވެ. އިންތިޚާބަށް ދެންއޮތީ ދެމަހެއްހައި ދުވަހެވެ. މިހިސާބުން އެންމެ ގިނަބަޔަކު ކުރާ ސުވާލަކީ އައު ގާނޫނުއަސާސީގެ ދަށުން ބާއްވާ ރިޔާސީ ދެވަނަ އިންތިޚާބުގައި އުރުދުގާނަށް ދެވަނަ ދައުރެއް ހޯއްދެވިދާނެބާވައެވެ. ޚާއްސަކޮށް ވަރުގަދަ ބިންހެލުމަކާ ގުޅިގެން ގައުމު ވީރާނާވެ އެތައް މިލިޔަން ބަޔަކު ހާލުގައި ޖެހިފައިވާ ދަނޑިވަޅެއްގައި، އަދި ސަރުކާރަށް ނުރުހުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި ރައްޔިތުން އަނެއްކާވެސް އުރުދުގާނަށް އާނއެކޭ ބުނެފާނެ ބާވައެވެ.
އިންތިޚާބެއްގައި އުރުދުގާން ބަލިކުރެވޭނީ އިދިކޮޅުގައި އެވަރުގެ އުރަތްޕެއް ހުރެގެންނެވެ. އެކުވެރިކަންވެސް އޮވެގެންނެވެ. އުރުދުގާނަކީ އިންތިޚާބުތަކުން ކުރިހޯއްދެވުމުގެ ތަޖުރިބާކާރެކެވެ. މެއިމަހުގެ އިންތިޚާބުގައި އުރުދުގާނާ ވާދަކުރައްވަން އިދިކޮޅު ޕާޓީތައް ގުޅިގެން ނެރޭ ކެންޑިޑޭޓަކީ ކާކުބާވައެވެ. ބަލައިލަމާބަހީއެވެ. އިދިކޮޅު ޕާޓީތައް ގުޅިގެން އުފައްދާފައިވާ އިއްތިހާދުން ނެރޭ ކެންޑިޑޭޓަކީ ކަމާލް ކިލިޗްޑަރޯލޫކަމަށް މި ހަފުތާގައިވަނީ އިއުލާންކޮށްފައެވެ. އުމުރުފުޅުން 74 އަހަރުވީ ކިލިޗްޑަރޯލޫއަކީ ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ ލީޑަރެވެ. އެ ޕާޓީއަކީ ތުރުކީވިލާތުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީއެވެ. މިފަހަރުގެ އިންތިޚާބުގައި ސޯޝަލް ޑިމޮކްރެޓުން ވާދަކުރާނީ އިތުރު ފަސް ޕާޓީއަކާ ގުޅިގެން އުފައްދާފައިވާ ކޯލިޝަނެއްގެ ތެރެއިންނެވެ.
ކަމާލް ކިލިޗްޑަރޯލޫ އުފަންވެވަޑައިގެންނެވީ ތުރުކީވިލާތުގެ އިރުމަތީ ބިތުގެ ސަހަރެއް ކަމަށްވާ ޓުންސެލީގައި 1948 ވަނަ އަހަރުއެވެ. އެއީ މެދުފަންތީގެ އާއިލާއެއްގެ ހަތް މެންބަރުންގެ ތެރެއިން މެންބަރެކެވެ. އެ އާއިލާއަކީ ޝިޔާއިންގެ ތެރޭގައި ހިމެނޭ ބައިމަދު އައްލާވީ މަޒުހަބަށް ތަބާވާ އާއިލާއެކެވެ. ކިލިޗްޑަރޯލޫ ޚާއްސަވެ ވަށައިގެންނެވީ އިގްތިސާދީ ދާއިރާއަށެވެ. މަތީ ތައުލީމު ހާސިލްކުރެއްވީ ވެރިރަށް އަންކާރާގެ ގާޒީ ޔުނިވަރސިޓީންނެވެ. އިކޮނޮމިކްސްގެ ދާއިރާއިން ޑިގްރީއެއް ހާސިލްކުރެެއްވީވެސް އެތަނުންނެވެ. ފާއިތުވި އަހަރުތަކުގައި ކިލިޗްޑަރޯލޫ ވަނީ ތުރުކީވިލާތުގެ އިގްތިސާދީ އަދި މާލީ ބޮޑެތި އިދާރާތަކުގައި މަސައްކަތް ކުރައްވައިފައެވެ. އޭގެތެރޭގައި މާލީ ވުޒާރާއާއި ރެވެނިއު އިދާރާ ހިމެނެއެވެ. އަދި އިޖުތިމާއީ ރައްކާތެރިކަމާ ބެހޭ ދެތިން އިދާރާއެއްވެސް ހިމެނެއެވެ.
ވެރިރަށް އަންކާރާގެ ޔުނިވަރސިޓީއެއްގައި އިކޮނޮމިކްސް ކިޔަވައިދެއްވަންވެސް އުޅުއްވިއެވެ. ތުރުކީވިލާތުގެ އެންމެބޮޑު ޕްރައިވެޓް ބޭންކުގެ ބޯޑު މެންބަރެއްގެ ގޮތުގައިވެސް އަހަރުތަކެއް ހޭދަކުރެެއްވިއެވެ. ސިޔާސީ ދާއިރާއަށް ކިލިޗްޑަރޯލޫ އެންމެ ފުރަތަމަ ނުކުމެވެޑައިގެންނެވީ 2002 ވަނަ އަހަރުގެ ތެރޭގައެވެ. ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓެއްގައި އިސްތަންބޯލްގެ ކޮންމެވެސް ދާއިރާއެއްގެ ގޮނޑި ކާމިޔާބު ކުރައްވައި ޕާލަމެންޓަށް އޭނާ ވަދެވަޑައިގެންނެވީ އެއަހަރުއެވެ. އެއީ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ އެންމެ ފުރަތަމަ ވެރިކަމުގެ މަތިފަޑިއަށް ވާސިލްވި އަހަރެވެ. އޭގެ ފަސްއަހަރު ފަހުން 2007 ގައި އަނެއްކާވެސް ކިލިޗްޑަރޯލޫ ހަމަ އެގޮނޑި ކާމިޔާބު ކުރެެއްވިއެވެ. އަދި ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ސްޕީކަރަކަށްވެސް ވެވަޑައިގެންނެވިއެވެ. އެދުވަސްވަރު ޕާޓީގެ ލީޑަރަކީ ޑާނިޒް ބޭކަލްއެވެ.
ސޯޝަލް ޑިމޮކްރަޓިިކް ޕާޓީގެ ލީޑަރުކަމުން ޑާނިޒް ބޭކާލް 2010 ވަނަ އަހަރު އިސްތިއުފާ ދެއްވުމާ ގުޅިގެން އެޕާޓީގެ ލީޑަރުކަމަށް ހަމައެއަހަރު ހޮވައިފައިވަނީ ކިލިޗްޑަރޯލޫއެވެ. އޭގެފަހުން މިއަދާ ހަމައަށްވެސް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ ލީޑަރަކީ އެއީއެވެ. އޭނާގެ ޒައާމަތު ފެށުނުފަހުން ބޭއްވި ރިޔާސީ އަދި އާއްމު އިންތިޚާބުތަކުގައި ހަމަކޮންމެފަހަރަކުވެސް ސޯޝަލް ޑިމޮކްރެޓުންވަނީ ރައީސް އުރުދުގާންގެ ޖަސްޓިސް އެންޑް ޑިވެލޮޮޕްމަންޓް ޕާޓީއަތުން ބަލިވެފައެވެ. ކިލިޗްޑަރޯލޫގެ ޒައާމަތުގެ ދަށުގައި ސޯޝަލް ޑިމޮކްރެޓުންނަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިއޮތީ 2019 ވަނަ އަހަރުގެ ލޯކަލް އިންތިޚާބުގައެވެ. ތުރުކީގެ އެންމެ ބޮޑު ހަ ސިޓީގެ ތެރެއިން ފަސް ސިޓީ ކާމިޔާބުކުރީ އެ ޕާޓީންނެވެ. އޭގެތެރޭގައި ވެރިރަށް އަންކާރާ އާއި އިގްތިސާދުގެ މައި މަރުކަޒު އިސްތަންބޯލް ހިމެނެއެވެ.