Close
ކުޅިވަރު

ޕީއެސްޖީގައި މަޑުކުރާނެކަމުގެ ސިގުނަލް މެސީ ދީފި

އިމާދު ލަތީފު

އާޖެންޓީނާގެ ތަރި ލިއޯ މެސީގެ ކޮންޓްރެކްޓް އައުކޮށް އިތުރު އަހަރުތަކަކަށް ޕީއެސްޖީގައި މަޑުކުރަން ވިސްނާކަމުގެ ސިގުނަލެއް އޭނާ ދީފިއެވެ. ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު މިއަހަރުގެ ޖޫންމަހު ހަމަވާނެއެވެ.

މިހާތަނަށް އޭނާ އައީ އައު ކޮންޓްރެކްޓެއްގައި ސޮއިކުރުން ލަސްކުރަމުންނެވެ. މިކަމާ ގުޅިގެން ބޮޑަށް ބެލެވިފައިއޮތީ މި ސީޒަން ނިމުމުން މެސީ ދެން ގުޅޭނީ އެމެރިކާގެ އިންޓަރ މަޔާމީއާ ކަމުގައެވެ. އެއީ އިންގްލެންޑުގެ ޑޭވިޑް ބެކަމްގެ އަމިއްލަ ކުލަބެވެ. މެސީގެ އަމިއްލަ ގެއެއްވެސް މަޔާމީގައި ހުރެއެވެ. ޕީއެސްޖީގެ ކުލަބް ވެބްސައިޓަށް މިހަފުތާގައި ދިން އިންޓަރވިޔުއެއްގައި މެސީ ބުނެފައިވަނީ ޕީއެސްޖީއާއެކު އަދިވެސް ގިނަގުނަ ކާމިޔާބީތައް ހޯދަން އޭނާ އެދޭކަމަށާއި ކުރިއަށްއޮތީ ފަހި ދުވަސްތަކެއް ކަމަށް އުންމީދުކުރާ ކަމުގައެވެ.

ޕީއެސްޖީއާއެކު ހޭދަކުރި މުއްދަތުގެ ކުރީކޮޅު މާހައުލަށް ނުހޭނުމުގެ މައްސަލަޔާއި އައު ތަނެއްގައި އުޅެން އުނދަގޫވުމުގެ މައްސަލަޔާއި އައު ކުޅުންތެރިން ދަސްނުވުމުގެ މައްސަލަ ކުރިމަތިވިޔަސް މިހާރު އެހުރިހާ ކަންކަން ހައްލުވެ ޕީއެސްޖީއަށް މުޅިން ފިޓްވެފައިވާ ކަމަށް ގަބޫލުކުކުރާ ކަމަށްވެސް މެސީ ބުންޏެވެ. ޕީއެސްޖީގެ ފަރަންސޭސި ފޯވާޑް ކީލިއަން އެމްބާޕޭއަކީ ވާދަވެރިއެއްކަމަށް ނުދެކޭ ކަމަށާއި އެމްބާޕޭއާއެކު އެއް ޓީމެއްގައި ހުރެވުމަކީ ވަރަށްބޮޑު އުފަލެއްކަމަށްވެސް މެސީ ބުންޏެވެ. އުންމީދަކީ އެމްބާޕޭއާއެކު ވީހާވެސް ގިނަ ތަށި ހޯދުންކަމަށްވެސް ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކާއެކު މިހަފުތާގައި ކުޅެންޖެހޭ މެޗާމެދު މެސީ ބުނީ ފުރަތަމަ ލެގުގައި އެކެެއް ސުމަކުން ބަލިވެފައިއޮތަސް ބަޔާންގެ ދަނޑުގައި ކުރިހޯދޭނެކަމަށް ގަބޫލުކުރާ ކަމަށާއި ބަޔާނަށް އެއްގޮތަކަށްވެސް ފަސޭހަ ނުވާނެ ކަމުގައެވެ. ފަރަންސޭސި ލީގާއި ޔޫރަޕިއަން ޗެމްޕިއަންސް ލީގު މިސީޒަނުގައި ޕީއެސްޖީއަށް ކާމިޔާބުކޮށްދިނުމަކީ އުންމީދެއްކަމަށްވެސް ބުންޏެވެ. މެސީ މިފަދައިން ވާހަކަ ދައްކާފައިވާއިރު ޕީއެސްޖީގެ ފޯވާޑްލައިނުގެ މުހިންމު ތަރިއެއްކަމަށްވާ ބްރެޒިލްގެ ނޭމާރ ވަނީ އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް ޓީމާ ދުރަށްދާން ޖެހިފައެވެ.