ދިރާގުގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ (އޭޖީއެމް) މިމަހުގެ 20 ވަނަ ދުވަހު ބާއްވަން އެ ކުންފުނިން ނިންމައިފިއެވެ.

ދިރާގުން މިއަދު ބުނީ އެ ކުންފުނީގެ 34 ވަނަ އަހަރީ އާންމު ޖަލްސާ 20 މާޗް ވާ ހޯމަ ދުވަހުގެ ރޭގަނޑު 8:15 ގައި ބާއްވަން ނިންމާފައިވާ ކަމަށާއި އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ކްރޮސްރޯޑް މޯލްޑިވްސްގައި ކަމަށެވެ.

އަހަރީ ޖަލްސާގައި ބައިވެރިވުމަށް ދިރާގުގެ ހިއްސާދާރުންގެ ޕްރީ ރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވަނީ މިމަހުގެ ތިންވަނަ ދުވަހުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ މެންދުރު 1:00 އަށް ކަމަށް ދިރާގުން ބުންޏެވެ.

"ވީމާ 14 މާޗު 2023 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ދިރާގުގެ ހިއްސާދާރުންގެ ރަޖިސްޓަރީގައި ހިމެނިވަޑައިގަންނަވާ ހިއްސާދާރުންނަށް މި ޖަލްސާގައި ބައިވެރިވުމަށް ދައުވަތު ވަނީ އެރުވިފައެވެ..،" ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ އަހަރީ ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓްރީކުރެވޭ ހިއްސާދާރުންގެ އަދަދު 150 އަށް ލިމިޓްކޮށްފައިވާ ކަމަށެވެ. އެހެންކަމުން އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ހިއްސާދާރުންގެ ތެރެއިން ޖަލްސާގައި ބައިވެރިވެވޭނީ ޖަލްސާ ބާއްވާ މާލަމަށް ހާޒިރުވެގެންކަން ނުވަތަ އޮންލައިންކޮށްކަން މިމަހުގެ 19 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން އަންގާނެ ކަމަށެވެ.