ހދ. ކުމުންދޫގައި ޕޮލިސްޕޯސްޓްގެ މަސައްކަތް ނުފެށި ވަނީ އެކަށީގެންވާ ތަނެއް ނުލިބިގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، މަކުނުދޫ ދާއިރާގައި ހިމެނޭ ކުމުންދޫގައި މި އަހަރުގެ ތެރޭގައި ގާއިމުކުރުމަށް ބުނެފައިވާ ޕޮލިސް ޕޯސްޓުގެ އަމަލީ މަސައްކަތް ފެށޭނެ ހިސާބަކާ ބެހޭގޮތުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ކުމުންދޫގައި ކުށްކުރުކުގެ ހާލަތު އަހަރުން އަހަރަށް މައްޗަށް ދާކަން ފާހަގަ ކުރެވިފައިވާތީ، ވީ އެންމެ އަވަހަކަށް އެރަށުގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ނަމަވެސް އެކަމަށް ބޭނުންވާ އެކަށީގެންވާ ޖާގައެއް ހޯދުމަށް ރަށު ކައުންސިލާއެކު 2020 ވަނަ އަހަރުން ފެށިގެން މަޝްވަރާ ކުރަމުންދިޔަ ނަމަވެސް އަދިވެސް ތަނެއް ލިބިފައި ނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އާއްމު ގޮތެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރަން ގެންގުޅޭ އުސޫލަކީ ރަށު ކައުންސިލާއެކު މަޝްވަރާކޮށްގެން ހިދުމަތް ގާއިމުކުރުމަށް އެ ބޭފުޅުންގެ ދަށުގައި ހުރި ތަނެއް ލިބޭތޯ ބެލުން، އެފުރުސަތު ނެތްނަމަ އެކަށީގެންވާ އަގެއްގައި ތަނެއް ކުއްޔަށް ހިފައިގެން އެ ހިދުމަތް ގާއިމްކުރުން،"

ނަމަވެސް ކައުންސިލްގެ ދަށުގައި އެކަށީގެންވާ ތަނެއް ނެތްކަމަށް އެ ފަރާތުން ބުނުމުން، އަމިއްލަ ފަރާތްތަކުގެ އިމާރާތެއް ކުއްޔަށް ނެގުމަށް ތިން ފަހަރެއްގެމަތިން އިއުލާންކުރި ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

"ތަނެއް ހޯދަން ތިން ފަހަރެއްގެ މަތިން އިއުލާންކުރިން، ފުރަތަމަ ފަހަރު ހުށަހެޅި ފަރާތުން ހުށަހެޅީ ވަރަށް ބޮޑު އަގެއް، އެހެންކަމުން އެތަނުގައި ފުލުންގެ ހިދުމަތް ގާއިމް ކުރެވެން ނެތްކަމަށް އަޅުގަނޑުމެން ނިންމީ، ދެވަނައަށް އިއުލާން ކުރި ދެފަހަރުވެސް އެއްވެސް ފަރާތަކުން ކުރިމައްޗެއްނުލި،"

އެކަމާ ގުޅިގެން ރަށު ކައުންސިލާ އިތުރަށް މަޝްވަރާކުރި ކަމަށާއި، އެކަމަށް އަމިއްލަ މީހެއްގެ އިމާރާތެއް ދިނުމަށް އެއްބަސްވެފައިވާ ކަމަށް ކައުންސިލުން ބުނި ނަމަވެސް އެތަނުގެ އެއްބައިގައި ވެރިފަރާތުގެ އާއިލާ ބަޔަކު އުޅޭތީ އެތަނުގައިވެސް އެކަން ކުރެވެން ނެތްކަމަށްވެސް ވިދާޅުވިއެވެ.

"މިހާރު ދެ ކޮޓަރީގެ އިމާރާތެއް ހުރިކަމަށް އެބަ ވިދާޅުވޭ، އެތަނުގެ ވެރިފަރާތުން އެތަން މަރާމާތުކޮށްގެން، ކުއްޔަށް ދީގެން ކުރިއަށް ދެވިދާނެކަމަށް، ނަމަވެސް އެންމެ ފަހުން މައުލޫމާތު ލިބުނުގޮތުގައި އެ އިމާރާތުގެ އެއްބައިގައި، އެއާއިލާގެ ބައެއް އުޅޭމަކުގެ މައުލޫމާތު ލިބޭތީ، އެއީ ފުލުހުންގެ ހިދުމަތް ގާއިމްކުރަން އެންމެ ރަނގަޅު ގޮތެއްނޫން،"

މިނިސްޓަރު ވިދާޅުވީ، ތަނެއް ހަމަޖައްސައިދޭތާ ގިނަވެގެން ތިންމަސްދުވަހުގެ ތެރޭގައި، އެ ރަށުގައި ފުލުހުންގެ ހިދުމަތް ފެށޭނެ ކަމަށެވެ.