ފޯލްޑަބަލް ނުވަތަ އިސްކްރީން ފަށްޖަހާލެވޭ ސްމާޓްފޯނުތައް ބާޒާރަށް ނެރެ ވިއްކަމުން އަންނަތާ މިހާރު ފަސް އަހަރު ވެފައިވާއިރު، އޭގެ ވިޔަފާރި ރަނގަޅަށް ކުރަމުން އަންނަނީ ހަމައެކަނި ސެމްސަންގެ ފޯނު ތަކުންނެވެ. ވާދަވެރި އެޕަލް އަދި އެހެން ބުރޭންޑްތަކުގެ ފޯނުތައް މާބޮޑަށް ފައްޖަހާކަށް ނޫޅެއެވެ. މީހުންގެ ސައުގުވެރިކަން ވެސް އެހާ ބޮޑު ކަމަކަށް ނުބެލެވޭތީ ކަމަށްވެސް ވެދާނެއެވެ. އެހެން ނަމަވެސް މޯބައިލް ފޯނުގެ ބާޒާރުގައި ހަންފަތުރަމުން އަންނަ އޮޕޯ ފޯނުން އުފެއްދި އެން2 ފްލިޕް އަކީ ފޯލްޑަބަލްސް އަށް އުޖާލާ މުސްތަގުބަލެއް އޮތް ފޯނެއް ކަމަށް ގިނަ ބަޔަކު އެބަކިޔައެވެ.
ފުރަތަމަ ފޯލްޑަބަލް ނުވަތަ ފަށްޖަހާލެވޭ ސްމާޓްފޯނުތައް 2019 ވަނަ އަހަރު ނެރުނުއިރު، ހުރިހާ އެންމެންވެސް ދެއްކީ ސެމްސަންގެ ގެލެކްސީ ފޯލްޑް ފޯނުގެ ވާހަކައެވެ. ނިމިގެން މިދިޔަ ހަތަރު އަހަރުތަކުގެ ތެރޭގައި ވެސް ސެމްސަން ކުންފުނި ނޫންބަޔަކު މާ ބޮޑަށް ފަށްޖެހޭ ފޯނުގެ ވާދަވެރި ކަމުގެ ތެރެއަށް ވަދެ އުފެއްދުންތަކެއް ނުނެރެއެވެ. ސެމްސަން ކުންފުނިން ނެރުނު އިސްކްރީން ފަށްޖަހާލެވޭ ފޯނުތަކުގެ ތެރޭގައި ގެލެކްސީ ބުރޭންޑްގެ ތިން ހަތަރު ފޯނެއް ނެރުން ފިޔަވައި އިތުރު ކަމެއް އެމީހުންވެސް ކުރިތަނެއް ނުފެއެވެ.
ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ސެމްސަންގުން ވަނީ ކުރިއަށް ޖެހިލައި، ފަށްޖެހޭ ފޯނުގެ އުފާ އެމީހުން އެކަނި ހޯދާފައެވެ. އޭގެ ތެރޭގައި “ފްލިޕް”ކުރެވޭ ފޯނުވެސް ތައާރަފުކުރުމުން އެ ކުންފުންޏަށް ބޮޑު ކާމިޔާބެއް ލިބިގެން ދިޔައެވެ. ގެލެކްސީ ޒެޑް ފްލިޕް 3 ތައާރަފުކުރި އަހަރު 10 މިލިއަނަށްވުރެ ގިނަ ފޯނު ވިއްކިއެވެ. އެހެން ނަމަވެސް ބާޒާރުގެ ވާދަވެރިކަން ބޮޑުކުރުމަށް ސެމްސަން އާއި ވާދަ ކުރުމަށް އޮޕޯ އިން މިވަނީ ފިސާރި ފެންވަރުގެ ފޯނެއް ނެރެފައެވެ.
އެގޮތުން ޗައިނާއިން ބޭރުގައި ވިއްކާ އޮޕޯގެ ފުރަތަމަ ފޯލްޑަބަލް އަކީ ސީދާ ވާދަވެރި ގެލެކްސީ ޒެޑް ފްލިޕްއާ ވާދަ ކުރެވޭނެ ފައިންޑް އެން2 ފްލިޕް ފޯނެވެ.
މިދިޔަ ދުވަސްތަކުގައި އޮޕޯ ފައިންޑް އެން2 ފްލިޕް ތަޖުރިބާކުރި ފަރާތްތަކުން ބުނާ ގޮތުގައި މީ ތަފާތު ފޯނެކެވެ. މިފޯނުގު އެންމެ ފުރިހަމަ ރިވިއުއެއް ހުށަހަޅަން އަދި މާ އަވަސް ނަމަވެސް މި ފޯނުގެ މޮޅުކަމުން ސެމްސަންގްއާ ދެކޮޅަށް ތެދުވެ ވާދަ ކުރާނެ ކަމަށް މިހާރުވެސް ވަރަށް ގިނަ ބަޔަކު ވަނީ އެއްބަސްވެފައެވެ.
އެގޮތުން ހަމައެކަނި ހާޑްވެއާއަށް ބަލާއިރު، އޮޕޯ ފައިންޑް އެން2 ފްލިޕް އަކީ ފާހަގަކޮށްލެވޭ ފޯނެކެވެ. އެއީ ގާތްގަނޑަކަށް ގެލެކްސީ ޒެޑް ފްލިޕް 4 އަށް ފޯލްޑް ފޯނާ ސައިޒުން އެއްވަރުގެ ފޯނަކަށް ވެފައި ޖީބުގައި ފޯނު ބާއްވާލުމަށްވެސް ފަސޭހަ އަދި ތުނި ވީމައެވެ.
އޮޕޯ ފޯނަކީ ބޭނުން ކުރަމުން އަންނަ (ހިންޖު) ހުޅުވުމާއި ބަންދުކުރުމުގައި ވެސް އޮމާން އެއްޗެއް ކަމަށާއި، ފޯނު އަތުގައި އޮންނަ އިރު ފްރޭމްގައި ކޮންމެވެސް ވަރެއްގެ ސޮލިޑް ގްރިޕެއް ވެސް ހުރެއެވެ. ފޯނު ރީިތި ކުރުމަށް ބްރަޝްޑް ގްލާސް ފިނިޝިން އެއް ހުރެއެވެ. ދެން އޮތީ ޑިސްޕްލޭ އެވެ. ސެމްސަންގްގެ ފްލިޕް ޑިވައިސްތަކަށްވުރެ ފުރިހަމަ އަދި އަލިކަންވެސް ރީތިކަމަށް ބުނެއެވެ. 6 އަދި 8 ޖީބީރެމް ހިމެނޭ މިފޯނަކީ 5 ޖީ ލިބޭ އަދި ބެޓެރީވެސް ވަރުގަދަ އެންމެ ހަލުއި ޕުރޮސެސަރުން ހިންގާ ފޯނެކެވެ. 3.26 އިންޗީގެ ފުޅާ މި ފޯނު ހުޅުވާލުމުން އައިފޯނު ޕުރޯ މެކްސްއާ އެއްވަރުކަމަށް ވެއެވެ. މޮޅު ކެމެރާ ސިސްޓަމެއް ހިމެނޭ މިފޯނު ލައްޕައިލުމުން މަތީގައި ހުންނަ ކުޑަ ކުޑަ އިސްކްރީނުން ފޯނުގެ ހުރިހާ ނޮޓިފިކޭޝަން ތަކެއް ދައްކައިދެއެވެ. މީ ހުރިހާ ގޮތަކުން ބަލާއިރުވެސް ވަރަށް ހިތްގައިމު ފޯނެކެވެ.