ރިޕޯޓް

އަލުން ކިޔައިލުމަށް: ވޭމަންޑޫ ހުރިހާ ގެއެއްގައި ބޮޑެތި ކުދިލުނބޯ ގަސް، މީ ކިހިނެއް ވާ ކަމެއް؟

އަހުމަދު ޖައިޝަން

(އަސްލު ޝާއިއު ކުރީ 12 ޖެނުއަރީ 2019 ގައި)

ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ހާއްސަ ކަންތައްތަކެއް ނުވަތަ އެހެން ރަށްތަކާ ހިލާފު ކަންތައްތަކެއް ލިބިފައި ހުރެއެވެ. މިސާލަކަށް އއ. އަތޮޅު ތޮއްޑޫއޭ ބުނާއިރަށް އެންމެ ފުރަތަމަވެސް ސިފަ ވާނީ ކަރަވެ. އެއީ އެރަށަށް ހާއްސަ ކަމަކަށް ވާތީއެވެ. ނަމަވެސް ތ. އަތޮޅުގެ ވެރިރަށް، ވޭމަންޑޫއަށް ހާއްސަ ވަނީ ތަފާތު އެއްޗެކެވެ. އެއީ ކުދިލުނބޮއެވެ.

ލައިމްބެރީ ނުވަތަ ކުދިލުނބޮއަކީ ރަށްރަށުގެ ވަލުތެރޭ އާންމުކޮށް ހެދޭ އެއްޗެކެވެ. ނަމަވެސް ވޭމަންޑޫގައި ނަޒަރު ހިންގާލި ކޮންމެ ދިމާއަކުންވެސް ކުދިިލުނބޯ ފެނެއެވެ. ސަބަބަކީ އެ ގަހަކީ ހުރިހާ ގެއެއްގައިހެން ހުންނަ ގަހަކަށް ވާތީއެވެ.

"އަސްލު ނޭނގެ ކީއްވެގެން ކަމެއް. ހަމަ ގާތްގަނޑަކަށް ހުރިހާ ގެއެއްގައިހެން އޭގެ ގަހެއް އެބަހުރޭ. އަދި އަބަދުހެން ހުންނާނީ ކުދިލުނބޯ އަޅައި ފުރިފަ،" ވޭމަންޑޫ ޒުވާނަކު "ވަން އޮންލައިން"އަށް ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި އެ ރަށު ގޭގޭގައި ކުދިލުނބޯ ނުހުންނަ ހަނދާނެއް އޭނާ ނުހުރެ އެވެ. ވޭމަންޑޫގައި ކުދިލުނބޯ ގަސްތައް މި ގޮތަށް ހެދެން ފެށީ ކޮން ދުވަސްވަރެއްގައި ކަމެއް ނުވަތަ ކީއްވެގެން ކަމެއް ގިނަ ބަޔަކަށް ނޭނގެއެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި ކުދި ލުނބޯ ހެދުމާއި ކުރީގެ ހިޔާލީ ކަންތައްތަކާވެސް ގުޅުން ހުރެއެވެ.

"ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ވޭމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ނަސީހު ވިދާޅުވީ ވަރަށް ކުރީއްސުރެ ފެށިގެން ވެސް އެރަށު ގެތަކުގައި ކުދިލުނބޯ ހައްދައި އުޅޭ ކަމަށެވެ. އޭނާ ވިދާޅުވީ ކުރީން ވާހަކަ ދެކެވޭގޮތުގައި އެ ރަށު ބޮޑު މަގުގެ ހަތަރު އަނގޮޅިއަށްވާ ގޮތަށް ހުރި މާ ބަގީޗާއެއްގެ މެދުގައި ކުދިލުނބޯ ގަހެއް ހުއްޓެވެ.

"އެއީ ވަރަށް ބޮޑު ގަހެކޭ ކިޔަނީ. ދެން ދެކެވޭ ވަރަށް ގިނަ ވާހަކަތައް ހުރޭ. އެހާބޮޑަކަށް ނޭނގެ އަސްލު ވާގޮތެއް،" އޭނާ ވިދާޅުވިއެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުގައި ކުދިލުނބޯ ގަހަކީ އެރަށުގައި ކުރީން ބަގީޗާ ގަހެއްގެ ގޮތުގައި ހައްދަމުން އައި ގަހެކެވެ.

"ކުރީން ކުދިލުނބޯ ހައްދައި އުޅެނީ ބަގީޗާގަހެއްގެ ގޮތުގައި. ދެން ފަހުން އެ ގަސް އެގޮތަށް ހައްދައެއް ނޫޅޭ." ވޭމަންޑޫ ޒުވާނަކު ކިޔައިދިނެވެ. އޭނާ ބުނިގޮތުގައި މިހާރު އެ ރަށުގައި ގިނަ މީހުން ކުދި ލުނބޯ ހައްދައެއް ނޫޅެވެ. އެހެންނަމަވެސް ގެތަކުގައި ކުދިލުނބޯ ގިނައިން ހެދިފައި ހުންނަނީ އަމިއްލައަށް ކަމަށް އޭނާ ބުންޏެވެ.

ކުދިލުނބޯ ގަސްތަކުން ލުނބޯ ބިނދެގެން ކުރީން ވަރަށް ގިނައިން ބޭނުންކުރި ކަމަށް އޭނާ ބުންޏެވެ.

"ތެރަހުގެ ބަދަލުގައި ވެސް އަޅުގަނޑުމެން ކުޑައިރު ސްކޫލަށް ފެހި ކުދި ލުނބޯ ގެންދަން. ވަރަށް ފައްކާ ތެރަހެއްގެ ގޮތުގައި ބޭނުންކުރަން،" އޭނާ ބުންޏެވެ.

ކޮންމެއަކަސް އެއް އިރެއްގައި ބަގީޗާ ގަހެއްގެ ގޮތުގައި ހައްދައި އުޅުނު ކުނދިލުނބޯގަސްތަކުން މުޅި ވޭމަންޑޫ މިހާރު އެވަނީ ބަގީޗާއަކަށް ވެފަ އެވެ. މިހާރު ވޭމަންޑޫއަކީ ކުދިލުނބޯ ބަގީޗާއެކޭވެސް ބުނެވިދާނެ އެވެ. އެހައިވެސް އެރަށުގައި އޭގެ ގަސްތައް ގިނަ އެވެ. މިހާރު ވެސް ރަށުގެ އާންމު ރައްޔިތުން އެގަސްތައް ބޭނުން ކުރަނީ ހިޔާދޭ ގަހެއްގެ ގޮތުގަ އެވެ.