ކިޔުއާރު ކޯޑު ސްކޭންކޮށްގެން ހިންގާ މުއާމަލާތްތަކުގައި ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ބޭނުން ކުރަންޖެހޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ.
ބީއެމްއެލުން މިއަދު ބުނީ މޯބައިލް ބޭންކިން އެޕްލިކޭޝަން އަޕްޑޭޓް ކުރުމުން، އެ އެޕުން ކަސްޓަމަރުން ކުރާ ކޮންމެ އަދަދެއްގެ "ސްކޭން ޓު ޕޭ" މުއާމަލާތްތަކަކަށް ވެސް އޯތެންޓިކޭޓާ، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް އޯޓީފީ ޖަހަން ޖެހޭ ގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އޮޅުވާލައިގެން އެކައުންޓުން ފައިސާ ނަގާ މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިންޓަނެޓް ބޭންކިން އަދި މޯބައިލް ބޭންކިން ހިދުމަތް މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް ބޭނުންވާ އޯޓީޕީ އޯތެންޓިކޭޓާ އެޕް މެދުވެރިކޮށް ޖެނެރޭޓް ކުރެވޭނެ ގޮތް ހަދާފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.
"މީއީ އީމެއިލް ކޮމްޕްރަމައިޒްވެފައިވާ ހާލަތްތަކުގައިވެސް ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަމެއް ދިނުމުގެ ގޮތުން އެޅުނު ފިޔަވަޅެކެވެ..،" ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން ބުނީ އެ ބޭންކުން ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރަން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި އެގޮތުން ސެކިއުރެޓީ ފީޗާސްތައް އިތުރަށް ހަރުދަނާ ކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތައް މިމަހު ތައާރަފުކުރާނެ ކަމަށެވެ.
ސްކޭމަރުން އަންނަނީ އޮޅުވާލައިގެން ފައިސާ ހޯދުމަށް ތަފާތު އުކުޅުތައް ބޭނުން ކުރަމުން ކަމަށާއި އެފަދަ ކަންކަން ދެނެގަނެ، ޒާތީ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށް ވެސް ބީއެމްއެލުން ވަނީ އެދިފައެވެ.
- ބީއެމްއެލުން ވެބްސައިޓް ލިންކް ހިމެނޭ އެސްއެމްއެސް ނުކުރާނެ/ އެސްއެމްއެސް އައުމުން އެއީ ބީއެމްއެލުން ފޮނުވި އެސްއެމްއެސްއެއް ކަމަށް ހީވިޔަސް ލިންކަށް ނުފިތުން އަދި އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުން
- މެސެޖް ޕޮޕް އަޕް ވިންޑޯސް ލިންކް އަދި އެޓޭޗުމެންޓްސް ނުހުޅުވުން
- ބޭންކިން ޕާސްވޯޑް އަދި އީމެއިލް ޕާސްވޯޑް ދޭތެރެދޭތެރެއިން ބަދަލުކުރުން
- ބްރައުޒާގައި އީމެއިލް އަދި ބޭންކިން ޕާސްވޯޑް ސޭވް ކޮށްފައި ނުބެހެއްޓުން
- ވެބްސައިޓް ލިންކް ރަނގަޅަށް ޗެކް ކުރުން
- ބޭންކުން ފޮނުވާ ނޯޓިފިކޭޝަންތަކަށް ސަމާލުކަން ދިނުން
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި