އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް އާދައިގެ ގޮތަކަށް މިހާރު ތަރައްގީކުރި ނަމަވެސް ފަހުން ޒަމާނީ ފެންވަރަށް ތަރައްގީކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން އިންޑިއާގެ ރެނާޓަސް ކުންފުންޏަށް ހަވާލު ކުރަން މީރުމާ ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އައްޑޫގެ އިގުތިސޯދު ވީހާވެސް އަވަހަކަށް ކުރިއަރައިގެންދާނެ ގޮތަކަށް އެއާޕޯޓް މަޝްރޫއު މިހާރު ކުރިއަށް ގެންދިޔުން ކަމަށެވެ.
"އަޅުގަނޑު މިހެން މި ފާހަގަކޮށްލީ، މިކަން ވީމަ ބައެއް ބޭފުޅުން ފާހަގަކުރޭ އައްޑޫ ވީމަ ދެން ހާދަހާ އާދައިގެ ޓާމިނަލެކޭ. އަޅުގަނޑުމެން މިކަން މި ކުރީ އެންމެ އަވަހަށް އައްޑޫގެ އިގުތިސޯދު ކުރިއަށްގެންދަން. ފަހުން ތަޅާލާފައި އާ އެއްޗެއް ހަދާނީ ލާރި ލިބެން ފެށީމަ. ވަރަށް ޕްރެކްޓިކަލް ވިސްނުމެއްގައި މިކަން ކުރަމުން މިދަނީ،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ އައްޑޫ އެއާޕޯޓް ތަރައްގީކުރާނީ އެއާޕޯޓް ކުންފުނީގެ ބޯޑު މެމްބަރުން އަދި ހިއްސާދާރުންގެ މަޝްވަރާއާ އެކު، އެ ބޭފުޅުން ބޭނުންވާ ގޮތަށް ކަމަށެވެ. އައްޑޫ އެއާޕޯޓް މަޝްރޫއަށް ބޭނުންވާ ހުރިހާ ފައިސާއެއް މިހާރު ހަމަޖެހިފައިވާ ކަމަށާއި އައްޑޫ އެއާޕޯޓް ތަރައްގީ ކުރުމުގައި ޕްރައިވެޓް ސެކްޓާގެ ދައުރު ބޮޑު ކަމަށްވެސް ވިދާޅުވިއެވެ.
އައްޑޫ އެއާޕޯޓް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ގޮތަށެވެ. އެ އެއާޕޯޓުގައި ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތަކުގެ އިތުރުން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަނެއް ވެސް ގާއިމު ކުރާނެއެވެ. އަދި ކޯލްޑް ސްޓޯރޭޖަކާ އެކު ކާގޯ ވަސީލަތްތައް ވެސް ގާއިމުކުރާ އިރު، އެއާޕޯޓުގެ މަގުތައް ތަރައްގީ ކުރުމުގެ އިތުރުން ވެހިކަލް ޕާކިން ޒޯނެއްވެސް ތަރައްގީ ކުރާނެއެވެ.
އައްޑޫ އެއާޕޯޓް ތަރައްގީ ކުރަނީ އިންޑިއާގެ އެގްޒިމް ބެންކުން ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. މި މަޝްރޫއު އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލުކޮށްފައިވަނީ 29.7 މިލިއަން ޑޮލަރަށް، ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް ކޮންޓެކްޓަރުން ޕްރީ ކޮލިފައިކުރުމުގެ މަސައްކަތް އިންޑިއަން އެގްޒިމް ބޭންކުން ފަށާފައިވަނީ މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހުއެވެ.
ފައްޔާޒު މިއަދު ވިދާޅުވީ އެއާޕޯޓުގެ ތަރައްގީކުރުމުގެ މަޝްރޫއާ އެކު އައްޑޫގެ ފަތުރުވެރިކަމުގެ އެނދުތައްވެސް މާކެޓަށް ނެރުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި އެގޮތުން ހަންކެޑެ ތަރައްގީކުރުމާއި ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އިތުރު ފަސް ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތްވެސް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ހަންކެޑެ ތަރައްގީ ކުރަން ވަނީ ފައިސާ ހަމަޖެހިފަ. މިއާއެކު ހުރި ގެސްޓްހައުސްތަކާއެކު އެއްބަސްވުމަކަށް އައިސް މަސައްކަތް ފެށޭނެ. މިއާއެކު ވިލިނގިލި ރިސޯޓުގެ މައްސަލަވެސް ހައްލުވާނެ. މިއާއެކު އައްޑޫގައި 6،000 އެނދު އުފެދޭނެ. މިވަރުން އެނދުގެ އަދަދު 8،000 އެއްނުވޭ. ނަމަވެސް މިވަރުން ފުދޭނެ ކަމަށް ބެލެވެނީ،" ފައްޔާޒު ވިދާޅުވިއެވެ.
ހަންކެޑޭގައި ރިސޯޓެއް ތަރައްގީ ކުރަން މިހާތަނަށް ފަސް ފަހަރެއްގައި މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އެކަން ހަގީގަތަކަށް ނުވެ އޮއްވައި ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް، ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ މޯލްޑިވްސް ފަންޑު މެނޭޖުނަންޓް ކޯޕަރޭޝަނުން ވަނީ ހަންކެޑެ ތަރައްގީކުރުމަށް އިއުލާނުކޮށް ޑިޒައިންގެ ފޮޓޯތައް އާއްމުކޮށްފައެވެ.
އެ ކުންފުނިން ބުނެފައިވާ ގޮތުގައި ހަންކެޑޭގައި 1،041 ކޮޓަރި ހެދުމަށް ވަނީ ހަމަޖައްސައިފައެވެ. އަދި ކޮޓަރިތައް ހަދަނީ ތަފާތު އެކި ރޭންޖުތަކާއި ތަފާތު ޑިޒައިންތަކަށް ކަމަށްވެސް ބުނެފައިވެއެވެ. އެ މަޝްރޫއުގެ ޖުމްލަ އަގަކީ ގާތްގަނޑަކަށް 175 މިލިއަން ޑޮލަރު (2.6 ބިލިއަން ރުފިޔާ) އެވެ.
ޚަބަރު
ޚަބަރު
ޚަބަރު