މާލޭގައި އިއްޔެ ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ އިތުރުން މީހެއްގެ އިނގިލީގައި ދަތް އަޅައި ބުރިކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ކުރިމިނަލް ކޯޓުން އިއްޔެ ނެރެފައިވާ އަމުރެއްގައި ބުނެފައިވަނީ، ބަންގްލަދޭޝްއަށް ނިސްބަތްވާ ޕޮލަސް ނަމަކަށް ކިޔާ މީހަކު ހަތިޔާރަކުން ދެ މީހަކަށް ހަމަލާދީފައިވާ ކަމަށެވެ. އަދި މީހެއްގެ އިނގިލީގައި ދަތް އަޅައި ބުރިކޮށްލާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެ އަމުރުގައި ބުނެފައިވަނީ ޕޮލަސްގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންކަމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން މިއަދު "ވަން" އަށް ބުނީ މި މާރާމާރީ ހިންގާފައިވަނީ އިއްޔެ ކަމަށާއި މިއީ ދެ ބިދޭސީއެއްގެ ދެމެދުގައި ހިންގި މާރާމާރީއެއް ކަމަށްވެސް ބުންޏެވެ. އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.