ދުނިޔެ

ސީރިޔާއިން ފެނުނު 8000 އަހަރުވީ ސަހަރުގެ ހަގީގަތް އަދިވެސް ހޯދަނީ

ދުނިޔޭގައި މީހުން ދިރިއުޅެފައިވާ ސަހަރުތަކުގެ ތެރެއިން އެންމެދުވަސްވީ އެއް ސަހަރު އޮތީ ސީރިޔާގައެވެ. މިހާތަނަށް އެނގިފައިވާގޮތުން އެ ސަހަރުހައި މީގެ 8000 އަހަރު ކުރިންވެސް މީހުން ދިރިއުޅެފައިވެއެވެ. އެއީ ދުނިޔޭގައިވާ އެންމެ ގަދީމީ ބިނާތަކުގެ ތެރޭގައި ހިމެނޭ މިސްރުގެ އަހުރާމްތައް ބިނާކުރުމުގެވެސް ހަތަރުހާސް އަހަރު ކުރިއެވެ.

ސީރިޔާއިން ފެނިފައިވާ ގަދީމީ ސަހަރަށް މިހާރު ކިޔާނަމަކީ ތަލްބުރަކެވެ. އެސަހަރުގެ އެންމެކުރީގެ ނަން އެއްވެސް ބަޔަކަށް ނޭނގެއެވެ. އެހެންނަމަވެސް މެދުޒަމާނުގައި ނާގަރުގެ ނަމުންވެސް ކިޔައި އުޅުނެވެ. މި ސަހަރުގެ ރަންޒަމާނަކީ ތާރީޚު ލިޔެއުޅުނު ޒަމާނެއްވެސް ނޫނެވެ. އެހެންވީމާ ތާރީޚު ދިރާސާކުރާ މީހުންނަށް މިސަހަރާމެދު މާކަބޮޑު އެއްޗެއް ނޭނގެއެވެ.

މިއީ ކުރީޒަމާނުގައި މީހުން ދިރިއުޅެފައިވާ ގަދީމީ ވަރަށް ބޮޑު ސަހަރެއްކަން އެނގުނީވެސް ވަރަށް ފަހުންނެވެ. އެކަން އެނގުނީ 1959 ވަނަ އަހަރުން ފެށިގެން 1972 ވަނަ އަހަރާ ދޭތެރޭގައި އެމެރިކާގެ ޖާސޫސީ ސެޓެލައިޓްތަކުން ނަގާފައިވާ ފޮޓޯތައް މިޒަމާނުގެ ވަސީލަތްތަކުން ބަލައި ހޯދިއިރު އިހުޒަމާނުގެ ސަހަރެއްގެ ނިޝާންތައް ފެނިގެން އިތުރަށް ހޯދުމުގެ ތެރޭގައެވެ. މި ސަހަރު އޮތީ ސީރިޔާގެ އިރުއުތުރުން އިރާގާއި ތުރުކީގެ ބޯޑަރާއި ގާތުގައެވެ. މެދުޒަމާނުގައި މިއީ މެސޮޕޮޓޭމިއާގެ އުތުރުގެ ސަރަހައްދެވެ. ފެނިގެން މިއުޅޭ ސަހަރަކީ މެސޮޕޮޓޭމިއާގެ ޒަމާނަށްވުރެވެސް މާކުރީގެ ސަހަރެކެވެ.

މިހުރިހާ ދުވަހު މިސަހަރު އޮތީ ވެލީގެ ތެރޭގައި ފޮރުވިފައެވެ. މިއީ މީހުން އުޅެފައިވާ ވަރަށް ގަދީމީ ސަހަރެއްކަން އެނގިގެން އެކިހިސާބު ކޮނެގެން ނެގުނު ތަކެތިން އެނގިފައިވަނީ މިއީ ތަކެތި އުފެއްދުމާއި ވިޔަފާރީގައި ވަރަށްވެސް ކުރިއަރާފައިއޮތް ތަނެއްކަމެވެ. މި ސަހަރު ފަޅުވީގޮތާއި ފޮރުވުނުގޮތާބެހޭ ގޮތުން ތާރީޚު ދިރާސާކުރާ މީހުންނަށް އަދިއެއްވެސް އެއްޗެއް ނުހޯދެއެވެ. އެނގޭހާވެސް އެއްޗަކީ މިއީ އެހިސާބުގެ ދަތުރުފަތުރުގެ މައިމަގުގައި އޮތް ވިޔަފާރީގެ އެންމެ ބޮޑު އެއްމަރުކަޒުކަމާއި މި ސަހަރަށް 8000 އަހަރު ވެއްޖެކަމެވެ.