ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން ބާއްވާ ކުޅިވަރުގެ ތިން ހަރަކާތެއް މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ން ސްޕޮންސާކޮށްފިއެވެ.
އެމްޑަބްލިޔުއެސްސީން ވަނީ "އާރްއޯ އެމްވީ ރަން"ގެ ނަމުގައި ކުރިއަށް ގެންދާ "އެމްވީ ރަން"ގެ ޓައިޓަލް ސްޕޮންސާޝިޕާއި "ބޮޑު 5" އަދި "ދަ މޯލްޑިވްސް ލޯންގް ރަން"ގެ ކޯ ސްޕޮންސަޝިޕްކަން ވެސް ނަގައިފައެވެ.
އެމްޑަބްލިޔުއެސްސީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްތައި އެކަމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ. ޓީއެފްޖީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހުސެއިން ޒިނާން އާއި ޓީއެފްޖީގެ މެނޭޖުމެންޓް ޓީމާއީ އެތްލީޓުންނެވެ.
އެމްޑަބްލިޔުއެސްސީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ދުވުން ސްޕޮންސަރ ކުރުމުގެ މަގުސަދަކީ ރައްޔިތުންގެ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް މަގުފަހިކޮށްދީ ކަސްރަތު ކުރުމަށް ހިތްވަރުދިނުން ކަމަށެވެ.
އެމްޑަބްލިޔުއެސްސީން ބުނީ މިދިޔަ އަހަރުން ފެށިގެން ޓީއެފްޖީގެ ފަރާތުން ބާއްވާ "އާރޯ އެމްވީ ރަން" އަކީ ހުރިހާ އުމުރުފުރާއަކަށް ހުޅުވާލައިގެން ބާއްވާ ދުވުމެއް ކަމަށެވެ. މިއަހަރުގެ އެ ދުވުން ބާއްވަން ހަމަޖެހިފައިވަނީ ޖޫން މަހުގެ ދެވަނަ ދުވަހު ހެނދުނު 7:00 ޖަހާއިރު ހުޅުމާލޭގައި ކަމަށެވެ.
އެ ދުވުމުގައި ފަސް ކިލޯމީޓަރަށް ދުވުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ދުވުމުގައި ބައިވެރިވާ ދުވުންތެރިންގެ ތެރެއިން އެއްވަނައަށް ދާ ދުވުންތެރިއަކަށް 7،500 ރުފިޔާ، ދެވަނައަށް ދާ ދުވުންތެރިއަކަށް 4،500 ރުފިޔާ އަދި ތިންވަނައަށް ދާ ކޮންމެ ދުވުންތެރިއަކަށް 2،500 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ. އަދި 50 މިނިޓު ތެރޭގައި ދުވެ ނިންމާ ފަރާތްތަކުގެ ތެރެއިން ގުރުއަތުލައިގެން ހޮވޭ ނަސީބުވެރިންނަށް ފައިސާ އާއި އެހެނިހެން އިނާމުތައް ލިބެން ހުންނާނެކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި