ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކަކީ ރިޔާސީ އިންތިހާބަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުތަކެއް ނޫން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ތ. ހިރިލަންދުއަށް މިއަދު ވަޑައިގެން އެރަށުގައި ގާއިމުކުރި ފެނަކަ ހިރިލަންދޫ އާ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ފާއިތުވެ ދިޔަ ސަރުކާރުތަކުން ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވަނީ ރިޔާސީ އިންތިހާބުތައް ކާމިޔާބު ކުރުމުގެ ބޭނުމުގައި ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖެއަށް ލިބޭ އާމްދަނީއާ އެއްވަރަށް ރާއްޖެ ތަރައްގީވެފައިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރާއި ފާއިތުވެ ދިޔަ ސަރުކާރުތަކާ ތަފާތު ކަމަށާއި މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަނީ އިންތިހާބުތައް ކާމިޔާބު ކުރުމުގެ މަގުސަދުގައި ނޫން ކަމަށެވެ.
""އަޅުގަނޑުމެން ވިސްނުން ތަފާތު ވާނެ. އަޅުގަނޑުމެން މަސައްކަތް ރާވައި ކުރިޔަށް މި ގެންދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ނޫނީ މަޖިލިސް އިންތިހާބަކީ އެންމެ މުހިންމު ކަމެއް ގޮތުގައި ދެކިގެނެއް ނޫން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނުގެ ވިސްނުންފުޅަކީ މުޅި ރާއްޖެ ތަރައްގީ ކުރަން ބޭނުންވާ ހިދުމަތްތައް އަބަދުވެސް ފޯރު ކޮށްދެމުން ގެންދިއުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގައުމު ތަރައްގީ ވާނީ ރައްޔިތުން ތަރައްގީ ވެގެން ކަމަށެވެ. އަދި "ރައްޔިތުން ތަރައްގީވާނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފުރަތަމަ ފޯރުކޮށްދެވިގެން ރަށްރަށުގައި އާއިލާއާ އެކީގައި ހަމަޖެހިގެން އުޅެވޭނެ ގޮތްތަކެއް ހަދައިދީގެން،" ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު