ސައޫދީ އަރަބިޔާގައި ކޮންމެ އަހަރެއްގެވެސް މާރޗް މަހުގެ އެގާރަވަނަ ދުވަހަކީ ގައުމީ ދިދައިގެ ދުވަސްކަމަށް ކަނޑައަޅުއްވައި ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު ޝާހީ ގަރާރެއް ނެރުއްވައިފިއެވެ.
މިކަމަށް ސައޫދީ ގަނޑުވަރުން ބުދަދުވަހު ގަރާރެއް ނެރެ ގައުމީ ދިދައިގެ ދުވަހެއް ރަސްމީގޮތުން ފާހަގަކުރަން ހަމަޖެއްސީ ސައޫދީ ގައުމިއްޔަތާއި ދީނާއި ރަސްކަމަށް ރައްޔިތުންގެ ހިތުގައި ލޯބިޖައްސައި ވަރުގަދަކުރުމުގެ ގޮތުންނެވެ. އެދުވަހަކީ މާރޗް މަހުގެ އެގާރަވަނަ ދުވަސް ކަމަށް ކަނޑައެޅީ ސައޫދީ ދައުލަތް ރަމްޒުކުރާ ނިޝާނަކީ މިހާރުވެސް ބޭނުންކުރަމުންދާ ދިދަކަމަށް ސައޫދީ އަރަބިޔާގެ ބާނީ އަބްދުލްއަޒީޒު އާލް ސައުދު ނިންމެވީ 11 މާޗް 1937 ގައި ކަމަށްވާތީއެވެ. އަބްދުލްއަޒީޒު އާލް ސައުދަކީ މިހާރު ހުންނެވި ރަސްގެފާނު ސަލްމާންގެ ބައްޕާފުޅެވެ.
ސައޫދީ އަރަބިޔާގެ ގައުމީ ދިދައިން ރަމްޒުކޮށްދެނީ އިސްލާމްދީނާއި އަދުލުއިންސާފާއި އާރާއި ބާރާއި ތަރައްގީއާއި ތިޔާގިކަމެވެ. ފެހިކުލައިގެ ދިދައިގައި ހުދުކުލައިން ޝަހާދަތުގެ ދެކަލިމަ އޮވެފައި އޭގެތިރީގައި ކަނޑިއެކެވެ. ދެކަލިމައިގެ މާނަޔަކީ ﷲ ފިޔަވައި އެހެން އިލާހަކު ނުވެއެވެ. މުހައްމަދުގެފާނަކީ ﷲ ގެ ރަސޫލާއެވެ.
ރަސްގެފާނު ސަލްމާނު ވަނީ ފަހަކަށްއައިސް ގައުމީ ކަލަންޑަރަށް ދުވަސްތައް އިތުރު ކުރެއްވުމުގެ ޕްރޮގްރާމެއް ފައްޓަވައިފައެވެ. ސައޫދީ އަރަބިޔާގެ ދައުލަތުގެ ބިންގައު އެޅުނު ދުވަސް ފާހަގަކޮށް އެހެން ގައުމުތަކުގައި ގައުމީ ދުވަސް ފާހަގަކުރާ ބީދައިން ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު ތޭވީސް ފާހަގަކުރުމާގުޅޭ ޝާހީ ގަރާރެއް ރަސްގެފާނު ނެރުއްވީ ހުސްވިއަހަރުގެ ތެރޭގައެވެ. މިދުވަހަކީ ގައުމީގޮތުން މިހާރު ފާހަގަކުރާ އެންމެ ކުލަގަދަ އެއްދުވަހެވެ.