އެފްރިކާގެ އެންމެ އާބާދީ ބޮޑު ގައުމަކީ ނައިޖީރިއާއެވެ. އެތާގައި 211 މިލިޔަން މީހުން ދިރިއުޅެއެވެ. އެފްރިކާގެ އެންމެ ބޮޑު އިގްތިސާދެއް އޮތީވެސް ނައިޖީރިއާގައެވެ. އެތާގެ އިގްތިސާދު ދެކުނު އެފްރިކާއަށްވުރެވެސް ފުޅަލެވެ. އެހެންވީމާ ހުރިހައި ގޮތަކުން އެފްރިކާގެ އެންމެ ބޮޑު ބާރަކީ ނައިޖީރިއާއެވެ. ނައިޖީރިއާގެ އާބާދީގެ ތެރެއިން ފަންސާސް އިންސައްތަޔަކީ މުސްލިމުންނެވެ. ނަސާރާއިންގެ ނިސްބަތަކީ ސާޅީސް އިންސައްތައެވެ. އެހެންވީމާ އެއީ މުސްލިމުންނަށް އަޣުލަބިއްޔަތު ލިބިގެންވާ އިސްލާމީ ގައުމެކެވެ. އެއީ އިސްލާމީ ގައުމުތަކުގެ މައްޗަށް އެކުލެވިގެންވާ ޖަމިއްޔާގެ 57 މެންބަރު ގައުމުގެ ތެރެއިންވެސް ގައުމެކެވެ. އޯއައިސީގެ މެންބަރު ގައުމުތަކުގެ ތެރެއިން އިންޑޮނީޝިޔާ އާއި ޕާކިސްތާނު ނެގުމަށްފަހު ދެން އެންމެ ބޮޑު އާބާދީއެއް އޮތީވެސް ނައިޖީރިއާގައެވެ.
މަތީގައި ބަޔާންކުރެވުނު ސަބަބުތަކާހެދި ނައިޖީރިޔާއަކީ އެފްރިކާ ބައްރުގެ އެންމެ މުހިއްމު ގައުމެވެ. އިސްލާމީ ދުނިޔޭގައިވެސް އެންމެ މުހިއްމު ގައުމުތަކުގެ ތެރެއިން އެއްގައުމެވެ. ނައިޖީރިޔާގެ އެތެރޭގައި ހިނގާ ކަންކަމަކީ އޭގެ ރަނގަޅާއި ނުރަނގަޅު މުޅި ދުނިޔެއަށްވެސް އިހުސާސްކުރަންޖެހޭ ކަންކަމެވެ. ނައިޖީރިޔާގެ ރިޔާސީ އިންތިޚާބު މުހިއްމުވަނީ މިގޮތުންނެވެ. ނައިޖީރިޔާގެ ރައްޔިތުންވަނީ ކުރިއަށް އޮތް ފަސް އަހަރަށް އެގައުމުގެ ރައީސަކު ހޮވުމަށް މި ހަފުތާގައި ވޯޓުލައިފައެވެ. އެއީ ރިޔާސީ ނިޒާމު އޮންނަ ގައުމެކެވެ. ނައިޖީރިއާގެ ތާރީޚަށް ބަލާއިރު ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުކުރެވޭ މަދަނީ ރައީސުންނަށް ދައުރު ފުރިހަމަ ކުރެއްވިފައިވަނީ ދާދި މަދަކުންނެވެ. އަސްކަރީ އިންގިލާބުތައް ގިނަވެފައި އަސްކަރީ ޖެނެރަލުންގެ ބާރު މާގަދައީއެވެ.
ނައިޖީރިޔާގައި އެންމެފަހުން ބޭއްވުނު ރިޔާސީ އިންތިޚާބަކީ މައްސަލަތައް ގިނަ، ޝަކުވާތައްވެސް ގިނަ އިންތިޚާބެކެވެ. މި އިންތިޚާބު ކާމިޔާބު ކުރެއްވިކަމަށް ރަސްމީ އިދާރާތަކުން ބުނެފައިވާ ބޭފުޅަކީ ވެރިކަންކުރާ ޕާޓީގެ ކެންޑިޑޭޓް އުމުރުފުޅުން 70 އަހަރުވީ ބޯލާ އަހުމަދު ޓިނުބޫއެވެ. އޭނާއަށް ޖުމްލަ ވޯޓުގެ 37 އިންސައްތަ ލިބިވަޑައިގެންނެވިކަމަށް ރިކޯޑުތަކުން ދައްކާއިރު އެންމެ ބޮޑު އިދިކޮޅު ލީޑަރުކަމަށްވާ އަތިކޫ އަބޫބަކުރަށް ހޯއްދެވުނީ 29 އިންސައްތައެވެ. ލޭބަރ ޕާޓީގެ ޕީޓަރ އޮބީއަށް 25 އިންސައްތައެވެ. މި ދެބޭފުޅުންނާއި އެބޭފުޅުންނަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ސަރުކާރުން ވޯޓު އޮޅުވައިލީކަމަށާއި ވޯޓުން ވައްކަންކުރީ ކަމަށް ތުހުމަތުކޮށްފައެވެ. ނަތީޖާ ގަބޫލުކުރަން އިންކާރުކުރުމާއެކު އަލުން ވޯޓެއް ނެގުމަށްވެސް ވަނީ އެދިފައެވެ.
އިންތިޚާބު ކާމިޔާބު ކުރެއްވި ޓިނުބޫއަކީ ނައިޖީރިޔާގެ ސިޔާސީ މަލަމަތިން ފެންނަ އެންމެ ދުވަސްވީ މޫނެވެ. އަދި ސިޔާސީ ލީޑަރުންގެ ތެރެއިން އެންމެ މުއްސަނދި ބޭފުޅަކީވެސް އެއީއެވެ. އޭނާ ކެމްޕޭނު ކުރެއްވީ އާރާސްތުކުރުމުގެ ތަޖުރިބާހުރި މީހެއްގެ ގޮތުގައެވެ. ވިދާޅުވަމުން ގެންދެވިއެވެ. ނައިޖީރިޔާގެ އެންމެ ބޮޑު ސަހަރުކަމަށްވާ ލޭގޯސް އާރާސްތުކުރީވެސް ތިމަންނައެވެ. އެތާގެ ގަވަރުނަރުކަންކުރި ދުވަސްވަރުގައެވެ. އެކަމަކު ލޭގޯސްގައި ޓިނުބޫގެ މައްޗަށް ކުރި ހޯއްދެވީ ލޭބަރ ޕާޓީގެ ޕީޓަރ އޮބީއެވެ. ގިނަ ޒުވާނުންގެ ތާއީދު އޮތީ އޮބީއަށެވެ. އޮބީއަކީ ނައިޖީރިޔާގައި މީގެކުރިން އޮންނަ ދެ ޕާޓީގެ ރޭސް ތިން ޕާޓީގެ ރޭހަކަށް ބަދަލުކުރެެއްވި ކެންޑިޑޭޓެވެ. ލޭގޯސްގައި އޮބީއަށް ކުރި ހޯއްދެވުނަސް ރަށްފުށުގެ ގިނަ ހިސާބުތަކުގައި ކުރިހޯއްދެވީ ޓިނުބޫއެވެ.
ނައިޖީރިޔާގައި ވެރިކަން ކުރަމުން އަންނަ ޕާޓީއަކީ އޯލް ޕްރޮގްރެސިވް ކޮންގްރެސް، އޭޕީސީއެވެ. މިފަހަރުގެ އިންތިޚާބުގައި މިހާރު ހުންނެވި ރައީސް މޭޖަރ ޖެނެރަލް މުހައްމަދު ބުޚާރީ ވާދައެއް ނުކުރައްވަައެވެ. އެހެންވީމާ އޭޕީސީގެ ރިޔާސީ ޓިކެޓް ދެވުނީ ބޯލާ އަހުމަދު ޓިނުބޫއަށެވެ. މީގެކުރިން ޓިނުބޫއަކީ އެހެން މީހުންނަށް ޓިކެޓްދޭން ހުންނަވާ ލީޑަރެވެ. ކިންގް މޭކަރެވެ. އެގޮތް ދޫކުރައްވައި މިފަހަރު އޭޕީސީގެ ކެންޑިޑޭޓްކަމަށް ވެވަޑައިގެން އިޚުތިޔާރު ކުރެއްވި ކެމްޕޭން ޝިއާރަކީ ޔޮރޫބާ ބަހުން "އެމީ ލޯ ކަން" އެވެ. މާނަޔަކީ މިއީ އަހަރެންގެ ފަހަރެވެ. ކޮންމެއަކަސް ބޯލާ އަހުމަދު ޓިނުބޫގެ ހުވަފެނުފައި އެއޮތީ ކުލަޖެހިފައެވެ. އިންތިޚާބުން އޭނާއަށް ކުރި ހޯއްދެވިއްޖެއެވެ. އެހެންނަމަވެސް ދެންވާނެގޮތަކާމެދު ސުވާލުތަކެއް ވަނީ އުފެދިފައެވެ.
ކުރިންވެސް ދެންނެވުނު ފަދައިން އިދިކޮޅު ކެންޑިޑޭޓުން މި ނަތީޖާ ގަބޫލެއް ނުކުރެއެވެ. އިގްތިސާދުގެ މަރުކަޒު ކަމަށްވާ ލޭގޯސް އާއި ވެރިރަށް އަބޫޖާ އަދި އުތުރުގެ އެންމެ ބައިބޯ ކާނޯގައި ޓިނުބޫއަށް އަޣުލަބިއްޔަތެއް ނުހޯއްދެވުނެވެ. ޒުވާނުންގެ ތާއީދު ނެތްކަންވެސް ވަނީ ހާމަވެގެން ގޮސްފައެވެ. އެހެންވީމާ ވަރުގަދަ ދެކޮޅުވެރިކަމެއް ހިލިގަތުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު ސިފައިންނާއި ފުލުހުން އެތިބީ ސަރުކާރާއެކުގައެވެ. ބޯލާ އަހުމަދު ޓިނުބޫއާއެކުގައެވެ. އިންތިޚާބުގައި ކާމިޔާބު ހޯއްދެވިއްޖެކަން އިއުލާން ކުރެއްވުމާއެކު ޓިނުބޫ ވިދާޅުވިއެވެ. ޚިލާފުތައް ނައްތާލާފައި ގައުމު އާރާސްތުކުރުމާއިގެން އުޅެމާބަހީއެވެ. ތިމަންނައަކީ ހަމައެކަނި ވޯޓުދިން މީހުންގެ ރައީސެއް ނޫނެވެ. ވޯޓުނުދޭ މީހުންގެވެސް ރައީސެވެ. ނައިޖީރިޔާގެ އެންމެހައި ރައްޔިތުންގެ ރައީސެވެ.