ރަސްގެފާނު ޗާލްސް ތިނެއް

ޗާލްސްގެ ރަސްކަމަށް ދެން ގިނަދުވަސްތަކެއް ނެތްކަމަށް ރާހިބަލާ މީހުން ބުނެފި

އިނގިރޭސިވިލާތުގެ އައު ރަސްގެފާނު ޗާލްސް ތިންވަނަ ރަސްމީގޮތުން ތަޚުތުގައި ވަޑުވައި އިސްތަށިފުޅުގައި ތާޖު ބެހެއްޓުމުގެ ހަފުލާ މިއަހަރުގެ މެއި ހަވަނަ ދުވަހު ބޭއްވުމަށް ތާވަލް ކުރެވިފައިވާއިރު އޭގެކުރިން އެމަނިކުފާނު ރަސްކަން ދޫކޮށްލެއްވުން ވަރަށް ގާތްކަމަށް ރާހިބަލާ ބައެއް މީހުން ބުނަން ފަށައިފިއެވެ.

އިނގިރޭސިވިލާތުގެ ގިނަބައެއްގެ މެދުގައި މަޝްހޫރު ރާހިބަލާ މީހެއް ކަމަށްވާ ޖޭސްމިން ރޯސް އެންޑަސަން ބުނެފައިވަނީ ޗާލްސްގެ ކޮރޮނޭޝަން ހަފުލާ ބާއްވާ ތާރީޚަކީ ސުންޕާކަމާއި ނުބައިކަމަށް ދަލީލުކުރާ ގޮތަށް އިރުހަނދާއި ތަރިތައް އެތުރި ތިބޭ ދުވަސްވަރެއް ކަމަށެވެ. އެހެންވީމާ ޗާލްސްގެ ރަސްކަން ގިނަދުވަހަށް ދެމިގެންދިޔުމަކީ މުސްތަހީލު ކަމެއް ކަމަށާއި އޭނާ ގަބޫލުކުރާގޮތުން ކޮރޮނޭޝަން ހަފުލާ ބޭއްވުމުގެ ކުރިންވެސް ޗާލްސް ރަސްކަން ދޫކޮށްލެއްވުން ގާތް ކަމަށެވެ. ތަޚުތު ހުސްވުން އެކަށީގެންވާ ކަމަށެވެ.

ޗާލްސްގެ ރަސްކަން ފެށުނީ ހުސްވި 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު 8 ވަނަ ދުވަހު ރާނީ އެލިޒަބަތު އަވަހާރަވުމުންނެވެ. ޗާލްސްގެ ކޮރޮނޭޝަން ހަފުލާ ތާވަލް ކުރެވިފައިމިވަނީ ޗާލްސްގެ ރަސްކަން ފެށުނުތާ ގާތްގަޑަކަށް ނުވަމަސް ފަހުންނެވެ. ރަމަލުޖެހުމާއި ފާލުބެލުމާއި ރާހިބެލުމުގެ މާހިރުން ބުނާގޮތުގައި ޗާލްސްގެ ރަސްކަން ފެށުނު ދުވަސްކޮޅަކީވެސް ރަނގަޅު ދުވަސްކޮޅެއް ނޫނެވެ. އެހެންވީމާ އެމަނިކުފާނުގެ ރަސްކަމަކީ ދިގު މުއްދަތަކަށް ދެމިގެންދާންއޮތް ރަސްކަމެއްކަމަށް ނުބެލެވެއެވެ.

ނޫސްތަކަށް ދިން އިންޓަރވިޔުއެއްގައި ޖޭސްމިން ރޯސް އެންޑަސަން ބުނެފައިވަނީ ތިންމަހާއި އަށާރަމަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޗާލްސްގެ ރަސްކަން ނިމޭނެކަމަށް ކުރިންވެސް ލަފާކުރެވުނު ކަމުގައެވެ. މިހާރުވެސް އޭގެތެރެއިން ހަމަސް ފާއިތުވެގެން ގޮސްފައިވާތީ ދެން ލަސްތަކެއްވާނެ ކަމަށް ނުފެންނަ ކަމަށް ބުނެފައިވެއެވެ. ޗާލްސްގެ ރަސްކަން ނިމިއްޖެނަމަ ދެން ތަޚުތަށް އިސްވާނީ ވަލީއަހުދު ވިލިއަމެވެ. އެކަމަކު ވިލިއަމަށް ރަސްކަން ލިބުމެއް ނެތްކަމަށް ރާހިބަލާ ބައެއް މީހުން ވަނީ ބުނެފައެވެ.