ކެންސަރަށް ފަރުވާ ހޯއްދަވަމުންގެންދަވާ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް (ތިންވަނަ) އަށް ރައީސް މުހައްމަދު މުއިއްޒު ހިތްވަރު ދެއްވައިފިއެވެ.

ރައީސް މުއިއްޒު، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޗާލްސް ކެންސަރަށް ޑައިގްނޯސިސްވި ހަބަރު އެއްސެވީ ފުން ހިތަމާއާއެކު ކަމަށެވެ. ރަސްގެފާނު، ކެންސަރު ބައްޔާ ދެކޮޅަށް ހަނގުރާމަ ކުރައްވައި ކުރި ހޯއްދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވަނީ ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ރަސްގެފާނު ޗާލްސްއަށް ފުރިހަމަ ސިއްހަތަކަށާއި އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

އިނގިރޭސި ޝާހީ ގަނޑުވަރު، ބަކިންހަމް ޕެލެސްއިން އިއްޔެ ވަނީ ޗާލްސް، ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާކަން ހާމަކޮށްފައެވެ. ބަކިންހަމް ޕެލަސްއިން ބުނެފައިވަނީ ޗާލްސްއަށް ކެންސަރު ޖެހިފައިވާކަން ފާހަގަކުރެވުނީ މި ފަހުން ޕްރޮސްޓްރޭޓް ބޮޑުވެގެން ފަރުވާ ހޯއްދެވުމުގެ ތެރެއިން ކަމަށެވެ.

ޕްރޮސްޓްރޭޓް ބޮޑުވެގެން ފަރުވާ ހޯއްދެވި ނަމަވެސް ޗާލްސް ޑައިގްނޯސިސް ވެފައިވަނީ ޕްރޮސްޓްރޭޓް ކެންސަރަށް ނޫން ކަމަށް ބަކިންހަމް ޕެލަސްއިން ބުނެފައިވެއެވެ.

ޗާލްސް ފަރުވާ ހޯއްދަވަމުން ގެންދަވަނީ ކޮން ވައްތަރެއްގެ ކެންސަރަކަށް ކަމަށް ބަކިންހަމް ޕެލަސްއިން ހާމަކޮށްފައެއް ނުވެއެވެ. އަދި ޗާލްސް ޕޮޒިޓިވްވެފައިވަނީ ކެންސަރުގެ ކިތައް ވަނަ ސްޓޭޖެއް ކަމެއް ވެސް ހާމައެއް ނުކުރެއެވެ.