މާލޭގެ ހޭންޑްބޯޅަ ކޯޓުގައި ކުރިއަށްދާ އިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ޑިވިޝަންގެ ތަށި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ހޯދި އިރު، 17 އަހަރުން ދަށުގެ އަންހެން ބައިގެ ތަށި އއ. ރަސްދޫގެ އއ. އަތޮޅު ތައުލީމީ މަރުކަޒުން ހޯދައިފިއެވެ.

ޖުމުލަ 24 ސްކޫލަކުން 70 ޓީމު ވާދަކުރާ ހަ ވަނަ އިންޓަ ސްކޫލު ހޭންޑްބޯޅަ މުބާރާތުގެ އަންހެން ބައިގެ ފައިނަލުތައް އިއްޔެ ނިމުނު އިރު، އިއްޔެ ހަވީރު ކުޅުނު 15 އަހަރުން ދަށުގެ އަންހެން ބައިގެ ފައިނަލް މެޗު އަހުމަދިއްޔާއިން ކާމިޔާބުކުރީ ގާޒީ ސްކޫލާ ވާދަކޮށް 13-4 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އަހުމަދިއްޔާގެ މަރިޔަމް ކައިލީން ޝިރުހާނެވެ.

އަންހެން 15 އަހަރުން ދަށުގެ މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަކީ އަހުމަދިއްޔާގެ ކައިލީނާއި އެ ސްކޫލުގެ ފާތިމަތު ރުކާން އިބްރާހިމް އަދި ކަލާފާނު ސްކޫލްގެ މަރިޔަމް މާޝަލް އަހުމަދެވެ.

އިއްޔެ ކުޅުނު 17 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން އއ. އަތޮޅު ތައުލީމީ މަރުކަޒުން ހޯދީ ފައިނަލުގައި އިސްކަންދަރު ސްކޫލު 14-8 އިން ބަލިކޮށްފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ އއ. އަތޮޅު ތައުލީމީ މަރުކަޒުގެ ހައްވާ މިލްހާނާ މުހައްމަދު މާހިރެވެ. އަންހެން 17 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރީންނަކީ އއ. އަތޮޅު ތައުލީމީ މަރުކަޒުގެ މިލްހާނާއާއި އެ ސްކޫލްގެ ގޯލްކީޕަރު އައިޝަތު އިނާ އާތިފް އަދި އިސްކަންދަރު ސްކޫލުގެ ފާތިމަތު ލީމް ރިޝާދެވެ.

އިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ބައިގެ މެޗުތައް މިހާރުވެސް ކުރިއަށްދާ އިރު، ފިރިހެން ބައިގެ ފައިނަލް މެޗުތައް ކުޅޭނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.