ދައުލަތުގެ އެތެރޭގެ އޮޑިޓް ނިޒާމު ހަރުދަނާކޮށް އެ ދާއިރާގައި ހަރަކާތްތެރިވާ މީހުން ހޭލުންތެރި ކުރުވުމުގެ ބޭނުމުގައި ފުރަތަމަ ފަހަރަށް އިންޓާނަލް އޮޑިޓް ކޮންފަރެންސެއް ފަށައިފިއެވެ.

މިއަދާއި މާދަމާ ދަރުބާރުގޭގައި ކުރިއަށްދާ މި ކޮންފަރެންސް މިއަދު ފައްޓަވައިދެއްވައި ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) އިފުތިތާހުކޮށްދެއްވީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުالله ޖަމީލެވެ.

ކޮންފަރެންސް ފެއްޓުމަށް ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އޮޑިޓް ޕޯޓަލެއްވެސް ވަނީ އިފުތިތާހު ކޮށްފައެވެ. ޕޯޓަލް އިފުތިތާހު ކޮށްދެއްވީ އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ އެވެ.

މިއަދު އިފުތިތާހުކުރި އެސްއޭޕީގައި ދައުލަތުގެ އިންޓާނަލް އޮޑިޓް ފަންކްޝަންތަކުގެ ތެރެއިން އިތުރަށް ހަރުދަނާކުރަން މައިގަނޑު ހަތަރު ކަމެއް ކަނޑައަޅާފައިވެއެވެ. އެއީ ގާނޫނާއި ގަވާއިދު ހަރުދަނާކުރުން, ގާބިލުކަން އިތުރުކުރުން, އޮޑިޓް ފެންވަރު ހިފެހެއްޓުން އަދި މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމެވެ.

މިއަދު އިއުފިތާހުކުރި އޮޑިޓް ޕޯޓަލް ފަރުމާކޮށްފައިވަނީ ފިނޭންސް މިނިސްޓްރީން ބަލަހައްޓާ ބަނޑޭރި ޕޯޓަލްގެ މޮޑިއުލްގެ ތެރެއިންނެވެ.

މި ޕޯޓަލް މެދުވެރިކޮށް އޮޑިޓްތަކުގައި ފާހަގަވާ މައްސަލަތައް ހަރުދަނާކުރަން ދީފައިވާ ރިކޮމެންޑޭޝަންތައް ތަންފީޒުކުރޭތޯ ބެލޭނެއެވެ. އަދި ދައުލަތުގެ އިންޓާނަލް އޮޑިޓް ފަންކްޝަންތަކުގެ ހިންގުން ހަރުދަނާކޮށް އެ ފަންކްޝަންތަކުގައިވާ މައުލޫމާތާއި މަސައްކަތްތައް އެއް ތަނަކުން މޮނީޓާ ކުރެވޭނެއެވެ.

ދައުލަތުގެ އޮފީސްތަކާއި އިދާރާތަކުގައި އޮޑިޓިން ދާއިރާއިން ހުރި ގޮންޖެހުންތައް ދެނެގަނެ, އެތަންތަނުގައި ހުރި ދައުލަތުގެ މުދަލާއި ފައިސާ އަދި ހިސާބުތަކާ އެއާ ގުޅޭ ލިޔެކިޔުންތައް ބަލަހައްޓަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށްތޯ ބަލައި އިތުރަށް ހަރުދަނާކުރަންޖެހޭ ކަންކަމާމެދު ލަފާދީ އެކަމަށް ބޭރު އެޅުމަށް ފިނޭންސް މިނިސްޓްރީގައި އިންޓާނަލް އޮޑިޓް ފަންކްޝަން ގާއިމުކުރީ 2009 ވަނަ އަހަރުއެވެ.

ނަމަވެސް އޮޑިޓް ފަންކްޝަން އިތުރަށް ހަރުދަނާކުރަން 2019 ވަނަ އަހަރު އިންޓާނަލް އޮޑިޓް ކޮމެޓީއެއް އެކުލަވާލިއެވެ.